ޚަބަރު

ނައިވާދޫ ފެނުގެ ނިޒާމުގެ މަސައްކަތް މިއަހަރު ކުރީކޮޅު ނިންމާލެވޭނެ


ހދ.ނައިވާދޫގައި ރައްކާތެރި ސާފުފެން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ މަސައްކަތް މިއަހަރުގެ ކުރީކޮޅު ނިންމާލެވޭނެކަމަށް މިމަސައްކަތުގެ ކޮންޓްރެކްޓަރ އެސް.އޭ.އެސް ނުވަތަ ސާސްއީ ކޮންސްޓްރަކްޝަނުން ބުނެފިއެވެ.

ސާސްއީ ކޮންސްޓްރަކްޝަނުން ބުނީ ރައްކާތެރި ސާފުފެން ފޯރުކޮށްދިނުމަށް ނައިވާދޫގައި ހިންގާ މަޝްރޫޢުގެ ދަށުން އާރުއޯ ޢިމާރާތުގެ މަސައްކަތް މުޅިން ނިމި ޕްލާންތައް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. މިމަސައްކަތްވެސް މި މަހުގެތެރޭގައި ނިންމާލެވޭނެކަމަށް އުންމީދު ކުރައްވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި ބަހައްޓާ ތާނގީތައް ހަރުކޮށްނިމި އެތާނގީތަކަަށް ކަނެކްޝަން ގުޅުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެކުންފުނިން ބުނެއެވެ.

މީގެއިތުރުން ގެތަކަށް ފެން ފޯރުކޮށްދިނުމަށް ބޭނުންވާ މީޓަރުތައް މިހާރު ލިބި ގެތަކަށް ފެންމީޓަރު ގުޅުމުގެ މަސައްކަތް ކުރިއަށް ދާކަމަށާ، އެހެންނަމަވެސް މިމަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ނުލިބޭކަމަށް އެކުންފުނިން ބުނެއެވެ. އެއީ ފެންމީޓަރުތަކުގައި އަޅުވާ ބައެއް ފިޓިންގްސްކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. މި މަސައްކަތް ނުފެށި ލަސްވީ ރާއްޖެއިން ބޭރުން ފެންމީޓަރުތައް ލބުމުގައި ލަސްތަކެއް ކުރިމަތިވުމުންނެވެ. މިމަޝްރޫގެ މަސައްކަތުގެ ތެރޭގައި މިހާރު ކުރަން އޮތް އެންމެ ބޮޑު މަސައްކަތަކީ ގެތަކަށް ފެން ފޯރުކޮށްދިނުމަށް ހަރުކުރާ މީޓަރުތައް ހަރުކުރުމެވެ.

ނައިވާދޫގައި ރައްކާތެރި ސާފުފެން ފޯރުކޮށްދިނަށް ހިންގާ މަޝްރޫޢުގެ ދަށުން 5000 މީޓަރުގެ ފެނުގެ ނެޓްވޯކެއް އެރަށުުގައި ވަނީ އަޅާފައެވެ. އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތާ ސީ އައުޓްފޯލްގެ މަސައްކަތްވެސް އެއްކޮށް ނިމިފައިވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މައުލޫމާތުދެއެވެ.

ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވީ މިއީ ރައްޔިތުންނަށް ބޭނުންވާ މުހިންމު އަސާސީ ޚިދުމަތެއް ކަމަށާއި މިއީ ރައްޔިތުން އަބަދުހެން އެދެމުން ދިޔަކަމެއްކަމަށެވެ. އުންމީދަކީ މިއަހަރުގެ ކުރީކޮޅު މިޚިދުމަތް ލިބުން ކަމަށްވެސް އަލީ ރަޝީދު ވިދާޅުވިއެވެ.