ޚަބަރު

ޕްލާސްޓިކް ކޮތަޅުގައި މޭވާ އާއި ތަރުކާއި ބަންދުކުރުން ފަރަންސޭސިވިލާތުން މަނާކޮށްފި


މޭވާއާއި ތަރުކާރީ ބަންދުކުރުމުގައި އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ޕެކޭޖިންގ ބޭނުންކުރުން، ފަރަންސޭސިވިލާތުން މަނާކޮށްފިއެވެ.

މިމަހުގެ 1ވަނަ ދުވަހު ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން މިގޮތަށް ނިންމެވީ، ޕްލާސްޓިކުގެ ސަބަބުން ދުނިޔެ ތަޣައްޔަރުވަމުންދާ ދިއުމާ ދެކޮޅަށް ޢަމަލީ ފިޔަވަޅެއް އެޅުއްވުމުގެ ގޮތުންކަމަށް ނޫސްތަކުން ހާމަކުރެއެވެ.

ޕްލާސްޓިކް ކޮތަޅުގައި މޭވާއާއި ތަރުކާރީ ބަންދުކުރުން މަނާކޮށްފައިވީ ނަމަވެސް މިވަގުތު އެޤައުމުގެ ވިޔަފާރިވެރިންގެ އަތުގައި ހުރި ޕްލާސްޓިކް ޕެކޭޖު ސްޓޮކް ހުސްކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދޭނެކަމަށާއި، ރަތް މޭވާގެ ތެރޭގައި ހިމެނޭ ބާވަތްތަކަކީ އަވަހަށް ހަލާކުވާ ބާވަތްތައް ކަމުން، އުފެއްދުންތެރިންނަށް މި ބަދަލާ އެއްގޮތަށް ޢަމަލުކުރުމަށް ވަގުތުދޭނެ ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ.

ފަރަންސޭސިވިލާތުގައި މި ޤަވާޢިދަށް ފުރިހަމައަށް ޢަމަލުކުރުމަށް ނިންމާފައިވަނީ 2026 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް ކިލޯއަކުން ނުވަތަ އެއަށްވުރެ މަދު ޢަދަދުތަކުން ވިއްކާ މޭވާއާއި ތަރުކާރީ، ޕްލާސްޓިކުގައި ބަންދުކުރުން މަނާވާނެކަމަށާއި، ރިސައިކަލް ކޮށްފައިވާ ޕްލާސްޓިކުގައި ބަންދުކުރުންވެސް، މި ޤަވާޢިދުގެދަށުން މަނާވާނެކަމަށް އެޤައުމުގެ އިދާރާތަކުން މަޢުލޫމާތުދެއެވެ.

ފަރަންސޭސިވިލާތުގެ މި ނިންމުމާ ގުޅޭގޮތުން ކުރިން މަޝްވަރާކޮށްފައި ނުވާ ކަމަށް އެޤައުމުގެ ދަނޑުވެރި ކަމާބެހޭ ޖަމުޢިއްޔާތަކުން ބުނެފައިވާއިރު، އެކްސްޕޯޓުކުރާ މޭވާ ތާޒާކަންމަތީ ބެހެއްޓުމަށް ޕްލާސްޓިކުގެ ބަދަލުގައި ކާރޑްބޯޑުގައި ބަންދުކުރަންޖެހުމުން، %30 އަށް ޚަރަދު އިތުރުވެގެންދާނެ ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

ނަމަވެސް ބައެއް ޕެކޭޖިންގ ކާރުޚާނާތަކުގެ އިސް ފަރާތްތަކުން ހާމަކުރާގޮތުން މި ނިންމުމުގެ ސަބަބުން ޔޫރަޕުގައި "ސިންގަލް ޔޫޒް ޕެކޭޖިންގ"ގެ ގޮތުގައި އުފައްދާ ޕްލާސްޓިކުގެ 1.5 މިލިއަން ޓަނު މަދުވެގެން ދާނެއެވެ. އަދި ޕްލާސްޓިކްގައި ބަންދުކުރުމަށް ޚަރަދުވާ 7.9 ބިލިއަން ޑޮލަރު ސަލާމަތްކުރެވި، ކާޑްބޯޑު ހޯދުމަށް މި ފައިސާ ބޭނުންކުރެވޭނެއެވެ.