ޓީ20 ކްރިކެޓް ޕްރިމިއަރ ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން މާލޭ ވެޓެރަންސްއިން ހޯދައިފިއެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޓީ20 ކްރިކެޓް ޕްރިމިއަރ ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން މާލޭ ވެޓެރަންސްއިން ހޯދާފައިވަނީ ފައިނަލް މެޗްގައި މާލޭ ސްޕޯޓްސް އާއި ވާދަކޮށް 8 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗްގައި ޓޮސް ދިމާވުމުން މާލޭ ވެޓެރަންސްއިން ގަސްދުކުރީ ހޮވުމަށެވެ. މިމެޗްގައި މާލޭ ސްޕޯޓްސްއިން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު 6 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 128 ލަނޑެވެ. މާލޭ ސްޕޯޓްސްއިން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 51 ބޯޅައިން 50 ލަނޑު ހެދި ހަސަން ހާޒިގު ރަޝީދާއި 17 ބޯޅައިން 36 ލަނޑު ހަމަކުރި މުޙައްމަދު ރިޝްވާނެވެ.
ޖަވާބުގައި މާލޭ ވެޓެރަންސްއިން ކުޅެން އަރައި 18.3 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން އެޓީމްވަނީ 131 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ. މާލޭ ވެޓެރަންސްއިން އެންމެ ރަނގަޅަށް ކުޅެފައިވަނީ 53 ބޯޅައިން 53 ލަނޑު ހެދި އަޝްކަރު ހުސެއިންއާއި 29 ބޯޅައިން 27 ލަނޑު ހަމަކުރި ޗަންދަނާއެވެ.
މި މުބާރާތުގެ އެންމެ މޮޅު އުކުންތެރިޔާ އާއި ހުރިހާ ގޮތަކުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާލޭ ވެޓެރަންސްގެ ސަވިންރާ މަންޖޫއެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮމެޓްސް ކްރިކެޓް ކުލަބުގެ އަލީ ރާފިލް ރައޫފެވެ.
ކްރިކެޓް ބޯޑުން ވަނީ ކްރިކެޓް ކުރިއެރުވުމަށް މައިލޯގެ ދިޝާން ކޮށްދީފައިވާ ޚިދުމަތް ވަޒަންކުރުމުގެ ގޮތުން އޭނާއަށް ފިލައެއް އަރުވާފައެވެ.
ޓީ20 ޕްރިމިއަރ ޗެމްޕިއަންޝިޕަކީ ޕްރިމިއަރ ލީގުގެ ގަދަ 4 ޓީމުގެ މެދުގައި ކުރިއަށްގެންދިޔަ މުބާރާތެކެވެ. އަށް ޓީމު ވާދަކުރި ޓީ20 ޕްރިމިއަރ ލީގުގެ ގަދަ 4 ޓީމުގެ ގޮތުގައި ޗެމްޕިއަންޝިޕުން ޖާގަ ހޯދީ މާލޭ ވެޓެރަންސް އާއި، މިލާން ކްރިކެޓް އެކެޑަމީ އާއި، މާލޭ ސްޕޯޓްސް ކުލަބާއި ކުލަބު ވިޔަންސާއެވެ.