ޚަބަރު

ދަ ގްރާންޑޭ ބަލިކޮށް ސަސްއިން ތާވަލްގެ 4ވަނައަށް


އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިން ޕްރެޒިޑެންޓްސް ކަޕްގެ ލީގުތާވަލްގެ 4ވަނައަށް ޖެހިލައިފިއެވެ. މިމެޗް ސަސް ކާމިޔާބުކުރީ 4 ލަނޑު 1 ލަނޑުންނެވެ.

މިމެޗް ފެށިގެން ލީޑް ނެގުމާއި އެންމެ ޖާތަށް ޖެހިލީ ދަ ގްރާންޑޭއިންނެވެ. މެޗް ފެށިގެން 5ވަނަ މިނެޓްގައި އެޓީމްގެ ޖަޕާނު މިޑްފީލްޑަރު ޔޫގޯ ކަވަބާޓާ ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ އަމާޒްވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. މެޗްގެ ފުރަތަމަ ހާފްގެ 17ވަނަ މިނެޓްގައި ސަސްއިން އިން ލީޑް ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަތީގް ހަސަންއެވެ. ސަސްއަށް މި ޕެނަލްޓީ ލިބުނީ ދަ ގްރާންޑޭގެ ކީޕަރު ސަމާހުއަށް ކުރި ފައުލްއަކާއި ގުޅިގެންނެވެ. މިއާއެކު ކީޕަރު ސަމާހުއަށްވަނީ ރަތް ކާޑުދައްކާ ދަނޑުން ފޮނުވާލާފައެވެ. މެޗްގެ ވަރަށް ކުރީކޮޅުގައި ސަމާހުއަށް ރަތް ކާޑެއް ދެއްކުމުން، ދަ ގްރާންޑޭއަށް މެޗްގެ ބޮޑުބައި ކުޅެންޖެހިފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މިމެޗްގައި ސަސްއަށް ލީޑް ފުޅާކޮށްދިނީ މެޗްގެ 32ވަނަ މިނެޓްގައި ޔަސްފާދު ހަބީބެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް މޮޅަށް ކުޅެފައިވަނީ ސަސްއިންނެވެ. ގިނަ ހަމަލާތަކެއް ދަ ގްރާންޑޭގެ ގޯލަށް ސަސްއިން ފޮނުވަމުން ދިއުމުގެ ނަތީޖާއަކަށްވީ މެޗްގެ 62ވަނަ މިނެޓްގައި އެޓީމުގެ ތިންވަނަ ލަނޑު އިބްރާހިމް އަތީން ކާމިޔާބުކޮށްދިނެވެ. މެޗްގައި އަތީގް ހެޓްރިކް ހެދި ލަނޑު ކާމިޔާބުކޮށްދިނީ 63ވަނަ މިނެޓްގައެވެ. ދެ ގްރާންޑޭއިން މެޗްގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިއުމުގެ ސަބަބުން މެޗްގައި މޮޅު ކުޅުމެއް ނުދެއްކުނުއިރު، ނުރައްކާތެރި މާގިނަ ހަމަލާތަކެއް އެޓީމަކަށް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް މެޗްގެ 84ވަނަ މިނެޓްގައި ދަ ގްރާންޑޭއިންވަނީ ލަނޑެއްޖާހާ ސުން ކަޓުވާލާފައެވެ. މިލަނޑު ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިސްމާއިލް މަފާޒް އިބްރާހިމެވެ.