މުދާ އުފުލާ އުޅަނދުތަކަށް ގަލްފުގެ އެންމެ މުޙިންމު ދެ ކަނޑުގެ ރާސްތާ ކަމަށްވާ ހުރްމުޒް ކަނޑުއޮޅިއާއި ބާބުލްމަންދަބު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ޢަދަދު އިއްޔެ އާދަޔާޚިލާފަށް މަދުވެފައިވާ ކަމަށް ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރާބެހޭ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ މަޢުލޫމާތުތައް ދިރާސާކުރާ 'ކެޕްލަރ'އިން ހާމަކުރި ގޮތުގައި، މިދިޔަ ބުދަ ދުވަހު ހުރްމުޒް ކަނޑުއޮޅިން ދަތުރުކޮށްފައިވަނީ އެންމެ 2 އުޅަނދެވެ. އެއީ އެ ސަރަޙައްދަށް ވަން ޕެނަމާގެ ބޯޓަކާއި، އެ ސަރަޙައްދުން ނުކުތް މާޝަލް އައިލެންޑްސްގެ ބޯޓެކެވެ. މިއީ އޭގެ ކުރީ ދުވަހު އެ ސަރަޙައްދުން ދަތުރުކުރި 8 އުޅަނދާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމަ ފެށުމުގެ ކުރިން، ޢާންމު ޙާލަތުގައި ދުވާލެއްގެ މައްޗަށް 130 އަށްވުރެ ގިނަ އުޅަނދު ހުރްމުޒް ކަނޑުއޮޅި ހުރަސްކުރިއެވެ. ނަމަވެސް އީރާނުން އެ މުޙިންމު ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން މި ޢަދަދު ވަނީ އެތައް ގުނައަކުން ދަށްވެފައެވެ.
މީގެ އިތުރުން، ބާބުލްމަންދަބު ކަނޑުއޮޅިން އިއްޔެ ދަތުރުކޮށްފައިވަނީ ބަހާމާސްގެ ދިދަ ޖަހާފައިވާ އެންމެ ބޯޓެކެވެ. އޭގެ ކުރީ ދުވަހު އެ ސަރަޙައްދުން 20 އުޅަނދު ދަތުރުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މި ސަރަޙައްދުގެ މަސްރަޙު އަނެއްކާވެސް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ޔަމަނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ހޫޘީން ވަނީ ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ބޯޓުތަކަކަށް މިސައިލް ޙަމަލާތަކެއް ދީފައެވެ. އެ ޖަމާޢަތުން ބުނާ ގޮތުގައި މި ހަމަލާތައް ދީފައިވަނީ ރަތްކަނޑުގެ ޔަންބޫޢު ސަރަޙައްދުންނާއި ޢަދަން ކަނޑުއޮޅިން ދަތުރުކުރި ބޯޓުތަކަށެވެ.
ހޫޘީން މިދިޔަ މަހުން ފެށިގެން ސަޢޫދީއާ ދެކޮޅަށް ކަނޑުގެ ޙިޞާރެއް އިޢުލާނުކޮށްފައިވީ ނަމަވެސް، މި ހަމަލާތަކާ ގުޅިގެން ސަޢޫދީގެ ރަސްމީ އިދާރާއަކުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ސަޢޫދީން މީގެ ކުރިން ވަނީ ޔަމަނަށް ހަމަލާދެމުންދާކަމަށް ޙޫޘީން ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.