ޚަބަރު

"މޫރިތިގޭގެ ކާމިޔާބީގެ ފަހަތުގައި އަންހެނުންގެ ދައުރު ބޮޑު"


މ.ދިއްގަރު މޫރިތިގެ އަކީ ފަތުރުވެރިކަމުގެ ތާރީޚުގައި މުހިއްމު ގެއަކަށްވަނީ ވެގެންގޮސްފައެވެ. ސަބަބަކީ އެއީ ރާއްޖޭގެ ފަތުރުވެރިކަން އެހެން ދިމާއަކަށް މިސްރާބުޖަހައި ދަތުރުފެށި ފުރަތަމަ މަންޒިލްކަމަށް ވީތީއެވެ.

ދިއްގަރު މުޙައްމަދު އަޙްމަދުގެ، ގެ ހަދައި ނިންމީ ޢާއިލާއާއެކު އެތަނުގައި ދިރިއުޅޭށެވެ. އެހެންނަމަވެސް އޭރުވެސް އޭނާކުރާ އެހެން އުންމީދެއްވެސް އޮވެއެވެ. ރަށަށް ޒިޔާރަތްކުރާ މީހުންނަށް އޭނާގެ މޫރިތިގެއިން ހިޔާވަހިކަން ލިބޭނެ ގޮތަކަށް ކަންކަން ފަހިކުރުމުގެ ވިސްނުމެވެ. ގެ ހަދައި ނިމިގެން ގާތްގަނޑަކަށް 5 އަހަރާ ގާތަށް ޖެހިލިއިރު މުޙައްމަދު އަޙްމަދުގެ މޫރިތިގެއާމެދު އޭނާ ދެކުނު ހުވަފެންވަނީ ހަގީގަތަކަށް ވެފައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެމުން މުޙައްމަދު އަޙްމަދު ބުނީ އޭނާގެ މޫރިތިގޭގެ ކާމިޔާބީ، ޙަގީގަތަކަށް ހެދުމުގައި އެންމެ ބޮޑު ބާރަކީ ޢާއިލާކަމަށެވެ. ޚާއްސަކޮށް އަންހެނުންނާއި އަންހެނުންގެ ޢާއިލާކަމަށެވެ.

"އަޅުގަނޑު ވަރަށް ގިނަ މަސައްކަތްކުރަން. މަސްވެރިކަމާއި ގަލަށް ދިޔުމާއި އެފަދަ ވަރަށް ގިނަ ކަންކަން ކޮށްގެން ހޯދާ ފައިސާ ރައްކާކުރަން ބެހެއްޓެނީ އަންހެނުންނާއި އޭނާގެ ޢާއިލާއިން ޢާއިލާގެ ޚަރަދުތައް ބެލެހެއްޓުމުގައި އެހީތެރިވާތީ." މުޙައްމަދު އަޙްމަދު ބުންޏެވެ.

އަމިއްލަ ކާމިޔާބީގެ ފަހަތުގައި ހަގީގަތުގައިވެސް މިފަހަރު ހުރީ އަންހެނުންކަމަށް މުޙައްމަދު އަޙްމަދު ޤަބޫލުކުރެއެވެ. ގާތްގަނޑަކަށް ނުވަލައްކަ ރުފިޔާ ޚަރަދުކޮށްގެން ހެދި މޫރިތިގޭގައި ފާޚާނާއާއެކު ހަދާފައިވާ ޒަމާނީ 3 ކޮޓަރި ހުރެއެވެ. އަދި ކައްކާ ކެވޭނެ ގޮތާއި ހިތްގައިމު ސިޓިންގ ރޫމެއްވެސް ހުރެއެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި ހޯމް ސްޓޭ ލައިސަންސް ލިބުނު މޫރިތިގެއަށް އެޝަރަފު ލިބުމުގެ ފަހަތުގައި ދިއްގަރު ކައުންސިލްގެ ހިއްސާވެސް ބޮޑުކަން މުޙައްމަދު އަޙްމަދު ފާހަގަކުރެއެވެ. ގާތްގަނޑަކަށް 1400 އެއްހައި މީހުންގެ އާބާދީގެ ދިއްގަރުގައި ހޯމް ސްޓޭ ފަށާފައިވާ މޫރިތިގެއަށް ދެން އޮތީ ހަގީގީ ޗެލެންޖުކަމަށް ގޭގެވެރިން ދެކެއެވެ. ސަބަބަކީ ފަތުރުވެރިންނަށް ރަނގަޅު މެހެމާންދާރީއެއް އަދާކޮށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުން ދެމެހެއްޓުމަށެވެ. މުޙައްމަދު އަޙްމަދު ބުނީ އޭނާގެ ފިރިހެން ދަރިފުޅު މިވަގުތު މަސައްކަތްކުރަނީ ރިސޯޓުގައި ކަމަށާއި މިމަސައްކަތް ކުރިއަށްގެންދިޔުމަށް ދެން ޙަވާލުވާނީ އޭނާކަމަށެވެ.


"މިކަން ދެން ކުރިއަށްގެންދާނީ އަޅުގަނޑުގެ ދަރިފުޅު. އަޅުގަނޑާއި ޢާއިލާ ދެން ތިބޭނީ އޭނާއަށް އެހީވާން. ޔަގީންކަން އެބައޮތް އޭނާ މިކަން ކުރިއަށް ފުޅާކޮށް ގެންދާނެކަމުގެ" މުޙައްމަދު އަޙްމަދު ބުންޏެވެ.

ދިއްގަރުގެ އާބާދީގެ ބޮޑުބަޔަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މީހުންކަމަށްވުމާއެކު މިޚިދުމަތް ފުޅާކުރުމަށް މުޅި ދިއްގަރުގެ އެހީ ލިބޭނެކަމުގެ ޔަގީންކަން މުޙައްމަދު އަޙްމަދަށް އެބައޮތެވެ. މިވަގުތު މޫރިތި ގޭގައި މަޑުކުރާ ފަތުރުވެރިންގެ ކެއުން ހަމަޖައްސާފައިވަނީ ރަށުގައި ހުރި ކެފޭއަކުންނެވެ. އެހެންނަމަވެސް ފަތުރުވެރިން ބޭނުންވާނަމަ މޫރިތި ގޭގައި ކައްކާ ކެވޭނެ އިންތިޒާމުވެސް އޮތީ ހަމަޖެހޭގޮތަށެވެ.

ހޯމް ސްޓޭއަކީ ރާއްޖެއަށް މުޅި އަލަށް ޓޫރިޒަމް މިނިސްޓްރީއިން ތަޢާރަފްކުރި ފަތުރުވެރިކަމުގެ ކޮންސެޕްޓެކެވެ. މީހުން ދިރިއުޅޭ ގެތަކުގައި ހުންނަ ކޮޓަރިތައް ފަތުރުވެރިކަމަށް ދޫކޮށްގެން ސީދާ ގެއަށް ޢާމްދަނީ ވަންނާނެ ގޮތް، މީގެ ސަބަބުން ފަހިވެގެންދާނެކަމަށް އެމިނިސްޓްރީއިން ވިދާޅުވެއެވެ. ހޯމް ސްޓޭ ޓޫރިޒަމް އެރަށެއްގައި ފެށުމަށް އެންމެ ފުރަތަމަ ކައުންސިލުން ފުރިހަމަކުރަންޖެހޭ ކަންކަމާއި އެގެއެއްގެ ވެރިފަރާތުން ފުރިހަމަކުރަންޖެހޭ އުސޫލުތަކެއް ޓޫރިޒަމް މިނިސްޓްރީންވަނީ ކަނޑައަޅުއްވާފައެވެ.