ޚަބަރު

ޔޫރޯވިންގްސް އިން މުވައްޒަފުން އިތުރުކުރަނީ


މިއަހަރު ވައިގެ ދަތުރުތަކަށް އޮތް ޑިމާންޑު ބޮޑުތަނުން އިތުރުވެގެން ދާނެކަމަށް ބަލައި، ޔޫރޯވިންގްސްއިން ވަޒީފާގެ ފުރުޞަތުތައް ހުޅުވާލާއި، މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ލުފްތަންސާ ގްރޫޕުގެ ޔޫރޯވިންގްސް އެއަރލައިނަކީ ޔޫރަޕަށް ނިޞްބަތްވާ 3 ވަނައަށް އެންމެ ބޮޑު އެއަރލައިނެވެ. ކޯވިޑް-19ގެ ސަބަބުން އެކި ޤައުމުތަކުން ދަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންދާ ދަނޑިވަޅެއްގައި ލުފްތަންސާއިން ބުނީ، ވައިގެ ދަތުރުތައް ބާރު ދުވެލީގައި އިތުރުވެގެން އަންނާނެކަމަށް ލަފާކުރާކަމަށެވެ.

އެހެންކަމުން އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްއޮތް 12 މަސްދުވަހުގެ ތެރޭގައި 750 މުވައްޒަފުން އިތުރަށް ނެގުމަށް އެ އެއަރލައިނުން ވަނީ ނިންމާފައެވެ. އައު މުވައްޒަފުން ނެގުމަށް ނިންމާފައިވަނީ ކޮކްޕިޓް އަދި ކެބިންގެ ވަޒީފާތަކަށެވެ.

ޕެންޑެމިކް ތެރޭގައި ޔޫރޯވިންގްސް ގެ މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް 850 މުވައްޒަފުން މަދުވި ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ޕެންޑެމިކްގެ ކުރިއެކޭ އެއްވަރަށް އެ އެއަރލައިނުގެ މުވައްޒަފުންގެ ޢަދަދު ވަނީ ހަމަކޮށްފައެވެ.

2021 ވަނަ އަހަރުވެސް ޔޫރޯވިންގްސް އިން 750 މުވައްޒަފުން އިތުރަށް ނެގިއެވެ. އޭގެ ތެރޭގައި ގިނައީ ލުފްތަންސާ ގްރޫޕުގެ ވައިގެ ދަތުރުތަކާގުޅޭ ދާއިރާތަކުން ވަޒީފާ ގެއްލުނު ފަރާތްތައް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއާއެކު މިދިޔަ އަހަރު ވަޒީފާގެ ފުރުޞަތަށް ހުޅުވާލި މަދު އެއަރލައިންތަކުގެ ތެރޭގައި ޔޫރޯވިންގްސް ހިމެނެއެވެ.

ޔޫރޯވިންގްސް އިން ދުނިޔޭގެ 50 ޤައުމެއްގެ 100 އަށްވުރެ ގިނަ މަންޒިލަށް ދަތުރުކުރެއެވެ.