ރާއްޖޭގެ ފުޓްބޯޅަށް މުޙައްމަދު ރަޝީދު (ހޮކޭ) ކޮށްދީފައިވާ ޚިދުމަތް ފާހަގަކޮށް، އެކަން އެފްއޭއެމްއިން ފާހަގަކޮށްފިއެވެ. މިކަން ފާހަގަކޮށް، އެފްއޭއެމްއިންވަނީ ރ.އަތޮޅު އަލިފުށީގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗަށްފަހު މުޙައްމަދު ރަޝީދަށް ޚާއްސަ ހަނދާނީ ފިލައެއް ދީފައެވެ. މިފިލާ މުޙައްމަދު ރަޝީދާ ހަވާލްކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު, މުޙައްމަދު ރަޝީދު (ހޮކޭ) ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާކުރުމަށްފަހުވަނީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ޓެކްނިކަލް ސްޓާފުންގެ ޓީމާއި ގުޅިފައެވެ. މިކަން ހާމަކޮށްފައިވަނީ ސަސްގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ)އެވެ. ސޯޝަލް މީޑިއާގައި މަހްފޫޒު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު ހޮކޭ ދެން ފެންނާނީ ސަސްގެ ޓެކްނިކަލް ސްޓާފެއްގެ ގޮތުގައިކަމަށާއި، އެ ކްލަބަށް ހޮކޭ އަށް މަރުހަބާ ކިޔާކަމަށެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރުކަމަށްވާ މުޙައްމަދު ރަޝީދު (ހޮކޭ) ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކުރިކަން ޢިޢުލާންކޮށްފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ. އުމުރުން 36 އަހަރުގެ މުޙައްމަދު ރަޝީދުވަނީ ފުލްބެކް މަގާމުގެ އިތުރުން މިޑްފީލްޑަރަކަށްވެސް ކުޅެފައެވެ.
ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކުރުމުގެ ކުރިން މުޙައްމަދު ރަޝީދުވަނީ މިހާރު ނިމިގެންދިޔަ ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެފައެވެ. ރިޓަޔާކުރުމަށްފަހު އަހުމަދު ރަޝީދު އޭނާގެ ފޭސްބުކްގައި ލިޔެފައިވަނީ ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާ ކުރަން ނިންމީ ވަރަށް ވިސްނުމަށްފަހުގައިކަމަށާއި ގައުމު ތަމްސީލް ކުރުމަށް ލިބުނު ފުރުސަތަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށާއި ފުޓްބޯޅަ ކެރިއަރުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.
މުޙައްމަދު ރަޝީދު އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅެން ފަށާފައިވަނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބްކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުންނެވެ. އޭގެ ފަހުން 2010ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކުލަބްގައި މުޙައްމަދު ރަޝީދުވަނީ މޮޅު ކުޅުމެއްދައްކާފައެވެ. އަދި އޭނާވަނީ ގައުމީ ޓީމުގައިވެސް މޮޅު ކުޅުމެއްދައްކާފައެވެ. ކުލަބް ވެލެންސިޔާ، މާޒިޔާ، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް އަދި ސަސްއަށް ވެސް މުޙައްމަދު ރަޝީދުވަނީ ކުޅެފައެވެ.
ޤައުމީ ފުޓްބޯޅަ ޓީމަށް 30 އަށް ވުރެ ގިނަ މެޗު ކުޅެދިން ހޮކޭ ވަނީ ޤައުމީ ޓީމަށް އެއް ގޯލު ޖަހައިދީފައެވެ. އެއީ 2012 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ނޭޕާލާ ދެކޮޅަށެވެ. މުޙައްމަދު ރަޝީދަކީ ރާއްޖޭގައި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ތިން ވަނަ ހޯދި ޤައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. މުޙައްމަދު ރަޝީދު އެންމެ ފަހުން ޤައުމީ ޓީމަށް ކުޅުނީ 2017 ވަނަ އަހަރުއެވެ.