އާމްދަނީ އިތުރުކޮށް، ޚަރަދުކުޑަކުރުމަށް އިތުރު ގޮތްތަކެއް ހޯދަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީގެ ޙާލަތު މަޖިލީހުގެ އެސްއޯއީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށްފަހުއެވެ. މި ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުދެއްވި 62 މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ވަނީ އެމްއެމްޕީއާރުސީ އާއި އެމްއައިޓީޑީސީގެ މާލީ ރިޕޯޓުތައް ބަލައި ކުންފުނިތަކުގެ ހިންގުމާ ގުޅޭ ކަންކަން ބަލާފައެވެ. ދެ ކުންފުނީގެ ހާލަތު ބެލުމަށްފަހު މައިގަނޑު 3 ކަމެއް ކޮމިޓީން ވަނީ ނިންމާފައެވެ.
އެސްއޯ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި ރިޕޯޓުގައި ވަނީ އެމްއެމްޕީއާރުސީގެ މައިގަނޑު ޕްރޮގްރާމްތައް ހިންގުމަށާއި ލޯނު ދެއްކުމަށް ސަރުކާރަށް ބަރޯސާވާންޖެހޭތީ އެ ކުންފުންޏަކީ އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށް ހެދުމަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ބަލައި ދިރާސާ ކުރުމަށް އަންގަން ނިންމާފައެވެ. އަދި ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް އިތުރު ގޮތްތަކެއް ހޯދުމަށް އެމްއެމްޕީއާރުސީއަށް އެންގުމަށްވެސް ކޮމިޓީން ފާސްކުރިއެވެ.
ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2022ވަނަ އަހަރާ އަޅާބަލާއިރު 2023ވަނަ އަހަރު އެމްއެމްޕީއާރުސީއަށް ލިބުނު އާމްދަނީ އިތުރުވި ނަމަވެސް އެއީ ފެއާތަކުގެ ޕާޓިސިޕޭޝަން ފީން ލިބުނު އާމްދަނީއެވެ. އަދި 2023ވަނަ އަހަރުން ފެށިގެން ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް މެނޭޖްމަންޓުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރެވޭކަމަށާއި ފެއާތަކުގައި ބައިވެރިވުމަށް ކުންފުނިން ކުރާ ޚަރަދު ވަރަށް ބޮޑަށް ކުޑަކޮށްފައިވާކަން ފާހަގަކުރެވޭކަމަށް ވަނީ ބުނެފައެވެ.
މާލީ ރިޕޯޓުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ދަރަނިތައް ކުންފުނީގެ ހަރުމުދަލަށްވުރެ ގިނައެވެ. އެހެންވެ އެއީ ބަނގުރޫޓުވުމުގެ ނުރައްކާ އޮތް ކުންފުންޏެއްކަމަށާއި މާލީ ހާލަތު ރަނގަޅު ކުރަންޖެހޭ ކަމަށް އެސްއޯއީ ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.
އެމްއައިޓީޑީސީ އުވާލުމުގައި ކުންފުނީގެ ޤާނޫނާ އެއްގޮތަށް ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށާއި ސައްޙަ ދަރަނިތައް އަދާކޮށް، ޤާނޫނުގައި ބަޔާންކުރާ އެހެން ކަންކަން ފުރިހަމަކުރުމަށް މާލީކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއަށް އަންގަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެކަންކަން ފުރިހަމަ ކުރުމަށްފަހު ސަަރުކާރުގެ ނިންމުމާ އެއްގޮތަށް އެމްއައިޓީޑީސީ އުވާލުމުގެ މަރުހަލާ ކުރިއަށްގެންދިއުމަށާއި ކުންފުނި އުވާލުމަށް ހަވާލުކުރެވޭ ލިކިއުޑޭޓަރު އެ ފަރާތުގެ މަސްއޫލިއްޔަތުތައް އަދާކުރޭތޯ ބަލައި ކަށަވަރު ކުރުމަށް އަންގަންވެސް ވަނީ ފާސްކޮށްފައެވެ.
މީގެއިތުރުން އެމްއައިޓީޑީސީ އުވާލުމުގެ މަސައްކަތް ނިމުމުން އެ ކުންފުނި އުވާލުމުގެ ކަންކަން ނިމުނު ގޮތުގެ ރިޕޯޓެއް އެސްއޯއީ ކޮމިޓީއަށް ފޮނުވުމަށް މާލީ ކަންކަމާބެހޭ ވުޒާރާއަށް އެންގުމަށްވެސް ކޮމިޓީން ފާސްކުރިއެވެ.
އެމްއައިޓީޑީސީއަކީ އުފެދުނު ދުވަހުން ފެށިގެން ވެސް އެކަށީގެންވާ ގޮތެއްގައި ހިންގަމުން ނުދާ ކުންފުންޏަކަށްވެފައި ދައުލަތުގެ ބަޖެޓުން ކުންފުނި ހިންގުމަށް ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށާއި އެ ކުންފުނި އުވާލުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުމާއި ފިސްކަލް ރިފޯމާވެސް ގުޅޭ މުހިންމު ނިންމުމެއްކަމަށް މާލީ ވުޒާރާއިން ވަނީ އެސްއޯއީ ކޮމިޓީގައި ވިދާޅުވެފައެވެ.
މި ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްކުރުމާއެކު އެސްއޯއީ ކޮމިޓީގެ ނިންމުމާ އެއްގޮތަށް އެމްއެމްޕީއާރުސީއާއި މާލީ ވުޒާރާއަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށްގެންދިއުމަށް އަންގާނެއެވެ.