ޚަބަރު

މުރައިދޫ ރައްޔިތުންގެ ޒަމާންވީ އިންތިޒާރެއް، އާ ބަނދަރުގެ މަސައްކަތް ފަށައިފި


ހއ.މުރައިދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ފަށްޓަވައިދެއްވީ ބާރަށު ދާއިރާގެ މެންބަރު އަޙްމްދު އަބްދުﷲއެވެ.

ރާއްޖޭގެ ރަށްތައް އުފެދިފައިވާގޮތުން، ކޮންމެ ރަށަކަށްވެސްވަނީ ރަނގަޅު ފެންވަރުގެ ލަފާ ފުރޭނެ ނިޒާމެއް ބޭނުންވެފައެވެ. ރަށްރަށުގައި އާ ބަނދަރުތައް ތަރައްޤީކުރުމާއި ހަލާކުވެފައިވާ ބަނދަރުތައް އަލުން މަރާމާތުކޮށް ޒަމާނީ ބަނދަރުތަކަކަށް ބަދަލުކުރަމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ކުރިން ބަނދަރެއް އޮތް ނަމަވެސް ހއ.މުރާދުއަކީ ލަފާ ފުރުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެވެ. ބަނދަރާއި ނެރު ހަލާކުވެ، ހިތާމަވެރި އެތައް ޙާދިސާއެއް ހިންގާފައިވެސްވާ ރަށެކެވެ. ހާދިސާތަކުގައި މީހުންގެ ފުރާނައާއި، މުދަދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާ ރަށެއްވެސް މެއެވެ.

މުރައިދޫގައި ޒަމާނީ އާ ބަނދަރެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ޙަވާލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގަައެވެ. މިކަމަމުގެ ޢަމަލީ މަސައްކަތް މިހާރު މިވަނީ މުރައިދޫގައި ފަށާފައެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަޙުމަދު އަބްދުﷲއެވެ.

މުރައިދޫގައި މިވަގުތު ބޭނުންކުރަމުން އަންނަ ބަނދަރަކީ މީގެ 15ވަރަކަށް އަހަރު ކުރިން ތަރައްޤީކޮށް ބޭނުންކުރަމުން އައި 300ފޫޓުގެ ކުޑަ ބަނދަރެކެވެ.

"ރާއްޖޭގައި ލަފާފުރުމުގައި އެންމެ ހިތާމަވެރި ޙާދިސާތައް ހިނގާފައިވަނީ ޏ.ފުވައްމުލަކާއި މުރައިދޫގައި. އެހާވެސް ދަތި މިރަށުގެ ލަފާ ފުރުން. 3ފުރާނައެއް ވަނީ ގެއްލިފައި. އެތަށް މިލިއަން ރުފިޔާގެ މުދާ ވަނީ ގެއްލިފައި. ބަނދަރުގެ ސަބަބުން ފެރީގެ ޚިދުމަތައްވެސް ދަތިވޭ." ކައުންސިލްގެ ރައީސް އަލީ ޝިނާން ވިދާޅުވިއެވެ.

ބަނދަރުގެ މަސައްކަތް ފަށްޓަވައިދެއްވައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ މިއީ ކުރީގެ ސަރުކާރު ތަކުގައިވެސް މުރައިދޫ ރައްޔިތުން ވަރަށްބޮޑަށް އެދެމުންދިޔަ ކަމެއްކަމަށެވެ. ބަނދަރުގެ ދަތިކަމުގެ ސަބަބުން ރަށުގެ ޢުމްރާނީ ތަރައްޤީގެ އިތުރުން، އިގްތިޞާދީ ތަރައްޤީއަށްވެސް ހުރަސް އެޅިފައިވާކަމަށެވެ.

"މި މަޝްރޫޢާއެކު މިފެނުނީ ރައީސުލްޖުމްހޫރިއްޔާ، ކުޑަ ރަށް ބޮޑުރަށް ތަފާތުކުރުން ނުގެންގުޅޭކަން. މިރަށުގައިވެސް 10 މަޝްރޫޢުއެއްގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދޭ. ޒުވާނުންނަށް ޢާމްދަނީ ލިބޭނެ ދޮރުތައް ހުޅުވިއްޖެ." އަޙުމްދު އަބްދުﷲ ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ކުންފުނިން އެންމެ އިންޗިއެއްވެސް ފަހަތައް ނުޖެހޭނެކަމަށެވެ. ކޯވިޑްގެ ޙާލަތުގައި އެކަން ސާބިތުކޮށްދީފައިވާކަމަށް އާޒިމް ވިދާޅުވީއެވެ. ކޯވިޑާއެކުވެސް ކުންފުނިން މި ވޭތުވެދިތަ 3އަހަރު 50އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތްވަނީ ނިންމާފައެވެ.

"އަހަރެއް ނުވަނީސް މިބަނދަރުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ޚިދުމަތް ލިބޭނެ. ރަށުގެ ރައްޔިތުން އެދުނުގޮތަށް ކުންފުނީގެ ސީއެސްއާރްގެދަށުން ރަށުގައި މޫދަށް އެރޭ ސަރަޙައްދެއްވެސް ހަދައިދޭނަން." އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

މުރައިދޫ ބަނދަރުގެ މަސައްކަތުގައި މިހާރު އޮތް ބަނދަރަށް ބަދަލުގެނެސް، 212 މީޓަރުގެ އާ ބަނދަރެއް ތަރައްޤީކުރާނެއެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި 407 މީޓަރުގެ ބޭރުތޮށި ލުމާއި 50 މީޓަރުގެ ގްރޮއިންޖެހުން ހިމެނެއެވެ. އަދި 105 މީޓަރުގެ ރިވެޓްމަންޓްޖަހައި، 212 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި 9 މީޓަރު ދިގު އަދި 9 މީޓަރު ފުޅާ ރޭމްޕެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 2 މީޓަރު ދިގު 15 މީޓަރު ފުޅާ ވޯކްވޭ ބްރިޖެއް ހެދުމުގެ އިތުރުން 1،703.61 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާ، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރާނެއެވެ.

މުރައިދޫ ބަނދަރުގެ މަސައްކަތަށް 33.72 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.