ތަރައްްޤީ

މަޑިވަރު އެއަރޕޯޓް : ފާދިއްޕޮޅުގެ ފަތުރުވެރިކަމާއި ދަތުރުފަތުރަށް އިތުރު ހިތްގައިމުކަމެއް


ޅ.މަޑިވަރު އެއަރޕޯޓާއެކު ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ ކުޑަވެ، ވަގުތު ސަލާމަތްވެގެން ދިއުމަކީ މުޅި ފާދިއްޕޮޅު ކުރާ ވަރަށް ބޮޑު އުއްމީދެކެވެ. މިއީ އިތުރު ވަޒީފާތަކެއް އުފެދުމަށް މަގުފަހިވާނެކަމެއްގެ ގޮތުގައިވެސް މި އަތޮޅުގެ ރައްޔިތުން ޤަބޫލުކުރެއެވެ. ޅ.އަތޮޅަކީ މިވަގުތު ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ.

ފާދިއްޕޮޅު ނުވަތަ ޅ.އަތޮޅުގައި މީހުން ދިރިއުޅޭ 4 ރަށް އޮންނައިރު، 13،000 އަށްވުރެ ބޮޑު އާބާދީއެއް މިއަތޮޅުގައި ދިރިއުޅެމުންދެއެވެ. ޅ.އަތޮޅަކީ ގިނަ ރިސޯޓްތަކެއް ހިމެނޭ އަތޮޅެކެވެ. އެގޮތުން މިވަގުތުވެސް 10 ރިސޯޓެއް އެއަތޮޅުގައި އަންނަނީ ހިންގަމުންނެވެ. އަދި އިތުރު ރިސޯޓުތަކެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މާލެއިން ޅ. އަތޮޅަށް ކަނޑުމަގުން ފެރީއެއްގައި ދަތުރުކުރާނަމަ، 2 ގަޑިއިރަށްވުރެ ގިނަ އިރު ނަގައެވެ. އަދި އަތޮޅުގައި މިހާތަނަށް އެއަރޕޯޓެއް ތަރައްޤީކުރެވިފައިނެތުމުން، ވައިގެ މަގުން ދާނަމަ، ދާންޖެހޭނީ އެއަތޮޅާއި އެންމެ ކައިރިން އޮންނަ ބ. ދަރަވަންދޫ ނުވަތަ ނ. މާފަރު އެއަރޕޯޓަށެވެ. އަދި އެ ސަރަޙައްދުތަކުން ޅ. އަތޮޅަށް ދަތުރުކުރާނަމަ ބޮޑެތި ޚަރަދުތަކެއްވެސް ކުރަންޖެހެއެވެ. އެހެންކަމުން ވައިގެ މަގުން ސީދާ ޅ. އަތޮޅަށް ދަތުރުތައް ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި ފާދިއްޕޮޅުގެ ރައްޔިތުން ތިބޭތާ ވަރަށް ދުވަސްވެއްޖެއެވެ.

މަޑިވަރު އެއަރޕޯޓާއެކު ޅ. އަތޮޅު ރައްޔިތުންގެ ހުވަފެންތަކުގައި ހަޤީޤީ ކުލަޖެހޭ މަންޒަރު މިވަނީ ފެންނަން ފަށާފައެވެ. އަތޮޅުގައި ތަރައްޤީކުރާ ފުރަތަމަ ޑޮމެސްޓިކް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރެއްދޫ ހޯލްޑިންގްސްއިން ކޮށްފައިވަނީ ޗައިނާގެ ބީ.ޔޫ.ސީ.ޖީއާއި ޙަވާލުކޮށްގެންނެވެ. އެއަރޕޯޓުގެ ހުރިހާ މަސައްކަތެއްހެން ނިމި، މިހާރު ވަނީ ޓެސްޓް ފްލައިޓުވެސް ކާމިޔާބުކަމާއެކު ޖައްސާފައެވެ. އެގޮތުން އެއަރޕޯޓުގެ ޓަރމިނަލް އިމާރާތާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމާ، ގްރައުންޑް ހޭންޑްލިންގއަށް ބޭނުންވާ ސާމާނު ގެންގޮސް ވަނީ އިންސްޓޯލްކޮށް ނިމިފައެވެ.

އެތެރޭގެ އުދުންހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރި މި އެއަރޕޯޓުގައި 1200 މީޓަރުގެ ދިގު ރަންވޭއަކާއި، ގާތްގަނޑަކަށް 130 މީހުންނަށް ޚިދުމަތްދެވޭވަރުގެ ޓަރމިނަލެއް ވަނީ ޤާއިމުކޮށްފައެވެ. މިޓަރމިނަލުގައި 80 މީހުންގެ ޖާގައިގެ ވީ.އައި.ޕީ ލައުންޖަކާއި، ކެފޭ އޭރިއާއެއްވެސް ހަދާފައިވެއެވެ. އަދި ޓަރމިނަލްގެ ވެއިޓިންގ އޭރިއާއާއި ޑިޕާރޗަރ އޭރިއާވެސް ފަރުމާކޮށްފައިވަނީ ވަރަށް ޖާގަތަނަވަސްކޮށެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މަޑިވަރު ޕްރޮޮޖެކްޓުގެ މެނޭޖަރ އިބްރާހީމް އަޙްމަދު ވިދާޅުވީ، މުޅި އެއަރޕޯޓު ފަރުމާކޮށްފައިވާނީ އާއްމުންނާއި ފަތުރުވެރިންނަށްވެސް ހިތްގައިމު ތަފާތު ތަޖުރިބާއެއްކޮށްލެވޭނެފަދަ ގޮތަކަމަށްކަމަށެވެ. އަދި ކުރިއަށްއޮތްތާނގައި އެއަރޕޯޓުގެ އޮޕަރޭޝަންތައް ފުޅާކުރަން ބޭނުންވެއްޖެނަމަ، އެކަމަށްވެސް މަގުފަހިވާނެގޮތަކަށްކަމަށެވެ.

"މިވަގުތު 4 ފްލައިޓަށް ޕާކުކުރެވޭނެ ޖާގަ މިތަނުގައި އޮތީ. އެހެންނަމަވެސް ފިއުޗަރ ޕްލޭން އެބައޮތް ޕާކިންގ ޖާގަ އިތުރުކުރުމުގެ. އަދި ރަންވޭ އިތުރަށް ދިގުކުރުމަށް ވެރިން ނިންމައިފިނަމަ، އެކަންވެސް ކުރެވޭނެހެން ފަރުމާކޮށްފައިވާނީ" ޕްރޮޖެކްޓު މެނޭޖަރ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ވިދާޅުވީ، މަޑިވަރު އެއަރޕޯޓަކީ އެތޮޅަށް އިތުރަށް ފަތުރުވެރިން ގެންދިއުމަށާއި، އަތޮޅުގެ އިޤްތިޞާދަށް އިތުރު ފުރިހަމަކަމެއް ގެނުވާނެ މުހިއްމު ވަޞީލަތެއްކަމަށެވެ. އަދި އިޤްތިޞާދު ފުޅާކުރުމުގައި ދަތުރުފަތުރު ހަމަޖެހިފައިއޮތުމަކީ މުހިއްމުކަމެއްކަން މެންބަރު ފާހަގަކުރެއްވިއެވެ.

"ގިނަ ޢަދަދަކަށް ޅ.އަތޮޅަށް ޓޫރިސްޓުން އައުމަކީ މިއަތޮޅުގެ އިޤްތިޞާދު އިތުރަށް ހަރުދަނާވެ، އަދި އާއްމު ފަރުދުންނަށްވެސް ލުއިފަސޭހަކަން ލިބިގެންދާނެކަމެއް. ދަތުރުފަތުރަކީ އިޤްތިޞާދެއްގެ އެންމެ މުހިއްމު އެއްބައި. އެހެންވީމަ ދަތުރުފަތުރުން ގުޅާލުމުން އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ." ކުރެންދޫ ދާއިރާ މެންބަރު ވިދާޅުވިއެވެ.

މަޑިވަރު އެއަރޕޯޓަށް ދަތުރުތައް ފެށިގެންދިއުމުން، ޅ.އަތޮޅުގެ ރިސޯޓުތަކަށް ފަތުރުވެރިން ގެނައުމަށް މިހާރަށްވުރެ ފަސޭހަވެގެންދާނެކަން އެއަތޮޅުގައި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް ފާހަގަކުރެއެވެ.

ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން ރިހިވެލި މޯލްޑިވްސް އަދި ކުރެއްދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރ ބްރެޑްލީ ކޯލްޑަރ ވިދާޅުވީ، މި އެއަރޕޯޓާއެކު އެ އަތޮޅުގެ ރިސޯޓުތަކަށް ދަތުރުކުރާ ފަތުރުވެރިންނަށް ގިނަ ވަގުތު ސީޕްލޭން ލައުންޖްގައި މަޑުކުރަންނުޖެހި ފަސޭހަކަމާއެކު ދަތުރުކުރެވޭނެކަމަށެވެ. އަދި މިއީ ފަތުރުވެރިކަން އިތުރަށް ފުޅާވެގެން ދިއުމަށްވެސް ކޮށޭ އިތުރު މަގެއްކަމަށާއި، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށާއި އަތޮޅުގެ ރައްޔިތުންނަށްވެސް މިކަމުގެ ފައިދާ ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރިސޯޓު ސްޓާފުން އެމީހުންގެ އުފަން ރަށަށް ދާން ބޭނުންވާނަމަ އެއަރ ޓެކްސީން ޖާގަ ހޯދުމަކީ ގިނަ ފަހަރަށް އުނދަގޫކަމެއް. އަނެއްކާ މާލެގޮސް ބޮޑު ޚަރަދެއްކޮށްގެން އަމިއްލަ ރަށަށް މި ދެވެނީ. އެހެންވީމަ އެހެން ޑޮމެސްޓިކް އެއަރޕޯޓުތަކާއި މި އަތޮޅުގުޅާލެވުނީމަ އެކަމުގެ ފައިދާ ފަތުރުވެރިކަމުގެ ސިނާޢަތަށާއި، މިއަތޮޅުގެ ހުރިހާ އެންމެނަށްކުރާނެ" ބްރެޑްލީ ކޯލްޑަރ ވިދާޅުވިއެވެ.

މަޑިވަރު އެއަރޕޯޓަށް ކާމިޔާބުކަމާއެކު ޓެސްޓް ފްލައިޓް ޖައްސާފާއިރު، މުޅި ފާދިއްޕޮޅު މިހާރު އިންތިޒާރުކުރަމުންދަނީ އެއަރޕޯޓުގެ އޮޕަރޭޝަންތައް ފެށި، ދަތުރުތައް ރަސްމީކޮށް ފެށޭނެ ދުވަހަކަށެވެ. މިއީ އަތޮޅުގެ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުޞަތުތަކެއްވެސް ލިއްބައިދޭނެ މުހިއްމު މަޝްރޫޢެއްކަމަށް އަތޮޅުގެ ރައްޔިތުން ފާހަގަކުރެއެވެ.