ބ.އަތޮޅުގައި ހުރި ފަޅުރަށްތަކުން އަތޮޅުގެ ރައްޔިތުންނަށް ފައިދާއެއް ނުކުރާތީ ރިސޯޓް ހަދަން އެއަތޮޅުން އިތުރު ރަށެއް ދޫނުކުރަން ބ.އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
އެކައުންސިލުން މިކަން ހާމަކޮށް ނެރުނު ގަރާރުގައި ބުނީ ބ.އަތޮޅުގައި އެއްވެސް ރިސޯޓެއް ހެދުމަށް އެއްވެސް ފަޅުރަށެއް ދޫކުރުމަށް ނުފެންނަކަމަށާ އެއީ އަތޮޅުގެ ރައްޔިތުންނަށް އޭގެއިން މަންފާއެއް ނުނެރެވޭތީކަމަށެވެ.
އެއަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 12 ވަނަ އާންމު ޖަލްސާއިން ފާސްކުރި މި ގަރާރުގައި ވާގޮތުން ގަރާރު ފާސްކުރާ ދުވަހުން ފެށިގެން ބ.އަތޮޅުގެ އެއްވެސް ރަށެށް ރިސޯޓް ހެދުމަށް ދޫނުކުރުމަށާ ދޫކުރާނަމަ ދޫކުރަން ވަނީ ކައުންސިލަށް އެނގިކަމަށް ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން އަތޮޅުގައި ވަރުވާއަށް ދޫކޮށްފައި ހުރި ފަޅުރަށްތައް އެ ކައުންސިލަށް މޮނިޓަރ ކުރެވޭނެ ގޮތެއް ހަދާ، މިހާރު ވަރުވާއަށް ދޫކޮށްފައި ހުރި ފަޅުރަށްތަކުގެ އެއްބަސްވުންތައް އަތޮޅު ކައުންސިލްގެ މައްޗަށް ބަދަލު ކުރުމަށް އެގަރާރުގައި ވަނީ ބުނެފައެވެ.
ދަނޑުވެރިކަމަށް ދޫކޮށްފައިވަނީ 3 ރަށެކެވެ. އެއީ އަންހެނުންފުއްޓާއި އައިދޫ އަދި މާރިކިލެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގެ އިޙްތިސާސްތަކުގެ ތެރެއަށް ނުވަދެ ހުރި ފަޅު ރަށްތަކާ ފިނޮޅުތައް ބެލެހެއްޓުން ކައުންސިލަށް ހަވާލުކޮށް ގަވާއިދާ ހިލާފަށް ބޭނުންކުރަމުންދާ ރަށްތައް ބޭނުން ކުރާފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް އަތޮޅު ކައުންސިލުން ނެރުނު ޤަރާރުގައިވެއެވެ. އަދި ބަޔޮސްފިއަރ ރިސާވްގެ އެންމެހާ ކަންކަން ބެލެހެއްޓުންވެސް އެކައުންސިލާ ހަވާލުކުރުމަށް ގަރާރުގައި ވަނީ ބުނެފައެވެ.
އެގޮތަށް ނިންމީ ލާމަރުކަޒީ ޤާނޫނުން އަތޮޅުގެ ކަންކަން ބެލެހެއްޓުމަށް އެކައުންސިލް މައްޗަށް އޮތުމުންކަމަށް ބ.އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާހް ވިދާޅުވިއެވެ. މިކަން ކުރުމުގެ މައިގަނޑު އެއްބޭނުކަމަކީ އަތޮޅު ކައުންސިލުން އަތޮޅުގެ ރައްޔިތުން ތަރައްޤީއަށް ހިންގާ އެކިއެކި މަޝްރޫތަކަށް މި ތަންތަން ކުއްޔަށް ދޫކޮށްގެން ފައިސާ ހޯދުންކަމަށް އަފްރާޙް ވިދާޅުވިއެވެ.
"މިކަމުގެ ފައިދާ އަތޮޅުގެ އެއްވެސް ރަށަކަށް ނުކުރޭ މިހާރު އެތަންތަން ބޭނުން ކުރަނީ ނަހަމަގޮތުގައި ބައެއް ފަޅުރަށްރަށަކީ ރިސޯޓްތަކުގެ ކުނިގޮޑުގެ ގޮތުގަ ފާހަގަވެފައި އެބަހުރި މީ ކަންބޮޑުވާން ޖެހޭކަމެއް" އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވިއެވެ.
ބ.އަތޮޅުގައި މިހާރުވެސް 18 ރިސޯޓެށް އަންނަނީ އޮޕަރޭޓް ކުރަމުންނެވެ. އަދި އިތުރު 3 ރިސޯޓެއް ހުޅުވުމަށް ތައްޔާރު ވަމުންއަންނައިރު މި ރިސޯޓްތަކުން ފަޅު ރަށްތަކާ ފިނޮޅުތައް ފަތުރުވެރިންނަށް ޤަވާއިދާ ހިލާފަށް ވިއްކާކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.