ޓުއަރިޒަމް

"ވިޒިޓް މޯލްޑިވްސް އިޔަރ 2016"ގެ ހަރަކާތްތައް އިފްތިތާޙް ކޮށްފި


އަންނަ އަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒުގައި"ވިޒިޓް މޯލްޑިވްސް އިޔަރ 2016" ނުވަތަ ރާއްޖެއަށް ޒިޔާރަތް ކުރާ އަހަރުގެ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް އިފްތިތާޙުކޮށްދެއްވައިފިއެވެ.ދަރުބާރުގޭގައި ރޭ ބޭއްވި، ރަސްމިއްޔާތުގައި އެ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައި ދެއްވުމާއިއެކު، އަލިމަސް ކާނިވަލްގައި ވަނީ ވިޒިޓް މޯލްޑިވްސް ޔިއަރއާއި، އައު އަހަރު ފާހަގަ ކުރުމުގެ ހަރަކާތްތައް ފެށިގެންގޮސްފައެވެ.2016 ވަނަ އަހަރު ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށްޓަކައި މުޅި އަހަރަށް ބަހާލައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއިބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ވިޒިޓް މޯލްޑިވްސް ޔިއަރ ފެސްޓިވަލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ރާއްޖެ އަންނަން ދިވެހި ސަރުކާރުން ދޭ ވަރަށް ޚާއްސަ ދައުވަތެއްކަމަށެވެ.މި ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޒަމީރުގެ ވާހަކަފުޅުގައި، ވޭތުވެދިޔަ ދެ އަހަރަކީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް އެންމެ ގިނަ އެވޯޑު ލިބުނު އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފާއިތުވި ދެ އަހަރުގެ ތެރޭގައި 5000 ޓޫރިސްޓު އެނދު ތަރައްޤީ ކުރައްވާފައިވާކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި އައު ޚިދުމަތްތަކެއް ފަށްޓަވާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.43 އަހަރުވެފައިވާ ފަތުރުވެރިކަމުގެ މި ސިނާޔަތަކީ ރާއްޖެ އަށް އެންމެ ގިނަ އާމްދަނީ ލިބޭ ވަސީލަތްކަމަށާއި، އެންމެ ގިނަ ވަޒީފާއާއި، އެންމެ ގިނަ ވިޔަފާރި ހިއްސާވާ ސިނާއަތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މިކަންކަމަށް ހުރަސްއެޅުމަށް ބަޔަކު މަސައްކަތްކުރާކަމަށް ވިދާޅުވެ، މިއީ ދިވެހިންނަށް ލިބޭނެ ވަރަށް ބޮޑު ނިކަމެތިކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ސިނާޔަތުގެ ކަންކަން ރާއްވަވާނީ ފަތުރުވެރިކަމަށް ދަތިނުކުރެވޭނެ ގޮތަށް ވިސްނަވައިގެންކަމަށްވެސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޓީގެ އެގްޒެކްޓިވް ބޯޑުގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވީ، 2016 ވަނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި ރައީސް ޢަބްދުﷲ ޔާމީން ނިންމެވީ، ފަތުރުވެރިކަން އިތުރަށް ހަރުދަނާ ކުރެއްވުމުގެ ބޭނުމުގައިކަމަށެވެ.ސިޔާމްވަނީ ފަތުރުވެރިކަމުގެ ސިނާޔަތް ކުރިއެވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ ނުނަގަން ނިންމެވުމާއި، ކޮންމެ އަހަރަކު 10 ރިސޯޓް ހުޅުވުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ ފާއިތުވި ދެ އަހަރު ތެރޭގައި 25 ރިސޯޓެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ. ސިޔާމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ނެތިގެން ގޮސްފިނަމަ އެއްވެސް ރޮނގަކުން ޤައުމަށް ކުރިއެރުން ނާންނާނެކަމަށެވެ.ދުނިޔޭގެ އެންމެ މަޤުބޫލު ޓުއަރިޒަމް ފެއާ އައި.ޓީ.ބީ.ގެ އޮފިޝަލް ހޯސްޓް ކަންޓްރީއަކީ ރާއްޖެ ކަމަށްވާއިރު، ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މަރކެލްއާއެކު އެ ފެއާރ ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސް ޢަބްދުﷲ ޔާމީންކަންވެސް މި ރަސްމިއްޔާތުގައިވަނީ އިޢުލާންކުރައްވާފައެވެ.