ޚަބަރު

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ހުކުރު ދުވަހު


ށ.ކޮމަންޑުއާއި އެރަށު ފަޅުގައި އޮތް މަތިކޮމަނޑޫ ގުޅާލުމުގެ ޢަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފަށާނެކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.

ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅުވާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ.

މިމަހުގެ 7ވަނަ ދުވަހު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދަވާނެކަމަށް ވިދާޅުވެފައެވެ. ކޮމަންޑުއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަކީ މިސަރުކާރުން ވެފައިވާ ވަޢުދެއްކަން ފާހަގަކުރައްވައި އެވަޢުދު ފުއްދުމަށްޓަކައި، މިފެށޭ ހަފްތާގައި މަސައްކަތް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ ޕްލޭންތައް މިހާރު ހަދައި ނިމިފައިވާކަމަށާ، އެ މަސައްކަތުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް އެސަރަހައްދުން ފެންނަން ފަށާނެކަމަށްވެސް ރައީސްވަނީ ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް ހުކުރު ދުވަހު ފަށްޓަވާނެކަމަށެވެ. އެގޮތުން އެ ދެރަށް ގުޅާލާނީ ލިންކަކުންކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ 30 ދުވަހުގެ ތެރޭގައި އެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށެވެ.

ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތަށް ޢާންމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް އެރަށު ކައުންސިލުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން ގޫގުލް ފޯމްގެ ޒަރިއްޔާއިން ޢާންމުންގެ ޚިޔާލު ހޯދަމުން އަންނަކަމަށް ކޮމަނޑޫ ކައުންސިލުން ވިދާޅުވިއެވެ.

ދެހާހާ ގާތްކުރާ ޢަދަދަކަށް މީހުން ދިރިއުޅޭ ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތަކީ ޒަމާނުއްސުރެ އެރަށު ރައްޔިތުން ކުރަމުން އައި އުއްމީދެއްކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ކޮމަންޑުއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަން ކަމަށާ، މި މަޝްރޫޢާއެކު އެކަމަށް ހައްލެއް ލިބޭނެކަމަށް އެރަށު ރައްޔިތުން އުންމީދު ކުރެއެވެ.