ކުޅިވަރު

ރޮޑްރީ ބަދަލުވަނީ ބާސެލޯނާ އަށް


މެންޗެސްޓާ ސިޓީ އަށް ކުޅެމުންދާ ސްޕޭނުގެ ކެޕްޓަން އަދި މިޑްފީލްޑަރު ރޮޑްރީގޯ ސްޕޭނުގެ ބާސެލޯނާ އަށް ބަދަލުވާން މަޝްވަރާތައް ފަށައިފި އެވެ.

ސްޕޭނުގެ މީޑިޔާތަކުން ބުނާ ގޮތުގައި އެ ގައުމުގެ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވެފައި ހުރި ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވާން ވާހަކަތައް ފެށީ މެޑްރިޑުން އޭނާއާ މެދު ގޮތެއް ނުނިންމައި ލަސް ކުރުމުންނެވެ. އަދި އޭނާގެ މިސްރާބު ބާސެލޯނާއާ ދިމާލަށް އަނބުރާލުމުގައި ސްޕޭނުގެ ގައުމީ ޓީމަށް ކުޅޭ ބާސެލޯނާގެ ކުޅުންތެރިން މުހިންމު ދައުރެއް އަދާ ކުރި ކަމަށެވެ.

އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި މިދިޔަ ޖުލައި މަހު ނިމުނު ވޯލްޑް ކަޕް ކާމިޔާބު ކުރީ ސްޕޭނެވެ. މި ޓީމުގައި ރޮޑްރީއާއެކު ބާސެލޯނާގެ އަށް ކުޅުންތެރިން ކުޅުނެވެ. މި ކުޅުންތެރިން ވަނީ ފޯނުން އޭނާއާ ވާހަކަ ދައްކައި މެޑްރިޑްގެ ބަދަލުގައި އެ މީހުންނާއެކު ކުޅެން ބާސެލޯނާ އަށް ބަދަލުވާން އެދިފަ އެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު ދެކޭ ރޮޑްރީ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެކެވެ. މި ކޮންޓްރެކްޓް އާ ކުރަން ރޮޑްރީ ބޭނުންނުވާތީވެ ސިޓީން ބޭނުންވީ އޭނާ އެދޭ ކުލަބަކަށް ބަދަލުވާން ފުރުސަތު ދިނުމަށެވެ. މި ގޮތުން ބާސެލޯނާއާއެކު މަޝްވަރާތައް ފަށާފައިވާއިރު އޭނާ ވިއްކާކީ މަދުވެގެން 60 މިލިއަން ޔޫރޯ އަށް މީޑިޔާތަކުން ލަފާ ކުރެ އެވެ.

އެންމެ ފަހުގެ ޔޫރޯ އާއި މި ފަހަރުގެ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިއަކީ ރޮޑްރީ އެވެ. އަދި 2024 ވަނަ އަހަރުގެ ބަލޮންޑާ އެވޯޑް ހާސިލް ކުރީ ވެސް އޭނާ އެވެ.

ބާސެލޯނާއިން ރޮޑްރީ ގަތުމަށް ހުށަހަޅާފައިވަނީ 50 މިލިއަން ޔޫރޯ އެވެ. އަދި ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރު ޑެކޯ ވަނީ ސްޕޭނުގެ މެޑްރިޑަށް ދަތުރުކޮށް ރޮޑްރީގެ އެޖެންޓާ މަޝްވަރާ ކޮށްފަ އެވެ. ރަސްމީކޮށް ބާސެލޯނާގެ ކޮންޓްރެކްޓް ސިޓީ އާއި ކުޅުންތެރިޔާ އަށް ފޮނުވީ މި ބައްދަލުމަށް ފަހު ކަމަށް ވެސް ސްޕޭނުގެ މީޑިޔާތަކުން ބުނެ އެވެ.

ބާސެލޯނާއިން ރޮޑްރީ ގަތުމަށް ސީރިއަސް ވެގަތީ އެ ޓީމުގެ މިޑްފީލްޑަރު ނެދަލޭންޑްސްގެ ފްރޭންކީ ޑިޔޮންގް ވޯލްޑް ކަޕުގައި ކުޅެނިކޮށް ލިބުނު އަނިޔާގެ ސަބަބުން ސީޒަނުގެ މުހިންމު މެޗުތަކެއް ގެއްލޭނެތީ އެވެ.