ޚަބަރު

ތަރައްޤީގެ އާ ފެށުމެއް ؛ ހޯރަފުށީ މަގުތައް ހަދަން ފަށައިފި


ހޯރަފުށީގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އެ ރަށުގައި ފަށައިފިއެވެ.

މިއީ ހޯރަފުށީގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއިންނެވެ.

ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރަށުގައި ޢަމަލީ ގޮތުން ފެށުމަށް ހޯރަފުށިގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ހޯރަފުށި ދާއިރާގެ މެންބަރު އަޙުމަދު ސަލީމް އަދި ރަށުގެ ކައުންސިލާ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ރަށުގެ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފައްޓައިދިނީ ހޯރަފުށީގެ އިސް ރައްވެހިންނެވެ.

މަގުހެދުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދް ވިދާޅުވީ މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށިގެންދިޔައީ ރަށުގެ ރައްޔިތުން ބޭނުންވި ފަރުމާއަށް ބޭނުންވި ބަދަލުތަކާއެކުކަމަށެވެ. އަދި މަގުތައް އަޑިގުޑަންވުމާ، ހިރަފުހާ އަދި ވިއްސަރައިގައި މަގުތައް ބޭނުންކުރުމުގެ ދަތިކަން ރަށުގެ ރައްޔިތުންނަށް ވެފައި އޮތީ ވަރަށް ބޯޑު ތަކުލީފަކަމަށް ވަހީދު ވިދާޅުވިއެވެ.

"މަގުތައް އޮތީ ވަރަށް ބޮޑަށް އަޑިގުޑަންވެފައި. ދުއްވާ އުޅަނދުތަކަށް ގެއްލުންވެ އަދި މީހުންނަށްވެސް އެކި ކަހަލަ އަނިޔާތައް ވޭ. މިއީ މިރަށަށް މިހާރު އެންމެ ބޭނުންވެފައި އޮތް ޕްރޮޖެކްޓް." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް ވިދާޅުވީ މީގެ ކުރީގެ އެއްވެސް ވެރިކަމެއްގައި ނުގެންނަހާ ތަރައްޤީ، މި ތިން އަހަރުތެރޭ ހޯރަފުއްޓަށް އަންނަމުންދާކަމަށެވެ.

ސަލީމް ވިދާޅުވީ ރަށްރަށުގެ ކިޔަވައިގެން ތިބި ޒުވާނުންނާ ރައްޔިތުން މާލެއާއި އެހެން ސަރަޙައްދުތަކަށް ހިޖުރަ ކުރަން ޖެހުނީ ރަށަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ޤާއުމުކުރުމުގައި، ކުރީގެ ވެރިކަންތަކުގައި އިޙުމާލުވުމުގެ ނަތީޖާއެއްގެ ގޮތުންކަމަށެވެ.

"ރާއްޖޭގެ ބޮޑެތި ރަށްރަށުގެ %50މީހުން އުޅެނީ އެމީހުންގެ އަމިއްލަ ވަޒަނުގައި ނޫން. ބަދަލުވާންޖެހުނީ ރައްރަށަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުވެފައި ނެތުމުން. ނަމަވެސް މި ވެރިކަމުގައި ރަށްތަކަށް މިވަނީ އުއްމީދު ގެނެސްފައި. މިހާރު މިދަނި ރަށްތަކަށް ވީ ވަޢުދުތަށް ފުރިހަމައަށް ނިންމަމުން." ސަލީމް ވިދާޅުވިއެވެ.

ހޯރަފުށީގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގައި ފުރަތަމަ ތަރައްޤީކުރަނީ ރަށުގެ 11މަގެކެވެ. މީގެތެރޭގައި ރަށުގެ އެންމެ ބޮޑު 6 މަގު ހިމެނެއެވެ. އެއީ އެކި ޚިދުމަތްތަކަށް ރަށުގެ ރައްޔިތުން އާއްމުކޮށް ބޭނުންކުރާ މަގުތަކެވެ. މަގުހެދުމުގެ މަޝްރޫޢުތަކުގައި 3 ފަރުމާއެއްގެ މަގުތައް ހިމެނެއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީގެ ކޮންމެ މަޝްރޫޢުއެއްވެސް ގެންދަނީ ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކުކަމަށެވެ.

"ސަރުކާރުން މިހާރު ކޮންމެ މަސައްކަތެއްވެސް ހަވާލުކުރަނީ އެޔަށް ބޭނުންވާ ފައިސާ ހަމަޖައްސާ، ވަސީލަތްތައް ހުރިކަން ޔަގީންކުރުމަށްފަހުގައި. އެންމެ މުހިންމީ ވަގުތަށް މަސައްކަތް ނިންމާ، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނާ ހަމައަށް އައުން." އާޒިމް ވިދާޅުވިއެވެ.

ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 71.9 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގައި މަގުތަކުގެ 5303 މީޓަރުގެ ސަރަޙައްދުގައި ތާރު އެޅުމާއި، ސަބްބޭސް ހެދުމާއި، އޭބީސީ ފަށާލަ އެޅުމާއި ޕޭމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އަދި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުތަކުގައި ނިޝާން ހަރުކުރުމާއި، ސްޕީޑްބްރޭކަރު ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރުމަށްވަނީ ހަމަޖެހިފައެވެ.