ޚަބަރު

ސިޓީ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް


އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީން މޮޅުވަމުން އައި ސިލްސިލާއަށް ނިމުން އަތުވެއްޖެއެވެ. ސައުތެމްޓަން ދަނޑުގައި ކުޅުނު މިމެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ. ޕްރިމިއަރ ލީގުގައި މިމެޗާއި ހަމައަށް ސިޓީންވަނީ ބަލިނުވެ 12 މެޗު ހަމަކޮށްފައެވެ. މިމެޗް އެއްވަރުވުމާއެކު ތާވަލްގެ އެއްވަނައިގައި ލީޑް ފުޅާކުރުމަށް މެންޗެސްޓަރ ސިޓީއަށް ލިބުނު ފުރުސަތުވެސް އެޓީމަށްވަނީ ގެއްލިފައެވެ.

މެންޗެސްޓަރ ސިޓީ 1 ވަނައިގައި އޮތީ 23 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. 2 ވަނައިގައި އޮތް ލިވަޕޫލަށް 21 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، 3 ވަނައިގައި އޮތް ޗެލްސީ އަށްވަނީ 23 މެޗުން 44 ޕޮއިންޓް ލިބިފައެވެ. ޔުނައިޓެޑް 4ވަނައިގައި އޮތީ 22 މެޗުން 38 ޕޮއިންޓާ އެކުއެވެ.

މިމެޗުން އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑްނެގީ ސައުތެމްޓަންއިންނެވެ. މެޗު ފަށައިގެން 7ވަނަ މިނިޓްގައި ސައުތެމްޓަންގެ ނޭތަން ރެޑްމަންޑް ދިން ބޯޅައަކުން އޭރިއާތެރެއިން ކައިލް ވޯކާ ޕީޓާސް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލާފައެވެ. ސިޓީއަށް ފުރަތަމަ ހާފުގައި އެއްވަރުކޮށްދޭން ރަހީމް ސްޓާލިންއަށް ލިބުނު ރަނުގެ ފުރުސަތުން އޭނާ ޖެހި ބޯޅަ ސައުތެމްޓަންގެ ގޯލު ކީޕަރު ފްރޭޒާ ފޮސްޓާ ވަނީ މަތަކޮށްފައެވެ. ސިޓީއަށް އެއްވަރުކޮށްދިނީ މެޗުގެ 65 ވަނަ މިނިޓްގައި އައިމެރިކް ލަޕޯޓްއެވެ. ކެވިން ޑި ބްރޭނާ ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ ލަޕޯޓް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މިމެޗުން މޮޅުވުމަށް ސިޓީއަށް ވަރަށް ރަނގަޅު ފުރުސަތުވެސް ލިބިގެންދިޔައެވެ. ނަމަވެސް ސިޓީގެ ކުޅުންތެރިންނަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފޭ ގޮތެއް ނުވިއެވެ. މެޗަށްފަހު މެންޗެންސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ މިވަގުތު އޭނާގެ ޓީމުން މެޗު އިތުރަށް ކުޅެގެން ކަމަށް ވިޔަސް އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑަކާ އެކީ އޮތުމަކީ އޭނާ އުއްމީދުކުރި ވަރަށް ވުރެ ރަނގަޅު ކާމިޔާބެއް ކަމަށެވެ.