ޚަބަރު

ހުޅުމާލެ 2 ފިޔަވަހި ގުޅޭ ސަރަހައްދުގައި ކެފޭ، ރެސްޓޯރަންޓުތަކަށް 7 ބިމެއް ދޫކުރަނީ


ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާލަން ހަދާފައިވާ ޗެނަލް ސަރަހައްދުގައި ކެފޭ ނުވަތަ ރެސްޓޯރަންޓު ހަދަން ދިގުމުއްދަތަށް 7 ބިމެއް ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައި އެކަން އިޢުލާންކޮށްފިއެވެ.

ހުޅުމާލެ ފޭސް އެކަކާއި ފޭސް ދޭއް ގުޅާލާފައިވަނީ ކުދި ބްރިޖްތައް މެދުވެރިކޮށެވެ. އަދި ދެ ފިޔަވަހި ގުޅުވާލާފައިވަނީ ޗެނަލްތަކެއް މެދުވެރިކޮށެވެ. އެސަރަހައްދުގައި މަޖާކޮށްލައި އާއިލާއާއެކު ވަގުތު ހޭދަކުރުމަށް އެކި ކަހަލަ ރެކްރިއޭޝަނަލް ހަރަކާތްތައް ކުރިއަށްގެންދެވޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. ޗެނަލްގެ މަސައްކަތް މުޅިން ނިމޭއިރު، ޗެނަލް ކައިރި އެއްގަމުގެ ސަރަޙައްދު ތަރައްޤީކުރާނީ ތިމާވެއްޓާ ރަށްޓެހި ފެހި ސަރަޙައްދެއްގެ ގޮތުގައެވެ.

އެޗްޑީސީން ކުރި އިއުލާންގައި ވަނީ ޗެނަލް ޕާކުގައި ކެފޭ/ރެސްޓޯރަންޓުތައް ހަދަން ބިންތައް ދޫކުރަނީ 20 އަހަރު ދުވަހުގެ މުއްދަތަށްކަމަށެވެ. އެތަނުގެ ޢިމާރާތުގެ ހުރިހާ ކަމެއް ކުރަންޖެހޭނީވެސް ކުށްޔަށް ހިފާ ފަރާތުންނެވެ. މި ތަންތަން ހަދަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 10ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅަން ޖެހޭނެއެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ އެޗްޑީސީގައި ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށް އެކަންޏެވެ.

ކެފޭ ނުވަތަ ރެސްޓޯރަންޓް ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރާ ބިންތަކުގެ ބޮޑުމިން އުޅެނީ 3237 އަކަފޫޓާއި 1700 އަކަފޫޓާ ދޭތެރޭގައެވެ. އެޗްޑީސީން ވިދާޅުވީ އެ ޗެނަލްގެ ދެ އަރިމަތިން ފޭސް 1 އާއި ފޭސް 2 އިން ކެފޭ ހަދަން ކުއްޔަށް ދޫކުރަން ރާވާފައިވީ ނަމަވެސް، މިފަހަރު ދޫކުރާ ހުރިހާ ބިންތަކެއް ހުންނަނީ ދެވަނަ ފިޔަވަހީގައިކަމަށެވެ. ކެފޭ/ރެސްޓޯރެންޓު ހަދަން ދޫކުރާ ތަންތަނާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް ބައްދަލުވުން އަންނަ ހޯމަ ދުވަހުގެ މެންދުރު 12:30 ގައި އޮންނާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ޗެނަލް ޕާކް ތަރައްޤީކޮށް ނިމޭއިރު ޖުމްލަ 14 ކެފޭ ނުވަތަ ރެސްޓޯރަންޓް ހުންނާނެއެވެ. ހުޅުމާލޭގެ ދެފިޔަވަހި ގުޅުވައިލަން ހަތް ބްރިޖެއް ޤާއިމްކޮށްފައިވީނަމަވެސް އަދި ބޭނުންކުރަނީ ދެ ބްރިޖެވެ.