ވިޔަފާރި

13 އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިފްކޯ


މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް، އިތުރު 13 އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މަސްވެރިންނަށް ފަސޭހަކަމާއެކު އައިސްލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މިފްކޯއިން އަތޮޅުތެރޭގައި މިހާރު ހިންގަމުންދާ 20 އައިސްޕްލާންޓުން 825 ޓަނުގެ އައިސް ދުވާލަކަށް އުފެއްދުމުގެ ޤާބިލްކަން އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ރަނގަޅު މަސްވެރިކަމެއްގައި، މަސްވެރިން ބޭނުންވާ ވަރަށް އައިސް ފޯރުކޮށްދިނުމަށް ގޮންޖެހުންތަކާއި ކުރިމަތިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. މިކަމަށް ހައްލު ހޯދުމަށް އިތުރު އައިސްޕްލާންޓުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން އިތުރު 13 އައިސްޕްލާންޓު ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ، އެކި މަރުހަލާތަކުގައި ހުރީ، މަސްވެރިންގެ ދުވަހުވަނީ 3 އައިސްޕްލާންޓު އޮޕަރޭޝަނަށް ގެނައިން، މިހާރުވެސް ފ. ފީއަލީގައި އައިސްޕްލާންޓުގެ މަސައްކަތް މާރޗު 15ގައި ނިންމާލެވޭނެ" އިސްމާއިލް ވިދާޅުވިއެވެ.

މަސްވެރިން އައިސް ޕްލާންޓުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ލޮނު ފެނުން މަސް ފިނިކުރާ ނިޒާމްތައް ދޯނިތަކުގައި ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި ބައެއް މަސް ދޯނިތަކުގައި މި ނިޒާމު ޤާއިމްކޮށްފައިވާކަން އިސްމާއިލް ފާހަގަކުރެއްވިއެވެ.

"މިހާރުގެ އާރުއެސްޑަބްލިއު ސިސްޓަމް ބަހައްޓައިގެން ވަރަށް ގިނަ ދޯނިތައް އެބަ އޮޕަރޭޓްކުރޭ، ސަރުކާރުންވެސް އެބަހުރި 50 ދޯނީގައި އާރުއެސްޑަބްލިއު ސިސްޓަމް ބެހެއްޓުމުގެ ޕްލޭނެއްވެސް އެބަހުރި، އުއްމީދަކީ މިއަހަރުތެރޭ މީގެ އިމްޕްލިމެންޓްވެގެން ދިޔުން" އިސްމާއިލް ވިދާޅުވިއެވެ.

ލޮނު ފެނުން މަސް ފިނިކުރާ ނިޒާމުތަކާއެކު މަސްވެރިކަމުގައި ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަވަގުތު ހޭދަކުރެވޭގޮތް މެދުވެރިކޮށްދީ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވެދޭނެކަމަށް ސަރުކާރުން ދެކެއެވެ.