ތަރައްްޤީ

މޭނާ ސްކޫލް އެއް ކެމްޕަހަކަށް ބަދަލުކޮށް، ޖާގަ އިތުރުކޮށްދޭނަން: ރައީސް


ނ.ހޮޅުދޫ މޭނާ ސްކޫލް، އެއް ކެމްޕަހަކަށް ބަދަލުކޮށް، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ނ.ހޮޅުދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ހޮޅުދޫ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މޭނާ ސްކޫލަކީ ހޮޅުދޫގެ ޝަރަފާއި ގުޅިފައިވާ ފަޚުރުވެރި މުއައްސަސާއެއް ކަމަށެވެ. ގިނަ ޢަދަދެއްގެ ދަރިވަރުން ކިޔަވަމުންދާ މިސްކޫލު، މިހާރު ދެ ޢިމާރާތެއްގައި ވަކިން ހިންގާތީ، ދިމާވެފައިވާ ދަތިތައް ޙައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގެ ތެރެއިން ސްކޫލަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މޭނާ ސްކޫލަށް ޖާގަ އިތުރުކޮށްދެއްވައި އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް އެތަން ބަދަލުކޮށްދެއްވާނެކަމަށާ، ރައްޔިތުން ބޭނުންވާގޮތަށް މޭނާ ސްކޫލް، އެއް ކެމްޕަހަކަށް ބަދަލުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ހޮޅުދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވީ އެރަށުގައި މިހާރުވެސް ގޯތި ބޭނުންވާ 400 އެއްހައި މީހުން އެބަތިބިކަމަށެވެ. އަދި ގޯތި ދޫނުކުރާތާ ވިއްސަކަށް އަހަރުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން ހޮޅުދޫ ކައިރީގައި އޮތް ފަޅުރަށެއްކަމަށްވާ މީދޫ މިރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައި "ހޮޅުމީދޫ"ގެ ގޮތުގައި ތަރައްޤީކޮށް، އެރަށުން ރައްޔިތުންނަށް ގޯތިދޫކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެރަށުގައި މީހުން އާބާދުކުރާނީ، ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރެއްވުމަށްފަހު ކަމަށާ، އެތަނުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށްދާ ހޮޅުދޫ ހެލްތު ސެންޓަރަށް އިތުރުކުރާ ޢިމާރާތުގެ މަސައްކަތަށް ރައީސް ބައްލަވާލެއްވިއެވެ. މިމަޝްރޫޢު ނިމުމުން އޮފީސް ހިންގުމަށާއި، ޕަބްލިކް ހެލްތުގެ ކަންކަމަށް ބޭނުންވާ ޖާގަ އިތުރުވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އަތޮޅުތަކުގައި ޤާއިމުކުރަން ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ތެރޭގައި، ހޮޅުދޫ ޕޮލިސް ސްޓޭޝަންވެސް ހިމެނޭކަމަށާ، ރަށުގައި ޒުވާނުންނަަށް އެކި ކުޅިވަރުތައް ކުޅެވޭނެހެން ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހޮޅުދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އަދި ރަށުގެ ސިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލެއްވިއެވެ. މީގެ އިތުރުން ސަރުކާރުން ހޮޅުދޫގައި ތަރައްޤީކުރި ފުޓުބޯޅަދަނޑުވެސް ރައީސް ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. އަދި ދަނޑުގައި ކުރިއަށްދިޔަ އެކުވެރިކަމުގެ މެޗެއް އެމަނިކުފާނު ބައްލަވާލެއްވެވިއެވެ.