ޚަބަރު

ހޯރަފުށީ ގޮނޑުދޮށް ޙިމާޔަތްކުރަން ލީ ތޮށި ބަދަލުވީ ޕިކްނިކް އައިލެންޑަކަށް!


ރަށްގިރުމުގެ މައްސަލައަކީ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ކުރިމަތިވާ މޫސުމީ ކަމެކެވެ. ގިނަ ރަށްތަކުގައި ރަށް ގިރަނީ ގުދުރަތީ ނިޒާމު އޮންނަހެން، ވެލިގަނޑު ގިރުމާއި ވެލިގަނޑު ވޮޑުވުމުންނެވެ. ނަމަވެސް މޫސުމީ ބަދަލުތަކާއެކު، ބައެއް ރަށްރަށަށް ރަށްގިރުމުގެ މައްސަލަވަނީ ބޮޑު މައްސަލައަކަށް ވެފައެވެ. ޚާއްސަކޮށް ކުއްލިއަކަށް އުދައަރާ ވެލިގަނޑު ގިރާލާ، ވެލިގަނޑު އަލުން އިޔާދަނުވެ އޭގެ ގެއްލުން ރަށް ރަށަށް ވަރަށް ބޮޑަށް ކުރިމަތިވާ ރަށްތައް ހިމެނެއެވެ.

މިދިޔަ އަހަރު މެދުތެރޭގައި ރާއްޖެއަށް މޫސުން ގޯސްވެ އޭގެ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށަކީ ހއ.ހޯރަފުއްޓެވެ. ރަށާއި، ހޯރަފުށި އެއަރޕޯޓްގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ތައްޔާރުވެފައި ވަނިކޮށް ކުރިމަތިވި ހާދިސާގައި، އެއަރޕޯޓަށް ދަތުރުކުރާ މަގު އަދި ރަށު ތެރެއަށް އުދަ އަރާ ވަރަށް ބޮޑެތި ގެއްލުންތަކެއްވެސް ލިބުނެވެ.

މިއާ ގުޅިގެން ހޯރަފުށީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ. މަސައްކަތް ފުރަތަމަ ފަރުމާކުރީ، އާއްމުކޮށް ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާގޮތަށް، ރަށުގެ ފަރާ އިންވެގެން ވެލި ބަސްތާ(ޖިއޯ ބޭގް)ގެ ބޭރު ތޮއްޓެއް ޖަހާގޮތަށެވެ.

ނަމަވެސް މަޝްރޫޢުގެ ކޮންސެޕްޓަށް ބަދަލުގެނެސް މިހާރު ފެންނަނީ، ހިތްގައިމު ތަފާތު މަސައްކަތެއްގެ ގޮތުގައި ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާތަނެވެ.

މި މަޝްރޫޢުގައި ގޮނޑުދޮށް ޙިމާޔަތްކުރަނީ ރާޅާ އޮއިވަރު މަތަކުރުމަށް، ރަށުގެ ފަޅުތެރެއިން ފެން ތިލަ ހިސާބުގައި ވެލި ބަސްތާ ޖަހައިގެންނެވެ. ނަމަވެސް ބަސްތާތައް ކައިރިއަށް ވެލި އަރާ މިހާރު އޮތީ ރީތި ކުޑަ ރަށަކަށް ބަދަލުވެފައެވެ.

ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރު އެމްޓީސީސީގެ އެހީއާކު މި ރަށް މިހާރު އޮތީ ކުޑަ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބަދަލުގެނެސްފައެވެ. މި ރަށުގެ ފުޅާ މިނުގައި ވިއްސަކަށް ފޫޓު ހުންނާނެއެވެ.

ވެލި ބަސްތާ ނުވަތަ ޖިއޯ ބޭގްސް ޖަހާފައިވަނީ ރަށާއި ބިއްދަށުންނެވެ. ހޯރަފުށީގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް މީގެ 600 ފޫޓުގެ 2 ފަސްގަނޑު ހަދާނެކަމަށް އެމްޑީސީސީން މަޢުލޫމާތުދެއެވެ. މިއާއެކު ގަދަ އޮޔާއެކު ހޯރަފުށީ ގޮނޑުދޮށަށް ޖަހާ ރާޅާ އުދަ އެރުމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެއެވެ. މީގެތެރެއިން އެއް ފަސްގަނޑުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، ކައުންސިލްގެ އިސްނެގުމާއެކު އެތަނުގައި މިހާރުވަނީ ރުއް ޖަހާ ޒީނަތްތެރި ކުރަން ފަށާފައެވެ.

މި ކޮންސެޕްޓްގެ ވިސްނުމަކީ ކުރިއަށްއޮތްތާންގައި މި ފަސްގަނޑު، ރަށުގެ ރައްޔިތުން ދަތުރުގޮސްލާ މޫދަށް އެރިލުމަށް ބޭނުންކުރާ ހިތްގައިމު ސަރަޙައްދެއްގެގޮތުގައި ތަރައްޤީވެގެން އައުންކަމަށް ރަށު ކައުންސިލުން ވިދާޅުވެއެވެ.

ހޯރަފުށި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން އެއަރޕޯޓް ރަންވޭ ސަރަޙައްދު ޙިމާޔަތްކުރުމަށް ބޮޑު ހިލައިގެ ތޮއްޓެއް ލުމުގެ މަސައްކަތްވެސް އެމްޓީސީސީން ދަނީ ކުރަމުންނެވެ. އެގޮތުން 20،000 ޓަނުގެ ހިލަ އެރަށަށް ގެންގޮސް، ރަންވޭގެ ވެލިގަނޑު ޙިމާޔަތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި 2800 މީޓަރުގެ ސަރަައްދުގައި އެއްގަމު ތޮށި ލުމަށްވަނީ ހަމަޖެހިފައެވެ.

ހޯރަފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ މަރޗް މަހުގެ މެދުތެރެއަށް ނިންމުމަށްދަނީ މަސައްކަތް ކުރަމުންނެވެ.