ޚަބަރު

އެންމެ އިސްކަމެއް ދޭނީ ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް - އޮޕެކް ޕްލަސް


އޮޕެކް އާއި އެކުވެރި ޤައުމުތައް ހިމެނޭ ޖަމާޢަތް ކަމަށްވާ އޮޕެކް ޕްލަސް އިން، މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ ބައްދަލުވުމުގައި އެންމެ ޚާއްޞަ އިސްކަމެއް ދޭނީ ކުރިން ނިންމާފައިވާގޮތަށް ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ކަމަށް، އެޖަމާޢަތުން ބުނެފިއެވެ.

އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯރޓިންގް ކަންޓްރީސް، އޮޕެކާއި، އެކުވެރި ޤައުމުތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ އޮޕެކް ޕަލަސް ޖަމާޢަތުން މިދިޔަ އަހަރު ވަނީ، ދުނިޔޭގައި ތެލުގެ ޑިމާންޑު އިތުރުވަމުންދާ މިންވަރަށް ބަލައި، މިއަހަރު ތެޔޮ އުފައްދާ މިންވަރު އިތުރުކުރާނެކަމަށް ބުނެފައެވެ. އެގޮތުން މިއަހަރު ތެޔޮ އުފައްދާ މިންވަރު ދުވާލަކު 400،000 ފީފާ އިތުރުކުރުމަށް، މިދިޔަ އަހަރުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އޮޕެކް ޕްލަސް ގެ އަހަރީ ބައްދަލުވުން ފެށުމުގެ ކުރިން ހޯމަ ދުވަހު (އިއްޔެ) ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައި ވަނީ އަންނަ އޯގަސްޓުމަހު ފެށޭ އެ ޖަމާޢަތުގެ އައު ދައުރުގެ ސެކެޓްރީ ޖެނެރަލް ހޮވާފައެވެ. މި މަޤާމަށް ހަމަޖައްސާފައިވަނީ ކުވެއިތަށް ނިޞްބަތްވާ އޮޕެކުގެ ކުރީގެ ގަވަރުނަރު، ޙައިޡަމް އަލް ޤައިސްއެވެ.

މާޤާމާއި ޙަވާލުވުމަށްފަހު ޙައިޘަމް ބުނެފައިވަނީ އޭނާ އެންމެ އިސްކަމެއް ދެއްވާނީ ތެޔޮ އުފައްދާ ފަރާތްތަކާއި، އޮޕެކުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާ 23 ޤައުމުން، ކުރިން ކަނޑައަޅާފައިވާ ނިންމުންތަކަށް އެއްބާރުލުންދީ، އެ ނިންމުންތައް ތަންފީޟުކުރުމަށް ކަމަށެވެ.

އޮޕެކް ޕަލްސް ގެ އަހަރީ ބައްދަލުވުމަށްފަހު، ތެޔޮ އުފައްދާ މިންވަރަށް ބަދަލު ގެންނާނެކަމަށް ބެލެވެނީ އަންނަ ފެބްރުއަރީގައެވެ.