ތަރައްްޤީ

މަނަދޫ ރައްޔިތުން ތިބީ މަގުތައް ރަނގަޅު ފެންވަރަކަށް ހެދޭނެ ދުވަހެއްގެ އިންތިޒާރުގައި


ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެން ދިއުމަކީ ނ. މަނަދޫގެ ރައްޔިތުން ޒަމާންތަކެއް ވަންދެން ދެކެމުންދިޔަ ހުވަފެނެކެވެ. އެރަށަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ، އަދި ގިނަ ބަޔަކު އެކި ބޭނުންތަކަށް އަރައިފައިބާ ރަށަކަށްވުމާއެކު، މަގުތައް އެއްވަރުނުވުމާއި، އަނޑިގުނޑަންތައް ގިނަކަމުގެ ޝަކުވާއަކީ ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށް އަރައިފައިބާ މީހުންގެވެސް ކަންބޮޑުވުމެކެވެ.

ނ. މަނަދޫއަކީ ނ. އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އަތޮޅު ފެންވަރުގައި ޚިދުމަތްދޭ މުހިއްމު ގިނަ މުއައްސަސާތަކެއް ޤާއިމުވެފައިވަނީ މަނަދޫގައެވެ. އެހެންކަމުން މަނަދޫއަކީ އެއަތޮޅާއި ކައިރި އަތޮޅުތަކުގެ ރައްޔިތުންވެސް އެކި ބޭނުންތަކަށް ދަތުރުކުރާ ރަށެކެވެ.

ރަށުގެ ރައްޔިތުންނާއި، ރަށަށް އަރާ ފައިބާ މީހުންގެވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަނަދޫގެ މަގުތަކުގެ ޙާލަތު ދަށްވުމެވެ. މަގުތައް އެއްވަރު ނުވުމާއި، އަނޑިގުނޑަންތައް ގިނަކަމުގެ ޝަކުވާއެވެ. ވިއްސާރަ ވެއްޖެނަމަ ފަސޭހައިން ފެން ބޮޑުވުމާއި، ހޫނު ދުވަސްވަރެއްނަމަ ހިރަފުހުގެ އުނދަގޫ ކުރިމަތިވާކަމުގެ ޝަކުވާއަކީ ރަށުގެ ރައްޔިތުން އަބަދުހެން ކުރަމުންދާ ޝަކުވާއެކެވެ. އަވަސް ހައްލުތަކެއް ބޭނުންވޭފައިވާ މައްސަލައެކެވެ.

"އަސްލު ވަރަށް އުނދަގޫވޭ މަގުތައް އޮތްގޮތުން. މިރަށަކީ ވެރިކަން ކުރާ ރަށަށް ބަލާފައި، ވަރަށް ގިނަ ވެހިކަލްތައް އެބަ ދުއްވާ. ލައިސަންސް ނަގާށާ އެނޫން ބޭނުންތަކުގައިވެސް މި އަންނަނީ މަނަދޫއަށް. އަންނައިރު މަގުތައް މިހެން އޮންނާތީ އަސްލު ވަރަށް ބޮޑަށް އުނދަގޫވޭ. އަޅުގަނޑުމެން އަބަދުވެސް ދެކެމުންދިޔަ ހުވަފެނެއް މަގުތައް ހެދިގެން ދިއުމަކީ" މަނަދޫގެ ރައްޔިތަކު ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަމުން ބުންޏެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މަނަދޫ ކައުންސިލުގެ ރައީސް ޢަބްދުލް ރަޙްމާން ސަބީޙު ވިދާޅުވީ، މަނަދޫގެ މަގުތަކުގެ ޙާލަތު ވަރަށް ދަށްކަމަށާއި، ރަށުގެ ހުރިހާ މަގެއްގައިހެން އަނޑިގުނޑަތައް އެބަހުރިކަމަށެވެ. އަދި ވެހިކަލް ދުއްވުމަށާއި، މަގުމަތީގައި ހިނގާބިނގާވެ އުޅެން އާއްމުންނަށް އުނދަގޫކަމަށާއި، މީހުންނަށް އެކި ކަހަލަ ޒަޙަމްތައް ލިބިގެންވެސް އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ކައުންސިލުން ދޭތެރެ ދޭތެރެއިން މަގުތަކަށް ފަސް އަޅާ އެއްވަރު ކުރިނަމަވެސް މިއީ ދާއިމީ ހައްލެއް ބޭނުންވާ މައްސަލައެއްކަމަށް މަނަދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"ވަރަށް ބޮޑެތި އަނިޔާތައްވެސް އެބަހުރި ބައެއް ޙާލަތްތަކުގައި މީހުންނަށް ލިބިފައި. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. ރައްޔިތުންގެ އަބަދުވެސް ޝަކުވާއެއް. ކައުންސިލުން ވަގުތީ ހައްލެއް ހޯދުމަށް ވެލި އަޅަން، އެކަމު އެއީ ވަގުތީ ހައްލަކަށްވެސް ނުވެ މިދަނީ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު އަތޮޅުގެ އެހެން ރަށްރަށުން ހޮސްޕިޓަލުންނާއި އެހެން ތަންތަނުން ޚިދުމަތް ހޯދަން މި ރަށަށް އެބައާދޭ. އެބޭފުޅުންގެވެސް ޝަކުވާއެއް މި ޙާލަތުގައި މަގުތައް އޮތީމަ" މަނަދޫ ކައުންސިލުގެ ރައީސް ސަބީޙު ވިދާޅުވިއެވެ.

މަނަދޫ މަގުތަކުގެ ޙާލަތާމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ނ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދާދިފަހުން ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ އުއްމީދީ ޖަވާބެއް ދެއްވާފައެވެ. އެގޮތުން މަނަދޫ މަގުތައް ހެދުމަކީ މި ސަރުކާރުގެ ވަޢުދެއްކަމަށާއި، އެކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން މިދަތުރުފުޅުގެ ތެރެއިން މަނަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ.

"މަނަދޫގެ މަގުތައް ހެދުން އެއީ އަޅުގަނޑުމެން ވީ ވަޢުދެއް. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކުރާނަން. މިހާރު ކުރިއަށް އެގެންދަނީ ސަރވޭއާއި ޑިޒައިނިންގއާއި ކޮންސަލްޓޭޝަންގެ މަސައްކަތް. އެއަށްފަހުގައި ބިޑަށް ހުޅުވާލާނަން. މަސައްކަތް އަޅުގަނޑުމެން ފަށާނީ މަނަދޫގެ ފެނުގެ ނިޒާމު ނިންމާފައި. އެހެންނޫނިއްޔާ އިތުރު މަސައްކަތްތަކެއް ކުރަންޖެހޭނީ. އެހެންވީމަ އެ ޔަޤީންކަން ބާއްވާ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަނަދޫއަކީ އިޤްތިޞާދީ އަދި ސިނާޢީ އެކި މަސައްކަތްތަކަށް ފުރުޞަތު އޮތް ރަށަކަށްވެފައި، އެކަންކަން ފުޅާކޮށް މަގުފަހިކުރުމަށް ރަނގަޅު ފެންވަރުގެ މަގުތަކަކާއި، ފެނާއި ނަރުދަމާ ނިޒާމު ބޭނުންވާކަން މަނަދޫގެ ރައްޔިތުންނާއި ކައުންސިލުންވެސް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މިއީ ރައްޔިތުން ނުހަނު ބޮޑަށް ބޭނުންވެފައިވާ ކަމެކެވެ.