ދުނިޔޭގެ ވިޔަފާރި

ސްމާޓް ޗިޕް ލިބުން ދަތިވެ، ފޯޑްގެ ކާރުޚާނާތަކެއް ބަންދުކުރަނީ


އޮޓޯމޮބައިލް ސިނާޢަތުގައި މަޝްހޫރު ކުންފުނި ފޯޑްއިން، އުތުރު އެމެރިކާގައި ހިންގާ އެ ކުންފުނީގެ ކާރުޚާނާތަކުގެ މަސައްކަތް މެދުކަނޑާލަން ނިންމައިފިއެވެ.

އެމެރިކާގެ ނޫސްތަކުން ހާމަކުރާގޮތުން އަންނަ ހަފްތާގައި ޢަމަލުކުރުމަށް ފަށާ މި ނިންމުމުގެ ދަށުން، މިސޮރީ، މިޝިގަން، އަދި ކެންޓަކީގައި ހިންގާ ފޯޑްގެ ކާރުޚާނާތަކުގެ މަސައްކަތް މަޑުޖައްސާލާނެއެވެ. އަދި ކެނެޑާގެ އޯކްވިލްގައި ހުންނަ ކާރުޚާނާގެ މަސައްކަތްވެސް މަޑުޖައްސައި، ކައިރި މުސްތަޤުބަލުގައި މި ކާރުޚާނާ ބަންދުކުރުމަށް ނިންމާފައިވެއެވެ.

މީގެއިތުރުން މިޝިގަން، އިލިނޮއި، އަދި މެކްސިކޯގައި ހުންނަ ފޯޑްގެ ކާރުޚާނާތަކުގައި އުފައްދާ ބައެއް މޮޑެލްތަކުގެ އުޅަނދު އުފެއްދުމުގެ މަސައްކަތް އެއްކޮށް މެދުކަނޑާލުމަށް ނިންމާފައިވެއެވެ. އެގޮތުން ފޯޑް ބްރޮންކޯ އާއި، އަލަށް ތަޢާރަފްކުރި މަސްޓޭންގް މެކް-އީ އިލެކްޓްރިކް ކާރުގެ އިތުރުން، މަޝްހޫރު F-150 ޕިކަޕް އުފެއްދުމުގެ މަސައްކަތް މެދުކަނޑާލުމަށް ވަނީ ނިންމާފައިވެއެވެ.

ފޯޑްގެ މި ނިންމުމަކީ ސެމީކޮންޑަކްޓަރ ލިބުމުގައި މުޅި ދުނިޔޭގައިވެސް މިހާރު ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ގެނައި ނިންމުމެއްކަމަށް ރިޕޯޓުތަކުން ބުނެއެވެ. އާދައިގެ ކާރެއް އުފެއްދުމަށް މަދުވެގެން 1000 ސެމީކޮންޑަކްޓަރ ޗިޕް ބޭނުންވާއިރު، ފަހުގެ އިލެކްޓްރިކް ކާރުތަކުގައި ގާތްގަނޑަކަށް 2000 ޗިޕް ބޭނުންކުރަންޖެހެއެވެ. ނަމަވެސް މިތަކެތި ނުލިބުމުގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް ލަސްވެ، އުފެއްދުންތައް އަގުބޮޑުވެގެންދާކަމަށް ފޯޑްއިން ފާހަގަކުރެއެވެ.

ސެމީކޮންޑަކްޓަރ ލިބުމުގައި އޮޓޯމޮބައިލް އާއި ޓެކް ސިނާޢަތަށް ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އަމިއްލަ ޤައުމުގައި ޗިޕް އުފެއްދުމަށް އެމެރިކާ ސަރުކާރުން ދަނީ ބާރުއަޅަމުންނެވެ. އެގޮތުން އިންޓެލް ކުންފުނިން، 20 ބިލިއަން ޑޮލަރު އިންވެސްޓްކޮށްގެން، އޮހައޯގައިި މި ޖަނަވަރީމަހު ޢިމާރާތްކުރަންފެށި ސެމީކޮންޑަކްޓަރ އުފެއްދުމަށް ޚާއްޞަ ދެ ކާރުޚާނާގެ މަސައްކަތަކީ "ތާރީޚީ ނިންމުމެއް" ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޕެންޑަމިކް ފެށުނީއްސުރެ ދުނިޔެއަށް ދިމާވެފައިވާ ސެމީކޮންޑަކްޓަރ ޗިޕް ލިބުމުގެ ދަތިކަން ޙައްލުކުރުމަށާއި، ޗައިނާއިން ދުނިޔޭގެ އިޤްތިޞާދަށް ނުފޫޒު އޮންނަ މިންވަރު ކުޑަކުރުމުގެ ގޮތުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުން ވަނީ، ސެމީކޮންޑަކްޓަރ އާއިބެހޭ ދިރާސާކުރުމަށާއި އެތަކެތި އުފެއްދުމުގެ މަޝްރޫޢުތަކަށް އެތައް ބިލިއަން ޑޮލަރެއް ޚަރަދުކުރުމަށް ނިންމާފައެވެ.

ކޯވިޑް-19ގެ ސަބަބުން ލިބުނު ގެއްލުން ބޮޑުވެ، 2021 ވަނަ އަހަރުވެސް ފޯޑް އިން ވަނީ ބްރެޒިލްގައި ހުންނަ އެ ކުންފުނީގެ އެންމެ ގިނަ ޕްލާންޓްތައް ހިމެނޭ 3 ކާރުޚާނާއެއް ބަންދުކޮށްފައެވެ. ކޯވިޑްގެ ސަބަބުން އެ ފޯޑް ކުންފުންޏަށް 11 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް 2021 ވަނަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް ފައިދާ ވާން ފަށައި، ފަހު ކުއާޓަރުގައި 17.9 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވެއެވެ.

ފޯޑްގެ ވިޔަފާރިއަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ބޭނުންވާ ސާމާނު ލިބުމުގައި ހުރި ދަތިތައްކަމުން، މި ކުއާާޓަރުގައި އުޅަނދު އުފައްދާ މިންވަރު މަދުވެގެންދާނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ.