ދުނިޔޭގެ ވިޔަފާރި

ޑެންމާކުގައި ކޯވިޑާއި ގުޅިގެން އަޅާފައިވާ ހުރިހާ ފިޔަވަޅެއް އުވާލަނީ


ކޮވިޑާއި ގުޅިގެން ޑެންމާކުގައި އަޅާފައިވާ ހުރިހާ ފިޔަވަޅެއް އަންނަ ހަފްތާތެރޭގައި އުވާލުމަށް ތައްޔާރުވަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޑެންމާކުގައި މިހާރުވެސް، ކޯވިޑާއިއެކު އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ވަނީ ލުއި ދީފަވެއެވެ. އެގޮތުން ސިނެމާ ރެސްޓޯރެންޓް އަދި އާންމުން އެއްވާ ތަންތަން ވަކި އިރެއް ވަންދެން ޙިދުމަތް ދެވޭ ގޮތަށް ވަނީ ހުޅުވާފައެވެ. ނަމަވެސް މިހާރުވެސް ވެކްސިން ކާޑު ދެއްކުމާއި މާސްކް އަޅައިގެން އާންމު ތަންތަނުގައި އުޅުމަށް މަޖުބޫރު ވެއެވެ.

ޑެންމާކުގެ ސިއްޙަތާއި ބެހޭ ވަޒީރު މެގްނަސް ހެއުނިކް އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއަކާއި ހަވާލާދީ ރޮއިޓަރސްއިން ބުނީ، ތަޖުރިބާކާރުންގެ ޕެނަލްއަކުން އަރުވާފައިވާ ލަފާތަކަށް ބިނާކޮށް އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް އެއްކޮށް ނެގުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ފެބްރުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެތެރޭގައި އަޅާފައިވާ ހުރިހާ ފިޔަވަޅެއް ނިމުމަކަށް ގެނައުމަށް ތައްޔާރުވެފައިވާކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް މި ނިންމުން ތަންފީޒު ކުރެވޭނީ މަޖިލީހުގެ ތާޢީދާއިއެކުއެވެ.

އެ ޤައުމުގައި މި ނިންމުން ތަންފީޒުކުރަން ފެށުމުން އާންމު ތަންތަނަށް އެއް ފަހަރާއި އެއްވެވޭ، ނުވަތަ ވަދެވޭ ލިމިޓް އުވާލާނެއެވެ. އަދި މާސްކު އެޅުންވެސް މަޖުބޫރެއް ނުވާނެއެވެ. މީގެ އިތުރުން ޙިދުމަތް ދިނުމާއި ހޯދުމަށްވެސް ވަކި ގަޑިއެއް ނޯންނާނެއެވެ. ހަމައެކަނި އޮންނާނެ ފިޔަވަޅަކީ އެ ޤައުމަށް އެތެރެވާ މީހުން ޓެސްޓު ކުރުމާއި ކަރަންޓީނުވުމެވެ. މިފިޔަވަޅުވެސް ދެމިގެންދާނީ 4 ހަފްތާއަށްކަމަށް އެ ޑެންމާކުން ހާމަކުރެއެވެ.

ޑެންމާކުގައި މިހާރުވެސް ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވެފައިވީ ނަމަވެސް މީގެސަބަބުން ހޮސްޕިޓަލުން ފަރުވާ ހޯދާ މިންވަރު އިތުރެއް ނުވެއެވެ. އެގޮތުން މިހާރުވެސް ހޮސްޕިޓަލުގައި ތިބި 40 އިންސައްތަ ބަލިމީހުން ކޯވިޑަށް ޕޮޒިޓިވް ނަމަވެސް ހޮސްޕިޓަލުގައި އެމީހުން ތިބީ ކޯވިޑުގެ ސަބަބުން ނޫންކަން އެނގޭ ކަމަށް އެ ޤައުމުގެ ސިއްޙަތާއި ބެހޭ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން މިހާރު ކޯވިޑް ޕޮޒިޓިވް އަދަދުތަކުގެ ޕީކްވެސް ތިރިވަމުންދާކަމަށް އެ ޤައުމުން ހާމަކުރެއެވެ.

ޑެންމާކުން މިގޮތަށް އިއުލާންކޮށްފައި މިވަނީ އިންގިރޭސިވިލާތާއި، އަޔަރލޭންޑް ފަދަ ބައެއް ޤައުމުތަކުންވެސް ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ލުއިދޭނެ ކަމަށް މިދިޔަ ދުވަސްތަކުގެ ތެރޭގައި އިއުލާންކޮށްފައި ވަނިކޮށެވެ.