ޚަބަރު

ފަހު ވަގުތު ޔުނައިޓެޑުން ވެސްޓް ހޭމްގެ މައްޗަށް ކުރި ހޯދައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ޖެހި ގޯލްއިން މެންޗެސްޓަރ ޔުނައިޓެޑުން ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފިއެވެ. މިމެޗް މެންޗެސްޓަރ ޔުނައިޓެޑް ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މެޗްގައި ފެނިގެންދިޔަ ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މާކޯސް ރަޝްވޯޑްއެވެ.

ފިނި މޫސުމުގެ ބްރޭކްގެ ކުރިން ކުޅުނު އެންމެ ފަހު މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވުމުން އެޓީމްވަނީ ލީގް ތާވަލްގެ 4ވަނައަށް އަރާފައެވެ. އެޓީމަށް 22 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. މިމެޗްގައި ދެ ޓީމަށްވެސް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. ނަމަވެސް އެއްވެސް ޓީމަކަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ ދެވަނަ ހާފްގެ ފަހުކޮޅުގައި ޔުނައިޓެޑުންވަނީ ގިނަ ބަދަލުތަކެއް ގެނެސް ގޯލެއް ޖެހުމަށް މަސައްކަތްކޮށްފައެވެ.

ގޯލް ޖެހުމަށް ޔުނައިޓެޑުން ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ ފުރިހަމަ ވަގުތުހަމަވެ، އިތުރުވަގުތުގެ 3 މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓްގެ ތެރޭގައެވެ. މިލަނޑުގައި އެންމެ ބޮޑު ހިއްސާއެއްވީ މެޗްގައި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ކަވާނީ އާއި ރެޝްފޯޑްއެވެ. ކަވާނީ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ރެޝްފޯޑްވަނީ ހުސް ގޯލެއްގެ ތެރެއަށް ފޮނުވާލާފައެވެ. ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނީ މި ކަހަލަ ގޮތަކަށް ފަހު ވަގުތު މޮޅުވުމަކީ ޓީމުގެ ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅުވެ، ސަޕޯޓަރުން ވެސް ދެން އޮތް މެޗަށް އިންތިޒާރުކުރަން ޖެހޭ ސަބަބެއް ކަމަށެވެ. އެެހެންވެ، މުޅި ޓީމުގެ މާހައުލާ މެދު ހިތްހަމަ ޖެހޭ ކަމަށް ރަންގްނިކް ބުންޏެވެ.