ކުޅިވަރު

ދަ ގްރާންޑޭ އާއި ޔޫވީ މެޗް އެއްވަރު


ޕްރެޒިޑެންޓަސް ކަޕްގައި ދ ގްރާންޑޭ އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. މިދެ ޓީމް ވާދަކުރި މެޗް އެއްވަރުވެގެން ނިމިފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ. މިމެޗްއާއި މިދެ ޓީމް ކުރިމަތިލީއިރު، މިމުބާރާތުގައި މިދެ ޓީމް ކުޅުނު ފުރަތަމަ މެޗުންވަނީ ބަލިވެފައެވެ. ޑަ ގްރާންޑޭ ބަލިވެފައިވަނީ ގްރީން ސްޓްރީޓްސް އަތުންނެވެ. އަދި ޔުނައިޓަޑް ވިކްޓްރީ ބަލިވެފައިވަނީ ކުލަބް ވެލެންސިޔާ އަތުންނެވެ.

މެޗްގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. ނަމަވެސް ދެ ޓީމަށްވެސް ލަނޑު ޖެހުމަށް ފުރުސަތު ލިބި ވަނީ ބޭކާރުވެގެން ގޮސްފައެވެ. ފުރަތަމަ ހާފްގައި އެންމެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ދަ ގްރާންޑޭއިންނެވެ. އެޓީމްގެ އިސްމާއިލް ނަޖީހް ގޯލް ހުރަސްކޮށް ފޮނުވާލި ބޯޅަވަނީ، ޔޫވީގެ ކީޕަރު ހުރަސް ދަނޑިމަތިން ބޭރުކޮށްލާފައެވެ. މެޗްގެ 33ވަނަ މިނެޓްގައި ޔޫވީގެ ބައްސާމް މުޙައްމަދަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. ބައްސާމް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ދިމާނުވެ ބޭރަށެވެ. މެޗްގެ ފުރަތަމަ ހާފްގައި ޔޫވީއަށް ގޯލެއް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމްގެ މިޑްފީލްޑަރު ސަމާހު އަހުމަދަށެވެ. ނަމަވެސް ސަމާހު ފޮނުވާލި ބޯޅަ ދަ ގްރާންޑޭގެ ކީޕަރު ވަނީ ދިފާޢުކޮށްފައެވެ.

މިމެޗްގެ ލަނޑުތައް ފެނިގެން ގޮސްފައިވަނީ މެޗްގެ ދެވަނަ ހާފްގައެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ ދަ ގްރާންޑޭއިންނެވެ. މިލަނޑު މެޗްގެ 62ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށް ދިނީ އަހުމަދު އަބްދުއްސައްތާރެވެ. މެޗުގައި ދަ ގްރާންޑޭއަށް ލީޑް ލިބުނު ނަމަވެސް އެޓީމަށް މާ ގިނަ ވަގުތު ލީޑް ހިފެހެއްޓޭ ގޮތެއް ނުވިއެވެ. މެޗްގެ 74ވަނަ މިނެޓްގައި ޔުނައިޓަޑް ވިކްޓްރީން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ ހައިޝަމެވެ.

މިމެޗުން މޮޅުވުމަށް ޔޫވީއަށް މެޗްގެ ފަހުކޮޅުގައި ރަގަނޅު ފުރުސަތެއްވެސް ލިބިގެންދިޔައެވެ. ނަމަވެސް އެޓީމްގެ ކުޅުންތެރިންނަށް އެފުރުސަރުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.