ޚަބަރު

ޔަހޫދީ ސިފައިން ސޫރިޔާގެ ދެކުނަށް އަރައިގަނެ، ޒުވާނަކު ޝަހީދުކޮށްލައިފި


ޔަހޫދީ އަސްކަރިއްޔާއިން ދަރްޢާ ސަރަހައްދުގެ ހުޅަނގު ބިތުގައި އޮންނަ ޖަމްލާ އަވަށަށް ކުއްލި ގޮތަކަށް އަރައިގަނެ، ބަޑީގެ ވަރުގަދަ ހަމަލާތަކެއް ފޮނުވާލާ ޒުވާނަކު ޝަހީދުކޮށްލައިފިއެވެ.

ސޫރިޔާގެ ދެކުނުގައި އޮންނަ މި ސަރަހައްދުގެ އަވަށަކަށް ޔަހޫދީ ސިފައިން ވަދެގަނެ، ގެދޮރު ބަލައިފާސްކޮށް އާންމުންނަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކެއްގައި ޝަހީދުކޮށްލައިފައި ވަނީ ސޫރިޔާގެ ނުކުޅެދުންތެރިކަން ހުންނަ ޒުވާނަކެވެ.

އެކި މަސްދަރުތަކުން ބުނެފައިވާ ގޮތުގައި، ޔަހޫދީ ސިފައިން އެ އަވަށަށް ވަދެގަތުމަށްފަހު، ޢާންމުންގެ ގެދޮރު ބަލައިފާސްކޮށް، ގޭގޭގެ ފުރާޅުތަކުގެ މައްޗަށް ސްނައިޕަރުން އަރުވައިގެން މީހުން ދިރިއުޅޭ ސަރަޙައްދުތަށް ކަނޑައެޅިގެން ބަޑިޖަހާފައިވެއެވެ.

ސޫރިޔާގެ ރަސްމީ ޚަބަރު ފަތުރާ އިދާރާއިން އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި އަނިޔާވެރި ހަމަލާގައި ޝަހީދުވެފައިވާ ނުކުޅެދުންތެރިކަން ހުރި ޒުވާނާގެ ހަށިގަނޑު މިހާރު ވަނީ ދަރްޢާގެ ޤައުމީ ހަސްފަތާލަށް ގެންގޮސްފައެވެ.

މި ލާއިންސާނީ ހަމަލާ ހިނގާފައި މިވަނީ، އޭގެ އެއް ދުވަސް ކުރިންވެސް ޔަހޫދީންގެ އަސްކަރީ ޓޭންކުތަކުން ދަރްޢާގެ ހުޅަނގުގައިވާ އަބީދިން އަވަށުގެ ވަށައިގެންވާ ސަރަހައްދުތަށް ބޮޑުބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފައިވަނިކޮށެވެ.

ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް ޔަހޫދީ ސިފައިން މެދުކެނޑުމެއްނެތި ދެމުންގެންދާ މިފަދަ ހަމަލާތަކުގެ ސަބަބުން، އެ ސަރަހައްދުގެ މަސްރަޙު އިތުރަށް ގޯސްވެ، ކުށެއްނެތް އާންމު ރައްޔިތުންގެ ފުރާނައަށް ވަނީ އިންތިހާއަށް ނުރައްކާ ބޮޑުވެފައެވެ.