ސިނަމާލް ބްރިޖް ޕާކިން ޒޯންގައި ކޯވިޑް ސާމްޕަލް ނަގާ އިތުރު ސެންޓަރެއް ހުޅުވައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ސިނަމާލެ ބްރިޖް ޕާކިން ޒޯނުގައި އަލަށް ހުޅުވި ސާމްޕަލް ސެންޓަރުގައި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 15:00 އިން ފެށިގެން ހަވީރު 18:00 އަށް ސާމްޕަލް ނަގައިދޭނެ ކަމަށެވެ. އޭގެ އިތުރުން ހުކުރު ދުވަހު އެ ސެންޓަރުން ސާމްޕަލް ނަގައިދޭނީ މެންދުރުފަހު 15:00 އިން 18:00 އާއި ހަމައަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޯވިޑް-19 ގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް އިތުރުވަމުންދާ މިދަނޑިވަޅުގައި، ބައްޔަށް ޓެސްޓް ކުރާ މީހުން އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ސާމްޕަލް ނެގޭނެ ސެންޓަރުތައް އިތުރުކޮށްފައެވެ. އެގޮތުން މިއީ މާލެ ސަރަޙައްދުގައި ހުޅުވި 6 ވަނަ ސާމްޕަލް ކަލެކްޝަން ސެންޓަރެވެ.
މާލޭގައި ހުންނަ އިތުރު ދެ ސާމްޕަލް ސެންޓަރު ހުންނާނީ ސޯޝަލް ސެންޓަރުގައާއި ހެންވޭރު ދަނޑުގައެވެ. އަދި ހުޅުމާލޭ ރުއްގަނޑު ސަރަޙައްދާއި ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަޙައްދުގައިވެސް އިތުރު ދެ ސެންޓަރު ހުރެއެވެ. އޭގެ އިތުރުން ވިލިމާލޭ ފްލޫ ކްލިނިކްގައިވެސް އިތުރު ސެންޓަރެއް ހުރެއެވެ.
މާލެއިން ބޭރަށް ދަތުރުކުރާ މީހުން ޕީސީއާރު ޓެސްޓު ހަދަންޖެހޭ ގޮތަށް ނިންމުމާއި ގުޅިގެން މާޅެ ސަރަޙައްދުގައި ހުންނަ ސާމްޕަލް ސެންޓަރުތަކަށް ދަނީ ބާރު ބޮޑުވަމުންނެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 2000 އިން މަތިވެފައިވާ މި ދަނޑިވަޅުގައި އެންމެ ގިނަ ބަޔަކު މިހާރުވެސް ފައްސިވަމުންދަނީ މާލެ ސަރަހައްދުންނެވެ.