ޚަބަރު

ކޯވިޑްގެ ކޭސްތައް އިތުރުވެ، 30 ރަށެއް މޮނިޓަރިންގައި


4 ވަނަ ރާޅާއިއެކު ކޯވިޑްގެ ކޭސްތައް އިތުރުވެ، މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުގެ އަދަދު 30 އަށް އަރައިފިއެވެ.

ކޯވިޑް-19 ރަށްރަށުގައިވެސް ހަލުވިކަމާއިއެކު ފެތުރެމުންދާއިރު، ފަހަކަށް އައިސް މޮނިޓަރިންއަށް ލާފައިވާ ރަށްރަށަކީ ހަލުވިކަމާއިއެކު ކޯވިޑް ފެތުރި ކޭސްތައް އިތުރުވެފައިވާ ރަށްރަށެވެ.

މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ތެރޭގައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށްރަށްވެސް ހިމެނެއެވެ. އޭގެތެރޭގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ހިމެނޭގޮތަށް އެސިޓީއާއި، ފުވައްމުލަކު ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި، ކ. ގުރައިދޫ، ހިމެނެއެވެ. އެގޮތުން މި ސަރަޙައްދުތަކުގެ އެކްޓިވް ކޭސްތައް އުޅެމުންދަނީ 100 އިން މަތީގައެވެ.

މިވަގުތު އެންމެ ގިނަ ރަށްރަށް މޮނިޓަރިންގެ ހާލަތުގައި އޮތީ ލ.އަތޮޅާއި ގދ. އަތޮޅާއި ހދ. އަތޮޅުގައެވެ. އެއިން ކޮންމެ އަތޮޅަކުން 3 ރަށް ވަނީ މޮނިޓަރިންގައެވެ. މީގެއިތުރުން ކ.މާފުއްޓަކީ މިހާތަނަށް އެންމެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްވެސްމެއެވެ. އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 2609 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 122777 އަރާފައެވެ.

ކޭސްތައް އިތުރުވުމާއި ބަލީގެ ހާލަތު އިތުރުވެ ބޮޑެތި ރަށްރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ. މި ޕީކްގައި އަތޮޅުތަކެކޭ އެއްގޮތަށް ގްރޭޓަރ މާލެ ސަރަޙައްދުގައިވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ދެގުނައަށް އަރާފައެވެ.