ޚަބަރު

އައްޒާމްއާއި އަޔާޒް ސަސްއާ ގުޅިއްޖެ


މުހައްމަދު އައްޒާމް އާއި އަޔާޒް އަހުމަދު (އަޔާ) ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އަށް ސޮއިކޮށްފިއެވެ.

މުހައްމަދު އައްޒާމް ސަސްއާއި ގުޅިފައިވާއިރު، މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި އައްޒާމް ވަނީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން ޢިއުލާންކޮށްފައެވެ. ނަމަވެސް ސަޕޯޓަރުންގެ އެދުމުގެ މަތީން އައްޒާމް ވަނީ އަލުން ފުޓްބޯޅަ ކުޅެން ނިންމާފައެވެ.

ސަސްއިން އައްޒާމް ހޯދީ އެޓީމްއަށް ކުޅެމުންދިޔަ މުހައްމަދު ރަޝީދު ފުޓްބޯޅަ ކުޅުން ހުއްޓާލުމާއި ގުޅިގެންނެވެ. ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު މުހައްމަދު ރަޝީދު ވަނީ ސަސްގެ ޓެކްނިކަލް ޓީމްއާ ގުޅިފައެވެ. މުހައްމަދު ރަޝީދު ވަނީ ވަނީ މި ސީޒަނުގެ ފުރަތަމަ މުބާރާތް ޕްރެޒިޑެންޓްސް ކަޕްގައި ދެ މެޗެއް ސަސްއަށް ކުޅެދީފައެވެ. ޓްރާންސްފަރގެ ދޮރު ބަންދުވިއިރު، ސަސްއިން ވަނީ ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސްއަށް ކުރިން ކުޅުނު އދ. މަހިބަދޫގެ ނަސޫހު ރަޝީދު (ޕިލާ)ގެ ސޮއި ހޯދާފައެވެ.

އައްޒާމް ވަނީ ފުރަތަމަ ޑިވިޝަނުގައި ބީޖީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފައެވެ. އޭނާ ވަނީ ޓީސީއާއެކު ޝެއިހް ކަމާލް ކަޕާއި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. އޭނާ ވަނީ ގައުމީ ސްކޮޑުގައިވެސް ގިނަ ފަހަރުތަކެއްގެ މަތިން ހިމެނިފައިއެވެ.

އިތުރުން ދަ ގްރާންޑޭގެ ކޮންޓްރެކްޓްގައި ހުރި އަޔާޒް އަހުމަދުވެސް ވަނީ ސަސްއާ ގުޅިފައެވެ. އަޔާ ސަސްއާއި ގުޅިފައިވަނީ ދަ ގްރާންޑޭއަށް ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހުއެވެ. އަޔާ ވަނީ މިދިޔަ ސީޒަންގައި ދަ ގްރާންޑޭގައި މޮޅު ކުޅުމެއް ދައްކާފައެވެ.