ދުނިޔޭގެ ވިޔަފާރި

އިންފްލޭޝަން އެއްވަރެއްގައި ހިފެހެއްޓިފައި އޮވެދާނެކަމަށް ނުބެލޭނެ : އައި.އެމް.އެފް


ދުނިޔޭގެ އިޤްތިޞާދަށް ބަލާއިރު އިންފްލޭޝަން މިހާރު ހުރި ހިސާބުގައި ހިފެހެއްޓިފައި ހުންނާނެކަމަށް ބެލެވެން ނެތްކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، (އައި.އެމް.އެފް)އިން ހާމަކޮށްފިއެވެ.

ބުރާސްފަތިދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އައި.އެމް.އެފް ގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވީ، ދުނިޔޭގެ ނިޞްބަތުން ބަލާއިރު އިންފްލޭޝަން އެއްވަރެއްގައި ހިފެހެއްޓިއްޖެކަމަށް ބުނަން އަދި މާ އަވަސްކަމަށެވެ. އެހެންކަމުން އިޤްތިޞާދީ ލޮޅުންތަކަށް ވިޔަފާރިތައް ތައްޔާރުވެގެން ތިބެންޖެހޭ ކަމަށާއި، ނޫންނަމަ ދުނިޔޭގެ މަސްރަޙަށް އަންނަ ކުއްލި ބަދަލުތަކާއެކު ވިޔަފާރިތަކަށް ލިބޭ ގެއްލުން ބޮޑުވެގެންދާނެކަމަށް ކްރިސްޓަލީނާ ވިދާޅުވިއެވެ.

ޖޯޖީވާ އިތުރަށް ވިދާޅުވީ ސަޕްލައި ޗެއިންގެ މަައްސަލަތަކާއި، މޫސުމީ ބަދަލުތަކުން ކާބޯތަކެތީގެ އަގަށް ބަދަލު އައުމުގެ އިތުރުން، އުފެއްދުންތަކަށް އޮތް ޑިމާންޑް ހީކުރިވަރަށްވުރެ އިތުރުވެފައިވާތީ، ލަފާކުރި މިންވަރަށްވުރެ އިންފްލޭޝަން އިތުރުވެ، އިންފްލޭޝަންގެ މުއްދަތު ދިގުލައިގެން ގޮސްފައިވާކަމަށެވެ. އެހެންކަމުން ވަޒީފާ އިތުރުުކުރުމަށާއި، ވިޔަފާރިތަކުން ފައިދާ އިތުރުކުރުމަށް މިހާރު އެންމެ މުހިއްމުކަމެއް ދޭންޖެހެނީ، މަސައްކަތްތެރިންނާއި ވިޔަފާރިތައްވެސް، މިހާރުގެ ޙާލަތަށް އަހުލުވެރިކޮށް، ތައްޔާރުވެގެން ތިބުމަށް ކަމަށް ޖޯޖީވާ ވިދާޅުވިއެވެ.

އިންފްލޭޝަން ހިމެނޭހެން ޕެންޑަމިކުގެ އަސަރު އެކުލެވޭ އެކި ސަބަބުތަކާ ގުޅިގެން މިދިޔަ ހަފްތާގައި އައި.އެމް.އެފް އިން ވަނީ ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް މިއަހަރަށް ލަފާކޮށްފައިވާ މިންވަރު ދަށްކޮށްފައެވެ. އެގޮތުން ޗައިނާގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވާ މިންވަރުގެ 0.8 އިންސައްތަ ދަށްކޮށްފައިވާއިރު، އެމެރިކާގެ ފޯކާސްޓުން %1.2ވަނީ ދަށްކޮށްފައެވެ. އަދި ޖުމްލަގޮތެއްގައި ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވާ މިންވަރުން %0.5 ވަނީ މަދުކޮށްފައެވެ.

އައި.އެމް.އެފް ގެ އެންމެ ފަހުގެ ރިޕޯޓުތަކަށް ބަލާއިރު މިއަހަރު ކުރިއަރާފައިވާ އިޤްތިޞާދުތަކުގައި އިންފްލޭޝަންގެ ރޭޓު އެވްރެޖްކޮށް %3.9ގައި ހުންނާނެކަމަށް ބެލެވެއެވެ. އަދި ކުރިއަރަމުން އަންނަ އިޤްތިޞާދުތަކުގައި އިންފްލޭޝަން %5.9އަށް އަރާނެކަމަށް ލަފާކޮށްފައިވެއެވެ.

މިއާއެކު 2024ވަނަ އަހަރުގެ ނިޔަލަށް ޕެންޑަމިކުގެ ސަބަބުން އިޤްތިޞާދުތަކަށް ލިބޭނެ ގެއްލުން ކުރިން ލަފާކޮށްފައިވާ 12.5 ޓްރިލިއަން ޑޮލަރުގެ ބަދަލުގައި 13.8 ޓްރިލިއަން ޑޮލަރަށް އަރާނެކަމަށް އައި.އެމް.އެފް ގެ އޮފިޝަލުން ހާމަކުރައްވައެވެ.

އައި.އެމް.އެފް އިން ފާހަގަކުރާގޮތުން ދުނިޔޭގެ އިޤްތިޞާދު ނެގެހެއްޓުމަށް މި ޙާލަތުގައި އެންމެ މުހިއްމު އެއް ކަމަކީ 2022ވަނަ އަހަރުގެ ފިސްކަލް އަދި މާލީ ޕޮލިސީތައް ތައްރާރުކުރުމުގައި އިތުރަށް ފަރުވާތެރިވުމެވެ.