އަތޮޅުތަކުގެ ތަރައްޤީއާއެކު އެކަހެރިވެ އެކަނިވެރިވެފައި ތިބުން ނޫން ގޮތެއް ނެތްކަމުގެ އިޙުސާސުން، ރައްޔިތުން ވީއްލެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔަ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ، އަތޮޅުތައް ބާކީކޮށްލާފައި އޮތް އޮތުން ނިމުމަކަށްގެނެސް، ރަށްރަށުގައި ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ކަންކަން ފުރިހަމަކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ހިންގާ މަޝްރޫޢުތައް އެއީ ހަމައެކަނި ދިރިއުޅުމަށްޓަކާ ކުރާ ކަންކަމުގެ އިތުރުން ދިރިއުޅުމުގެ މަގު ކޮށާ އަލިކޮށްދޭ ވަސީލަތަކަށް ހެދުންކަމަށެވެ. ސަރުކާރުން ރަސްރަށުގައި ކުރިއަށްގެންދާ ބަނދަރާއި މަގުތަކާއި އެއަރޕޯޓާއި ކަރަންޓާއި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަކީ އިޤްތިޞާދީ ހަރަކާތުގެ ދުވެލި ބާރުކުރުމަށް ރައްޔިތުން އަތަށްދޭ ވަސީލަތެއްކަމަށެވެ.
ސަރުކާރުން އަތޮޅުތަކަށް އެންމެބޮޑު ހޭދައެއް ކުރަނީ ރަށްރަށުގެ ލަފާފުރުމުގެ ނިޒާމު ހަރުދަނާކުރުމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 28 ރަށެއްގެ ލަފާފުރުމުގެ މައްސަލަ މުޅިން ޙައްލު ކޮށްދެއްވާފައިވާކަމަށެވެ. އަދި މިވަގުތު 134 ރަށުގެ ބަނދަރުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށެވެ.
"ކުރީގެ ފޯކައިދޫ ބަނދަރަކީ ވިލާގަނޑު ހެދީމަ އޮޑިދޯނިފަހަރު ސަލާމަތަށް ވަންނަ ބަނދަރެއް ނޫން. އެއީ ވިލާގަނޑު ހެދީމަ އޮޑިޔައިގެން ބަނދަރުން ނިކުންނަ ބަނދަރެއް. މިއަހަރުގެ ޖޫން ޖުލައިގެން ވިއްސާރައިގެ ކުރިން ފޯކައިދޫގެ ބަނދަރަކީ އަމާން ބަނދަރަކަށް އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން." ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްދެއްވުމަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވައުދުގެ ބޮޑުބައެއްވަނީ ފުރިހަމަވެފައެވެ. ފެނާއި ނަރުދަމާގެ މައްސައްކަތް ޙަވާލު ނުކުރެވިވާ އެންމެފަހު ރަށްތަކުގެ މަސައްކަތުގެ ކޮންޓްރެކްޓްރަކުގައި މިދިޔަ އަހަރު ނިމެނިކޮށް ސަރުކާރުންވަނީ ސޮއިކޮށް މަސައްކަތް ޙަވާލުކޮށްފައެވެ.
"ލޯކަލް ޓުއަރިޒަމަށް މާލެއަތޮޅު މާފުށި މުޅި ދުނިޔެއަށް ހުޅުވި އެތަށް އަހަރެއްވީ އިރުވެސް ޖެހިގެން އޮތް ގުޅި އޮތީ ތުން ބަނދެވި ބަންދުވެފަ. ގިނަ ރަށްރަށް ފަދައިން ގުޅީގައި ހުރި ފެން ވަނީ ފާވެ ނަޖިހުން ތަޣައްޔަރުވެފަ. އެއީ ދާދި މިދާކަށް ދުވަސް. އެހެން ނަމަވެސް އަޅުގަނޑު މިއަދު މިތާހުރެ މިވާހަކަ ދަންނަވާއިރު، ގުޅިފުރި ބަންޑުން އެވަނީ ސާފު ތާޒާ މީރުފެންނުން." ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
މަގުހެދުމުގެ މަޝްރޫޢުތައް 17 ރަށަކާއި 3 ސިޓީއެއްގައި އަންނަނީ ކުރިއަށްގެންދަމުންނެވެ. އެއީ 249 ކިލޯ މީޓަރުގެ މަހު ހެދުމުގެ މަސައްކަތެވެ. މަގުހެދުމުގެ މަޝްރޫޢުތަކަށް ސަރުކާރުން 3.4 ބިލިއަން ރުފިޔާ ޚަރަދުކުރެއެވެ.
މިގެއިތުރުންވެސް އަތޮޅުތަކުގެ ތަރައްޤީއަށް ބިން ހިއްކުމާއި، ހައުސިންގ މަޝްރޫޢުތަކާއި، ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކާ، ރަސްރަށުގައި ހުރި ބާ އިންޖީނުގެތަށް އުވާލާ ޒަމާނީ އިންޖީނުގެތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.