ޚަބަރު

"ކުދިންގެ ކިބައިގައި ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަން އަށަގަންނުވަންޖެހޭ"


  • ދީނުގެ ރިސާލާތު ފޯރުކޮށްދިނުމުގައި ވާހަކަދެއްކުމުގެ ހުނަރު މުހިއްމު ދައުރެއް އަދާކޮށްފައިވޭ

  • ވާހަކަދެއްކުމުގެ މުބާރާތަށް އިސްލާމިކް މިނިސްޓްރީން އިނާމު ހުށަހަޅާނެކަމަށް ވިދާޅުވި

ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަމަކީ ކުދިންގެ ޝަޚުޞިއްޔަތު ބިނާކުރުމުގައި އަށަގަންނުވަންޖެހޭ މުހިއްމު ސިފަތަކެއްކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ކީރިތި ޤުރުއާނުގައި އެންމެ ފުރަތަމަ ބާވާލެއްވުނު 5 އާޔަތުގެ ތެރޭގައި ކިޔުންތެރިކަން ބަޔާންވެގެން އައުމަކީ އެއީ އެކަމުގެ މުހިއްމުކަން ހާމަވާކަމެއްކަމަށެވެ.

ވާހަކަދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އިސްލާމި ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވާހަކަދެއްކުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ވަޒީރު ވިދާޅުވީ ކޮންމެ ކުއްޖެއްގެވެސް ޝަޚުސިއްޔަތު ބިނާކުރުމަށް ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަމަކީ އިތުރުވެގެންދާ ފުރިހަމަ ސިފަތަކެއްކަމަށާއި އެކަން އެންމެ ބޮޑަށް ހާމަވަނީ އިސްލާމްދީނުންކަމަށެވެ. ވަޒީރު ވިދާޅުވީ ﷲގެ ރިސާލަތު ބާވާލެއްވުނު ކޮންމެ އުއްމަތަކަށްވެސް ފޮނުއްވި ނަބީބޭކަލުންނަކީ އެޤައުމުގެ އަހުލުވެރިންގެ ބަހުރުވައިން އެކަލާނގެ ރިސާލާތު ބަޔާންކޮށްދެވޭވަރުގެ ބޭކަލުންކަމަށެވެ.

މޫސާގެފާނުގެ މިސާލު ޖައްސަވާ ވަޒީރު ވިދާޅުވީ، ފިރުޢައުނުގެ ގާތަށް ﷲ އެކަލޭގެފާނު ފޮނުއްވުމަށް އަމުރުކުރެއްވި ހިނދު ވާހަކަދެއްކުމުގައި އެކަލޭގެފާނަށްވުރެ، އެކަލޭގެފާނުގެ އަޚް، ހާރޫނުގެފާނު އެކަމަށް އެކަށީގެންވާކަން ފާހަގަކުރައްވާ އެކުގައި ހާރޫނުގެފާނު އެމަސައްކަތުގައި އެހީތެރިވުމަށް ފޮނުއްވުމަށް އެދިވަޑައިގަތުމުން އެކަން ﷲ ފަހިކޮށްދެއްވުމުން ވާހަކަދެއްކުންތެރިކަމުގެ މުހިއްމުކަން އިންސާނުންނަށް ބަޔާންވެގެންދާނެކަމެއްކަމަށެވެ. އަދި ތިމާގެ ވާހަކަދެއްކުމުގެ ހުނަރު ހުރުމަކީ މުހިއްމު ފުރުސަތުތައް ލިބިގެންދާނެކަމެއްކަން ސީދާ ޤުރުއާނުން އެނގެން އޮތްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވަނީ ވާހަކަދެއްކުމުގައި ކުރިއަރައިދިޔުމަށް ޝައުގުވެރިވާ ކުދިން ސަމާލުވާންވީ 4 ކަމެއް ހިއްސާކުރައްވާފައެވެ. އެގޮތުން ގިނަގިނައިން ފޮތް ކިޔުމާއި، ތަޤުރީރުތައް އަޑުއެހުމާއި ދަސްކުރުމާއި ތަމްރީނު ހޯދުމުގެ މުހިއްމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ބަލާޣާތްރތެރިކަމަކީ ދީނުގައި މަތިވެރި ކަމެއްދެވިފައިވާކަމެއް. ﷲގެ ދީނަށް ގޮވާލެއްވީ ކިޔުންތެރިކަމުގެ ތެރެއިން. ﷲ ދެއްވި ވަރަށް މަތިވެރި ނޢުމަތެއް ލިޔުންތެރިކަމާއި ކިޔުންތެރިކަމަކީ. އެންމެ ފުރަތަމަ ބާވާލެއްވި 5 އާޔަތުގައި ކިޔުންތެރިކަން ބަޔާންކުރެއްވި" ވަޒީރު ވިދާޅުވިއެވެ.

ބައެއް މީހުންނަކީ ގުދުރަތީގޮތުން މޮޅު ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދެއްވާފައިވާ ބައެއްކަމަށާއި އަނެއް ބައި މީހުންގެ މަސައްކަތުންވެސް މޮޅު ވާހަކަދެއްކުންތެރިންނަށް ވެވިދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން ވަނީ ވާހަކަދެއްކުމުގެ މުބާރާތުގެ މުހިއްމުކަން ފާހަގަކުރައްވާ، މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މުބާރާތަށް އެވުޒާރާގެ ފަރާތުން އިނާމު ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ.