ށ.ފީވަކުގެ ބަނދަރުގެ މަސައްކަތް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި މުޅިން ނިމޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ފީވަކުގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްވަނީ 2019 ވަނަ އަހަރުގެ މެދުތެރޭގައެވެ.
ށ.ފީވަކުގައި އެންމެ ފުރަތަަމަ ބޭނުންކުރަމުން އައި ބަނދަރަކީ މީގެ 15 ވަރަކަށް އަހަރުގެ ކުރީގެ ބަނދަރެކެވެ. ފީވަކަކީ މަސްވެރި ރަށަކަށްވުމާއި، އޮޑި ދޯނިފަހަރު ގިނަ ރަށަކަށްވާތީ ބަނދަރުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. ބަނދަރުތެރޭގެ އޮއިވަރި މަޑު ރަށަކަށްވާތީ ފީވަކު ބަނދަރަކީ ކައިރި ރަށްތަކުގެ އޮޑިވެރިންވެސް، އޮޑިފަހަރު އެޅުމަށް ބޭނުންކުރަމުން އައި ބަނދަރެކެވެ. މިއާއެކު އެރަށުގައި ކުރިން ބޭނުންކުރަމުން އައި 500ފޫޓުގެ ބަނދަރު އޮތީ ކުޑަވެފައެވެ.
ފީވަކުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކޮށް އާ ބަނދަރެއް ރަށުގައި ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށް، އެމަސައްކަތް ފަށާފައިވަނީ 2019ވަނަ އަހަރުއެވެ.
"ބަނދަރެއްގެ މުހިންމުކަން ވަރަށް ބޮޑުވެފައިވަނިކޮށް ބަނދަރެއް މިލިބުނީ. ވަރަށް ޖާގަ ތަނަވަސް ބަނދަރެއް. އަދި ރަށު މޫނުމަތިވެސް ރީތިވެގެން ހިނގައްޖެ. މި ރަށަކީ ކައިރި ރަށްތަކުންވެސް އޮޑިދޯނިފަހަރު އަޅާ ރަށެއް. މަސްވެރިވެސް ރަށެއް." ފީވަކު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އަޒުމީލް ވިދާޅުވިއެވެ.
ސަރުކާރުން ފީވަކުގައި އަލަށް ތަރައްޤީކުރި ބަނދަރަކީ 464 މީޓަރުގެ ބޮޑު ބަނދަރެކެވެ.
ޕްރޮޖެކްޓްގައި 356 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 182 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. ފީވަކު ބަނދަރުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެރަށަށް ކުރެއްވި ދަތުރުގައި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ބަނދަރުގެ ހުރިހާ މަސައްކަތްތައްހެން މިހާރު ނިމިފައިވާކަމަށެވެ. ބަނދަރުގެ ހުރިހާ މަސައްކަތްތައް ނިންމާ މިމަހު ހަވާލުކުރާނެކަމަށް އާޒިމް ވިދާޅުވިއެވެ.
"ކުރީގެ ބަނދަރު މުޅިން ނަގާ އާ ބަނދަރެއް މި ހެދީ. ބަނދަރު އެއްކޮށް ނިންމާ 10ވަރަކަށް ދުވަސްތެރޭ ހަވާލުކުރެވޭނެ. މިއީ މި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމުވެފައިވާ އެއް މަސައްކަތް." އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.
ފީވަށް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 2320 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ. އަދި ބާޖާއި ކޮޅުވެއްޓި ކައިރިކުރުމަށް ރޭމްޕެއްވަނީ ހަދާފައެވެ.
ފީވަށް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 67.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.