ޚަބަރު

ކޯވިޑްގެ ޢަދަދުތައް މައްޗަށް، ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ!


މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށްފަހު އަނެއްކާވެސް ކޯވިޑް ކޭސްތައް 200އިން މައްޗަށް އަރައި ކޯވިޑްގެ ޙާލަތު ރާއްޖޭގައި ގޯސްވާން ފަށައިފިއެވެ. މިގޮތުން ވޭތުވެދިޔަ 3 ދުވަހުގެ ތަފާސްހިސާބަށް ބަލާއިރުވެސް ރާއްޖޭގައި ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 200އިން މަތީގައެވެ.

ކޯވިޑް-19އާއެކު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ކުރިން ނުގެންގުޅޭ އާދަތަކަށް ހޭނެންޖެހިފައިވާއިރު ގޭގައި ބަންދުވާންޖެހުނު ދުވަސްތަކެއްވެސްވަނީ މާޒީވެފައެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ޢާލަމީ ވަބާއެއްގެ ސަބަބުންނެވެ. އެހެންނަމަވެސް އެގޮތުގައި ތާއަބަދު ނުތިބެވޭނެތީ މިބަލިން ރައްކާތެރިވުމަށް ފިޔަވަޅުތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ. ބަލީގެ އެތައް ރާޅަކާ، މިހާތަނަށް ކުރިމަތިލާފައިވާއިރު މިހާތަނަށް 96000އަށްވުރެ ގިނަ މީހުނަށް ރާއްޖޭގައި މިބަލި ޖެހިއްޖެއެވެ.

އާއަހަރާ ދިމާކޮށް ސްކޫލް ބަންދުގައި މިވޭތުވެދިޔަ ދެހަފްތާގެ ތެރޭގައި ގިނަބަޔަކު އަންނަނީ އަތޮޅުތަކަށާއި ބޭރަށް ދަތުރުކުރަމުންނެވެ. މިދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާ، މީހުން އެއްވެގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިންވަނީ އިލްތިމާސްކުރައްވާފައެވެ. އެހެންނަމަވެސް ބައެއް ރަށްރަށުގައާއި މާލޭގައި މިފަދަ ޙަފްލާތަކާއި އެއްވުންތައް ތޮއްޖެހޭގޮތަށް ގައިދުރުކަމެއްނެތި އިންތިޒާމުކޮށް ބޭއްވުމުގެ ނަތީޖާ މިހާރު މިދަނީ ފެންނަމުންނެވެ. ވޭތުވެދިޔަ 3 ދުވަހުވެސް ރާއްޖޭގައި ކޯވިޑްގެ ކޭސްތައް ހުރީ 200އިން މަތީގައެވެ. އާއަހަރު ފާހަގަކުރުމަށާއި ޚިތާނީ ޕާޓީތަކާއި އެހެނިހެން އެއްވުންތަކާއެކު ކޭސްތައް އިތުރުވާންފަށާފައިވާއިރު މި ޢަދަދުތައް ކުރިއަށް އޮތް ދެހަފްތާގައިވެސް އިތުރުވަމުންދިޔުމުގެ ކަންބޮޑުވުން ކަމާބެހޭ ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.

މާލޭގައި ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުންގެ ޢަދަދުތައް 100އިން ދަށުގައި ހުންނަތާ މަސްތަކެއްވުމަށްފަހު ބުދަދުވަހު އަނެއްކާވެސްވަނީ މާލެއިން ބަލި ޖެހުނު މީހުންގެ ޢަދަދު 100އިން މައްޗަށް އަރާފައެވެ. އެހެންކަމުން ބަލީގެ އިތުރު ރާޅަކާ ކުރިމަތިލާންޖެހިދާނެކަމުގެ ބިރުމިވަނީ ބޮޑުވެފައެވެ. މިއާއެކު ކޯވިޑުން ދިފާޢުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވުން އަނެއްކާވެސް އިތުރުކުރަންޖެހެއެވެ. މާސްކު އެޅުމަށާއި ގައިދުރުކަން ބެހެއްޓުމުގެ އިތުރުން ގިނަ ގިނައިން އަތްދޮވުމާއި ޢާއްމު ސާފުތާހިރުކަމަށް އިތުރަށް ސަމާލުކަން މިދުވަސްވަރު ދޭންއެބަޖެހެއެވެ. އެހެންނޫނީ މިބަލީގައި އިތުރު ފުރާނަތަކެއް ނުރައްކަލަށް ހުށައެޅުމުގެ ފުރުސަތު އޮތި ދާދި ގާތުގައެވެ.