އަތޮޅުތައް

ގާދޫ މީހުންނަށް ފޮނަދޫގައި އަޅުވާފައިވާ ގެތަކުގެ ގުރުއަތު މާދަމާ


ހައްދުންމަތީ ގާދޫ މީހުންނަށް އެއަތޮޅު ފޮނަދޫގައި އަޅުއްވާފައިވާ ގެތައް ލިބޭ ފަރާތްތަކުގެ މެދުގައި މާދަމާ ގުރުއަތު ނަންގަވާގޮތަށް ހަމަޖައްސަވައިފިއެވެ.ހައުސިންގ މިނިސްޓްރީން މިހާރު ވަނީ ގާދޫ މީހުންނަށް ފޮނަދޫގައި އަޅުއްވާފައިވާ ގެތައް ލިބޭ ފާރާތްތައް މިހާރު ކަނޑައަޅުއްވާފައެވެ. މާދަމާ ނަންގަވާ ގުރުއަތަކީ، އެ މީހުންނަށް ލިބޭ ގެތައް ކަނޑައެޅުމުގެ ގުރުއަތެވެ. ގާދޫ މީހުން ފޮނަދޫއަށް ބަދަލުކުރެއްވުމުގެ މަސައްކަތް މިއަދު ފަށްޓަވާގޮތަށް އޮތްނަމަވެސް ނިންމަވަން ހުރި ބައެއް ކަންކަން ނުނިމޭތީ ބަދަލުކުރެއްވުމުގެ މަސައްކަތް މިއަދު ފަށްޓަވާފައެއް ނުވެއެވެ. މިހާރު ގާދޫގައި ރަޖިސްޓްރީކުރެވިފައިވާ ގެތަކުގެ ޢަދަދަކީ، 108 އެވެ. ގާދޫ މީހުން ބަދަލު ކުރެއްވުމަށް ފޮނަދޫގައި މިހާތަނަށް އަޅުއްވާފައިވަނީ 85 ގެއެވެ. އަދި އިތުރަށް ޢިމާރާތް ކުރައްވަންޖެހޭ ގެތަކުގެ މަސައްކަތް ނިމެންދެން އެ ޢާއިލާތައް އުޅޭނެ ތަންތަން ހައުސިންގ މިނިސްޓްރީން ހަމަޖައްސަވާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މި ގެތަކުގެ މަސައްކަތްވެސް ގާތްގަނޑަކަށް ދެ މަސްދުވަހުގެ ތެރޭގައި ފެއްޓެވުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.ފުރަތަމަ ގެތައް ލިބުން ފަރާތްތައް ކަނޑައަޅުއްވާފައިވަނީ، އެކަމަށް ޚާއްޞަކުރައްވައިގެން ކަނޑައަޅުއްވާފައިވާ އުޞޫލެއްގެ ދަށުންނެވެ. ފޮނަދުއަށް ބަދަލުވުމަށް ގާދޫގެ ކޮންމެ ޢާއިލާއަކަށް ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާ، 60,000 ރުފިޔާ، ފޮނަދުއަށް ބަދަލުވާ ދުވަހު ޢާއިލާތަކާއި ޙަވާލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަށުގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ ޢަދަދަކީ ގާތްގަނޑަކަށް 400 އެވެ.  މީގެ ތެރެއިން ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 170 މީހުންނެވެ. ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ދިރާސީ އައު އަހަރު ފެށެންވާއިރަށް ގާދޫ މީހުން ފޮނަދުއަށް ބަދަލުކުރެއްވުމުގެ ހުރިހާ މަސައްކަތެއް ނިމޭނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.