ތިލަދުންމަތީ އުތުރުބުރީ އުލިގަމަކީ މަލަފެހި ސާފު ދޮންވެލީގެ ގޮނޑުދޮށެއް ލިބިފައިވާ ރީތި ރަށެކެވެ. އުލިގަމަކީ އާބާދީގައި ފައްސަތޭކަ ސާޅީސް ހަތް މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ބޮޑުމިނުގައި 112 ހެކްޓަރު ހުންނަ އުލިގަމަކީ ހީވާގި ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ އިޖްތިމާޢީ ރޫހު ވަރުގަދަ ރަށެކެވެ.
އެކަން ފެނިގެންދަނީ ކޮންމެ އަހަރަކު ރައްޔިތުންގެ ބައިވެރިވުމާއެކު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ބާބަކިއު ހަރަކާތުންނެވެ.
މިއީ އިހުޒަމާނުގައި އުލިގަމުގައި ކޮށްއުޅުނު ކަމެއް ނޫނެވެ. އެންމެ ފުރަތަމަ މިކަން ފެށުނީ 1980ގެ އަހަރުތަކުގައި އުލިގަމުގެ ދެތިން މީހަކު އެކުވެގެން ފެށި ވަރަށް އާދައިގެ ހަރަކާތަކުންނެވެ.
" ހަ ރޯދަވެރިންގެ ޢީދުގައި ކޮންމެވެސް ކަމެއް ކުރުމުގެ ނިޔަތުގައި އަޅުގަނޑުމެން މިކަން ކުރީ. އެކަން އަޅުގަނޑުމެން ފެށީ ވިއްސަކަށް ޕެކެޓު ނޫޑުލީސް ކައްކާލީ. އޭތި މާގަދައަށް ކުރިއަށް ދާގޮތެއް ނުވި. އޭގެ ޖެހިގެން އައި އަހަރު އޭތި ބަދަލުކޮށްލަން އަޅުގަނޑުމެން ވިސްނީ. ބަދަލުކޮށްލީ ބޮނޑިބަތާ ކުޅިމަހަށް. އެކަމުގައި ކޮންމެވެސް ވަރަކަށް ތަރުހީބު ލިބުނު. މާގިނަ ބަޔަކު އެއްވެގެނެއްނޫން އަޅުގަނޑުމެން އެމަސައްކަތް ފެށީ. ދެން އަޅުގަނޑުމެން ހިތަށް އެރީ އަޅުގަނޑުމެންގެ ސަޤާފީ ކަމެއްގެ ގޮތުގައި، މިކަން ކުރަންވީއޭ. ރައްޔިތުންގެ ފެންވަރުގަ މިކަން ކުރަން އަޅުގަނޑުމެން ނިންމީ. ރައްޔިތުންގެ މެދުގައި މުބާރާތެއްގެ ގޮތުގައި ސަޤާފީކަމެއްގެ ގޮތުގައި މިކަން ކުރީ." އިޖްތިމާޢީ މި ހަރަކާތް ފެށިގެން އައިގޮތާއި ގުޅޭގޮތުން އުލިގަމުގެ ރައްޔިތަކު ކިޔައިދިނެވެ.
" ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު" ގެ ނަމުގައި އުލިގަމުގައި ކުރިއަށް ގެންދާ މި ބާބަކިއުއަށް ރަށުގެ ރައްޔިތުންނާ ކައުންސިލުންވެސް ވަރަށް ދުރާލާ ތައްޔާރުވެއެވެ. މިގޮތުން ދުރާލާ ބާބަކިއުގެ ކަންކަން އިންތިޒާމްކުރުމަށް ކައުންސިލާއި ރައްޔިތުން ގުޅިގެން ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައެވެ. އަދި ގްރޫޕްތައް ހަދައި އެކި ޓާސްކުތައް ގްރޫޕްތަކާއި ހަވާލުކުރެއެވެ. މިގޮތުން އެންމެ ކުރިން ކުރާ އެއް އެކަމަކީ މަސްފިހަން ބޭނުންވާ ދަރު އެއްކުރުމުގެ މަސައްކަތެވެ. މިއީ ބާބަކިއު ފެށުމުގެ އެންމެ ފުރަތަމަ މަރުހަލާއެވެ. ރައްޔިތުން ބައްދަލުކޮށް ދަރު ހޮވަން ދިޔުމުގެ ރޭވުންތައް ރާވައެވެ.
" މިކަން ކުރަން ބޭނުންވާ ދުވަހުގެ ކުރީ ދުވަހު ކައުންސިލުން އެނައުންސްމަންޓެއް ދޭނެ. މިވެނި ދުވަހެއްގެ މިވެނި ގަޑިއެއްގައި ދަރުފެޅުން އޮންނާނެކަމަށް. އާންމުގޮތެއްގައި މިކަން ފަށަނީ ހެނދުނު އަށެއް ޖަހާއިރު. އާންމުގޮތެއްގައި އަޅުގަނޑުމެން އެއްވާން މި ގޮވަނީ މިރަށުގެ ބަހުރުވައިންނަމަ ކޮށިކޮޅަށް (ރަށުގެ ވަލުތެރެ). އެހިސާބަށް އެއްވީމަ އެކިއެކު ގްރޫޕުތަކަށް މީހުން ފޮނުވާލެވޭނެ. އުނި ދަރު އާންމު ގޮތެއްގައި ބޭނުންކުރަނީ. އެންމެންވެގެން ދަރުފެޅުމުގެ މަސައްކަތް ކުރަނީ. އެދުވަހު މެންދުރުގެ ކެއުންވެސް ކުރިއަށްދާނީ އެތަނުގައި." ބާބަކިއު ހަރަކާތުގައި އިސްކޮށް އުޅޭ މީހަކު ކިޔައިދިނެވެ.
އެއްދުވަސް އެއްކޮށް ދަރު ހޯދުމުގެ މަސައްކަތުގައި އުޅުމަށްފަހު ދެން އޮންނަނީ އަނެއްކާވެސް މުހިންމު ދުވަހެކެވެ. އެއީ މަސްފިހުމަށް ބޭނުންވާ އޫ ތައްޔާރުކުރުމެވެ. އެކަންކުރަނީވެސް ވަކި ދުވަހަކަށް ތާވަލުކޮށްގެންނެވެ. ހެނދުނު ހައެއް ޖަހާއިރު ރަށުގެ ރައްޔިތުން އެއްވާނީ ބާބަކިއުއަށް އޫ ހަދާށެވެ.
ރަށުގެ ކޮށިކޮޅު ސަރަހައްދަށް ރައްޔިތުން އެއްވާނީ ކަތިވަޅިއާ ކުދިވަޅި ހިފައިގެންނެވެ. އެއްބަޔަކު ފަން ކަނޑާއިރު އަނެއްބަޔަކު ހަރަކާތްތެރިވާނީ އޫ ހެދުމުގެ މަސައްކަތުގައެވެ. މިގޮތުން މަސް ފިހުމަށް 600އަށްވުރެ ގިނަ އޫ ތައްޔާރުކުރިއެވެ.
އުލިގަމުގެ ބާބަކިއު ހެދުމަކީ ވަރަށް ރޭވުންތެރިކަމާއެކު ވަކި އިންތިޒާމެއްގެ ދަށުން ކުރިއަށްދާ ހަރަކާތެކެވެ. އަންހެންވެރިންގެ ބައްދަލުވުމަކަށްފަހު ފޮނިކާތަކެތި ހެދުމާމެދުވެސް ގޮތެއް ނިންމައެވެ.
"އަޅުގަނޑުމެން މިގަޑީގައި ގްރޫޕުތަކާ މި ބައްދަލުކޮށްލީ، މަސްފިހުމުގެ އިވެންޓަށް ފޮނިކާތަކެތި ތައްޔާރުކުރުމަށް ތައްޔާރުވެލަންވެގެން. ގްރޫޕުތަކާ މަޝްވަރާކޮށްލާ އެކަންކަން ހަމަޖައްސާލުން ކުރިއަށްމިދަނީ." ބާބަކިއުއަށް ތައްޔާރުވުމަށް ކުރިއަށްދިޔަ ބައްދަލުވުންތަކުގެ ތެރެއިން އަންހެނުންގެ ކޮމިޓީގެ ރައީސާ ވިދާޅުވިއެވެ.
އުލިގަމު ބާބަކިއުއަކީ އަންހެނުންގެ ބައިވެރިވުން ވަރަށް ބޮޑަށް ލިބޭ ހަރަކާތެކެވެ. ބާބަކިއު ދުވަސް ކައިރިވެގެން އަންނަ ވަރަކަށް އުލިގަމުގެ އަންހެންވެރިންގެ ހަރަކާތްތެރިކަމާ ފޯރި މުޅި ރަށުތެރެއިން ފެންނަން ފެށިއެވެ. މަހަށް ނުކުންނަ ދޯނިފަހަރުގެ ކޮއްތުގެ ކަންތައް ހަމަޖެހެނީ އުލިގަމުގެ ހީވާގި ކަނބަލުންގެ ކުޅަދާނަކަމުންނެވެ.
އެކި ވައްތަރުގެ ބޯކިބާތައް ފިހެ ދޯންޏަށް ލުމަށް އަންހެން ވެރިން ދިޔައީ ތައްޔާރުވަމުންނެވެ. އަދި ބާބަކިއުގައި ފިހެލާ މަހުގެ ހަޤީޤީ ރަހަ ގެނައުމަށް ހަވާދުގަނޑު ތައްޔާރުކުރުމުގެ މުހިންމު ޒިންމާވެސް އަދާކުރަނީ އަންހެންވެރިންނެވެ.
ފަތިސް ނަމާދުން ފައިބައިގެން ރަށުގެ ރައްޔިތުން މިއަދު އަވަދިނެތި އުޅެމުން ދިޔައީ މަސް ބާނަން ފުރުމަށެވެ. ދޯނިފަހަރު ފުރުމުގެ ތައްޔާރީތައް ވަމުންދިޔައެވެ. ކޮންމެ ދޯންޏަކުންވެސް މަހަށް ދާނެ މީހުން މާކުރިން ވަނީ ކަނޑައަޅާ ނިންމާފައެވެ. މިގޮތުން މަހަށް ފުރުމަށް ތިން އުޅަނދެއް ވަނީ ކަނޑައަޅާފައެވެ. އެއް ދޯނިން މަސްބާނާނީ ދިރޭ އެން އަޅައިގެންނެވެ. އެ ދޯނީގައި ކުރިން މަސްވެރިކަން ކޮށް އުޅުނު ކެޔޮޅުންނާއި މަސްވެރިން ހިމެނެވެ. ދެން ހުރި ދޯނިތަކުން މަސް ބާނާނީ ނަނު ފައްތައިގެންނެވެ. މިކަމުގައި ގިނައިން ހަރަކަތްތެރިވާނީ ޒުވާނުންނެވެ. ފަތިހު ފަސްގަޑި ބައިގައި ދޯނިތައް ފުރީ ބާބަކިއުއަށް ބޭނުންވާ ފަރުމަސް ބޭނުމަށެވެ. ހަވީރު ތިނެއް ޖަހަންވާއިރަށް ބޭނުންވާ މިންވަރަށް މަސް ބޭނުމުގެ ޢަޒުމުގައެވެ. ދޯނިފަހަރު ލަފާނީ ބާބަކިއުއަށް ބޭނުންވާވަރަށް މަސް ހިފައިގެންނެވެ. މިގޮތުން 3 ޖެހުމާއެކު ދޯނިތައް ރަށަށް ލެފިއެވެ. ދޯނިތައް ލެފިއިރު ވަނީ ފަރުމަސްތަކުގެ ހުޅުނބުޖަހާ ލިއަ އަޅައި މަސް ފިހެވޭވަރަށް ތައްޔާރުކޮށްފައެވެ.
ދޯނިތަކުން މަސް ބޭލުމަށްފަހު ދެންކުރިއަށްދާނީ މަސްތަކުގައި މިރުސްލުމެވެ. މިކަމަށްވެސް ވަކި ބަޔަކު ވަނީ ތައްޔާރުވެފައެވެ. މަހުގައި މިރުސް ލަމުން ދާއިރު މަސް ފިހުމަށް ބޭނުންވާ އަށި ތައްޔާރުކޮށް ވާނީ ނިމިފައެވެ. އެވަގުތު ކުރިއަށްދާނީ މަސް ފިހުމަށް އަލިފާން ރޯކުރުމެވެ. މިގޮތުން 120 ފޫޓޫ ސަރަހައްދެއްގައި ނާއްޓާއި ދަރު އަޅައިގެން ޚާއްޞަގޮތަކަށް ވަނީ އެތަން ތައްޔާރުކޮށްފައެވެ. އަލިފާން ރޯކުރާ ވަގުތަކީވެސް ގިނަ ބައެއްގެ ޝަޢުގުވެރިކަން ހުއްޓޭ ވަގުތެކެވެ.
#Uligan #BBQ ah ready vun pic.twitter.com/l9BHozE8gF
— Muaz (@muajoo) January 3, 2022
މަސް ފިހުމަށް ބޭނުންވާވަރަށް އަލިފާން އަނގުރަށްވުމާއެކު މަސް ފިހުމުގެ ހަރަކާތް ފޯރިއާއެކު ފެށިގެން ކުރިއަށްދެއެވެ. މިކަމުގައި ކުދި ބޮޑު އެންމެން ޝާމިލްވުމާއެކުއެވެ.
މަސް ފިހެވޭނީ އިރުއޮއްސޭފަހުންނެވެ. އޭރު ހުރިހާ ރައްޔިތުން އިންތިޒާރު ކުރަމުން ދަނީ " ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު"އަށް އިންސާފު ކުރުމަށެވެ. މިގޮތުން މަސް ފިހެ އިންސާފު ކުރުމަށް ކަނޑައަޅަފައިވަނީ ރޭގަނޑު 20:15އެވެ. އެވަގުތަށް ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. އޭގެ ތެރޭގައި ދޭސީންނާއި ބިދޭސީން އަދި ރަށަށް ޒިޔާރަތްކުރި ގިނަ ޢަދަދެއްގެ މީހުން ހިމެނެއެވެ. މިފަހަރު ބާބަކިއު ހަރަކާތުގައި ބައިވެރިވުމަށް ކައިރި ރަށްރަށުންނާއި، މާލެއިން އަދި އައްޑު އަތޮޅުންވެސް ކަމާ ކަންފަށާ މިކަމަށް ދަތުރު ހަދައިގެން ބައެއް މީހުން އުލިގަމަށް ޒިޔާރަތްކޮށްފައިވެއެވެ.
ރަށަށް ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތްކޮށްފައިވުމާއި، ކޯވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 10 މޭޒުގައި ކެއުމަށް ތައްޔާރުކޮށްފައިވެއެވެ. މިއަހަރު 629 މަސް ފިހުނެވެ. މިއީ ރަށުގެ އާބާދީގައި ހިމެނޭ މީހުންގެ ޢަދަދަށްވުރެ ގިނަ ޢަދަދެކެވެ.
ކެއުމުގެ ކަންކަން ފެށިގެން ދަނީ ރަށު ކައުންސިލުން ކަނޑައަޅާ ބޭފުޅަކު ޝަރަފްވެރިކޮށްދެއްވާ ކާތަކެއްޗަށް އިންސާފު ކޮށްދެއްވުމުންނެވެ. އެގޮތުން މިއަހަރުގެ މި ބާބަކިއުއަށް އިންސާފްކޮށްދެއްވީ ސަރުކާރަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ބޭފުޅެއްކަމަށްވާ އުލިގަމު މެޖިސްޓްރޭޓްކަމާއި ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ މަޤާމު ފުރުއްވާފައިވާ ޙަސަން ވަޙީދެވެ.
މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ބާބަކިއު ހަރަކާތެވެ. މި ހަރަކާތް ބޭއްވުމުގެ މަޤްޞަދަަކީ ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫހު އާލާކޮށް އެކުވެރިކަން ޤާއިމްކުރުމެވެ. އެހެންކަމުން އެ މަޤްޞަދު މި ހަރަކާތުން ކިތަންމެހާވެސް ރަނގަޅަށް ޙާސިލްވާކަމަށް އުލިގަމަށް ޒިޔާރަތްކުރާ މީހުންނާއި އެރަށު ރައްޔިތުންވެސް ދެކެއެވެ. ރައްޔިތުންގެ މެދުގައި މި ރޫޙު އުފެއްދުމުގެ ހުރިހާ ޝުކުރެއް އޮތީ "ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު" އަށެވެ.