ޚަބަރު

ފުލުހުންގެ މަރުކަޒުތައް އަންނަ އަހަރުގެ ޖޫންމަހަށް ނިންމަނީ


  • މިއަހަރުތެރޭ އިތުރު 9 ސްޓޭޝަނެއްގެ މަސައްކަތް ނިންމާލެވޭނެ

  • މިހާތަނަށް 5 ސްޓޭޝަނެއްގެ މަސައްކަތް ނިންމައި، ޚިދުމަތަށް ވަނީ ގެނެވިފައި

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މި ސަރުކާރު އައިއިރު ރާއްޖޭގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމްކޮށްގެން ޚިދުމަތް ފޯރުކޮށްދެމުންދިޔައީ ގާތްގަޑަކަށް 20 ރަށުގައިކަމަށެވެ.

އެހެން ރަށްތަކުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދެމުން ދިޔަނަމަވެސް އެ ޚިދުމަތް ފޯރުކޮށްދެމުން ދިޔައީ އެކަށީގެންވާ ތަންތަނުގައި ނޫންކަމަށާއި، އޭގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް އެންމެ ރަނގަޅަށް ފޯރުކޮށްނުދެވޭކަމަށެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރުވެސް 154 ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހާތަނަށް 5 ސްޓޭޝަނެއްގެ މަސައްކަތް އެއްކޮށް ނިންމައި ޚިދުމަތަށް ނެރެވިފައިވާކަމަށާއި، މިއަހަރުތެރޭ އިތުރު 9 ސްޓޭޝަނެއްގެ މަސައްކަތް ނިންމާ ޚިދުމަތަށް ގެނެވޭނެކަމަށެވެ.

"ސަރުކާރާއި ހަވާލުވިއިރު ރާއްޖެތެރޭގެ 100 ރަށެއްގައި ހުރި ފުލުހުންގެ އަމިއްލަ މަރުކަޒުތަކެއް ޤާއިމްކުރެވިފައި. މިވަގުތު އެބަދޭ 154 ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތްތައް. އޭގެތެރެއިން 5 ތަނެއް އެއްކޮށް ނިންމައި ޚިދުމަތަށް ނެރެވިފައި، މިއަހަރުގެ ބާކީމިއޮތް މުއްދަތުގެ ތެރޭގައި 9 ތަނެއް ނިންމާ ޚިދުމަތަށް ނެރެވޭނެ. އަދި އަންނަ އަހަރުގެ ޖޫންއަށް މުޅި މަޝްރޫޢު ނިންމާލުމަށް މަސައްކަތްކުރަނީ." ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ގޭންގު ހަދައިގެން ކުށްކުރުމުގެ މާހައުލު ނައްތާލުމާއި، ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމާއި، ކުޑަކުދިން ކުށުގެ މާހައުލަށް ވަންނަމުންދާ ދިއުން ހުއްޓުވުމާއި، ޑްރަގުގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއްދީގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވުމާއެކު މިފަދަ މައްސަލަތަކަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.