އަތޮޅުތައް

މާޅޮހު ބަނދަރުގެ މަސައްކަތާއެކު ރައްޔިތުންނަށް އުފާވެރިކަން


އއ.އަތޮޅަކީ ގެސްޓުހައުސް ވިޔަވާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އަތޮޅެއްކަން އެއަތޮޅުގެ ކޮންމެ ރަށަކަށް ނަޒަރު ހިންގާލިޔަސް ފެންނާނެއެވެ. މިއާއެކު އަތޮޅުގެ ރަށްރަށަށް ލިބެމުންދާ ކުރިއެރުންތަކާއި ރަށްވެހިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސް ދެނީ ސަރުކާރުން މިރަށްރަށުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކެވެ.

މިރަށްތަކަށް ބަލާއިރު ފެނިގެންދަނީ މިރަށްތަކުގެ ތަރައްގީއަށް ސަރުކާރުން ކޮށްދެއްވާ މަސައްކަތްތަކެވެ. ގިނަ ރަށްތަކެއްގައި ސަރުކާރުން އަންނަނީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިންގަމުންނެވެ. އެގޮތުން އަދުގެ ސަރުކާރުން އއ.މާޅޮހުގައިވެސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢެއް ކުރިޔަށްދެއެވެ.

މިހާރު އެރަށުގައި ބޭނުން ކުރަމުން އަންނަ ބަނދަރަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ހަދާފައިވާ 300 ފޫޓުގެ ބަނދަރެކެވެ. އެރަށަކީ ގާމަތީ ރަށަކަށްވުމާއެކު، މިހާރު މިބަނދަރު އޮތްގޮތުން ކަނޑުގަދަ ދުވަސްވަރު ބަނދަރަށް ވަދެނުކުމެ ހެދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭކަމަށް މާޅޮހު ކައުންސިލްގެ ރައީސް އިސްމާޢީލް ނަސީރު ވިދާޅުވިއެވެ.

މާޅޮހުގައި މިހާރު އަލުން ހަދާ ބަނދަރަކީ ދިގުމިނުގައި 1000 ފޫޓު ހުންނަ ބަނދަރެކެވެ. މިމަޝްރުޢާއެކު ރައްޔިތުނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ހައްލު ލިބިގެން ދާނެކަމަށް މާޅޮހު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"މާޅޮހުގައި މިހާރު ހަދާ ބަނދަރަކީ ދިވެހިރާއްޖޭގައި އެއްމެ މަސައްކަތް ކުރަން އުދަނގޫ އެއް ބަނދަރަށް ވަނީ . އެއީ ބަނދަރު ކޮނުމުގައި ބޮޑެތި އާނުގަނޑުގަނޑު ހުރުމުގެ ސަަބަބުން ބޮޑެތި ދަތިތަކާ ވަނީ ކުރިމަތި ލާންޖެހިފައި. މިކަމުގެ ސަބަބުން ބަނދަރުގެ މަސައްކަތުގެ ސްޕީޑަށްވެސްވަނީ ބަދަލު ތަކެއް އައިސްފަ'' އިސްމަޢީލް ނަސީރު ވިދާޅުވިއެވެ.

މާޅޮހުގެ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ވިދާޅުވީ ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާކަމަށެވެ.

މި މަޝްރުޢުގެ ދަށުން، 24،335 އަކަމީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި ލުމުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ކުރާނެއެވެ. މީގެ އިތުރުން ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މިއީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.