އިޤްތިޞާދުގައި ދައުރުވާ ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ. މި ފިޔަޅުތައް އަޅަން ނިންމާފައިވަނީ އެމްއެމްއޭގެ ބޯޑުން ފާސްކޮންގެންނެވެ.
މަރުކަޒީ ބޭންކުން މައިގަނޑު 2 ބަދަލެއް ފައިސާގެ ސިޔާސަތަށް ނުވަތަ މަނިޓަރީ ޕޮލިސީއަށް ގެންނަން ވަނީ ނިންމާފައެވެ. އެގޮތުން ގެންނަން ނިންމާފައިވާ އެއް ބަދަލަކީ މިނިމަމް ރިޒާވް ރިކުއަރމެންޓްސް ގޮތުގައި އެމްއެމްއޭގައި ބަހައްޓަން ޖެހޭ އަދަދު މަތި ކުރުމެވެ.
މިނިމަމް ރިޒާވް ރިކުއަރމެންޓަކީ، ރާއްޖޭގައި ބޭންކުތަކުގައި ޖަމާވާ ފައިސާގެ ތެރެއިން ވަކި އިންސައްތައެއް ސީދާ އެމްއެމްއޭގައި ރައްކާކޮށްފައި ބަހައްޓަންޖެހޭ މިންވަރެވެ. މިގޮތުން މިހާރު ބަހައްޓަން ޖެހޭ މިންވަރު %10.5 އިން %11 އަށް އިތުރުކުރުމަށް، މަރުކަޒީ ބޭންކުން ވަނީ ނިންމާފައެވެ. އަދި މިއަދަދު ކޮންމެ 3 މަހަކުން ރިވިއުކުރުމަށް ނިންމާފައިވެއެވެ. މަރުކަޒީ ބޭންކުން ވިދާޅުވީ ރިވިއުތަކަށް ފަހު މިއަދަދު މިއަންނަ އަހަރުގެ ނިޔަލަށް %13 އަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ބޭންކުން މިހާރު ހިންގަމުންދާ އޯޕަން މާކެޓް އޮޕަރޭޝަން ފުޅާކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން 10 ބޭސިސް ޕޮއިންޓަށް އޯޕަން މާކެޓް އޮޕަރޭޝަން ފުޅާކުރަން ނިންމާފައެވެ. އޯޕަން މާކެޓް އޮޕަރޭޝަނަކީ އިޤްތިޞާދުގައި ދައުރުވާ ފައިސާ އަނބުރާ މަރުކަޒީ ބޭންކަށް ނެގުމަށް ހިންގާ ހަރަކާތެކެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އަލުން ހިންގަން ފެށިފަހުން، ބޭންކިންގ ނިޒާމުގައި ހުރި ދިވެހި ރުފިޔާ އެކްސެސް ލިކުއިޑިޓީ ނުވަތަ ފައިސާގެ ތެރެއިން އޯއެމްއޯ މެދުވެރިކޮށް މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެވްރެޖްކޮށް 2.7 ބިލިޔަން ރުފިޔާ ވަނީ ނަގާފައި ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. އަދި ޝޯޓް ޓާމް ލިކުއިޑިޓީ ވަނީ 6.5 ބިލިޔަން ރުފިޔާއިން 3.7 ބިލިޔަން ރުފިޔާއަށް ކުޑަވެފައެވެ.
އިޤްތިޞާދުގައި ދައުރުވާ ދިވެހި ފައިސާގެ މިންވަރު އިތުރުވެފައިވަނީ، ނިމިދިޔަ ސަރުކާރުން ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ސަސްޕެންޑް ކުރުމަށް ފަހު ފައިސާ ޗާޕް ކުރުމާއި ގުޅިގެންނެވެ. މިދިޔަ ސަރުކާރުގައި، ތިން އަހަރު ދުވަހުގެ ތެރޭގައި 8.2 ބިލިޔަން ރުފިޔާ ޗާޕުކޮށްފައިވާކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ.
ޗާޕް ކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގެ ތެރޭގައި ދިވެހި ރުފިޔާ ވަނީ އިތުރުވެފައެވެ. ކޯވިޑްގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ފައިސާ ޗާޕުކުރުމަކީ އޭރު ކޮންމެހެންވެސް ކުރަންޖެހުނު ކަމެއްކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ. ނަމަވެސް، ކޯވިޑަށްފަހު 2022 ވަނަ އަހާރާއި 2023 ވަނަ އަަހަރު އިޤްތިޞާދު އަލުން އިއާދަވާން ފެށުމުންވެސް ފައިސާ ޗާޕުކޮށްފައި ވެއެވެ. މިކަމުގެ ސަބަބުން ދިވެހި ރުފިޔާ މާކެޓުގައި އިތުރެވެ ޑޮލަރަށް އޮތް ޑިމާންޑު އިތުރުވިކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.