ތަރައްްޤީ

މަޑިވަރު އެއަރޕޯޓަށް ޓެސްޓް ފްލައިޓް، ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް


ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

މަޑިވަރު އެއަރޕޯޓަށް ފުރަތަމަ ޓެސްޓް ފުލައިޓް ޖައްސާފައި ވަނީ މިއަދު ހެނދުނު 09:50 ހާއިރުއެވެ. މިއެއަރޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެކެވެ.

ޓެސްޓް ފުލައިޓްގައި ފުރަތަމަ މަޑިވަރު އެއަރޕޯޓަށް ވަޑައިގެންނެވީ، އެއަރޕޯޓުގެ ކަންކަން ބެއްލެވުމަށް ވަޑައިގެންނެވި ޓެކްނިކަލް ޓީމުގައި ހިމެނޭ ބޭފުޅުންނެވެ.

ޓެސްޓް ފްލައިޓަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި، ފްލައިޓުގެ ކްރޫއާއި، ޓެކްނިކަލް ޓީމުގެ ބޭފުޅުންނަށް އެއަރޕޯޓުން ރަސްމީކޮށް މަރުހަބާ ދެންނެވީ، ކުރެއްދޫ ހޯލްޑިންގްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗަމްޕާ ބްރަދާސްގެ ޗެއަރމަން މުޙައްމަދު މޫސާ (އުއްޗު)އެވެ. މުޙައްމަދު މޫސާގެ އަރިހުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްފައިވާ މަޑިވަރު އެއަރޕޯޓަކީ ދިވެހި އަމިއްލަ ކުންފުންޏެއްކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއިން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

މިކަމުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ 29 މެއި 2018 ގައެވެ. މި އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީންނެވެ. ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން ބީ.ޔޫ.ސީ.ޖީއާއި މި މަސައްކަތް ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 17 ސެޕްޓެމްބަރު 2018 ގައެވެ.

މި މަޝްރޫޢުގެ ދަށުން މަޑިވަރުގައި 1200 މީޓަރުގެ ރަންވޭއަކާއި، އެއަރކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓަރމިނަލެެއް ވަނީ ތަރައްޤީކޮށްފައެވެ. މަޑިވަރު އެއަރޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ކާމިޔާބުކަމާއެކު ޖައްސާފައިވާއިރު، އެއަރޕޯޓް އޮޕަރޭޝަނަށް ގެނައުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ކުރެއްދޫ ހޯލްޑިންގްސްއިން ދަނީ ވަމުންނެވެ.

އެގޮތުން އެއަރޕޯޓުގެ ޓަރމިނަލް އިމާރާތާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމާ، ގްރައުންޑް ހޭންޑްލިންގއަށް ބޭނުންވާ ސާމާނު ގެންގޮސް ވަނީ އިންސްޓޯލްކޮށް ނިމިފައެވެ. އަދި އެއަރޕޯޓް ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ކޮންމެ ރަށަކުންވެސް ލޯންޗުން 30 މިނެޓުން ދެވޭ އެއަރޕޯޓެއް ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

މިއީ ރާއްޖޭގައިި މިވަގުތު އެއަރޕޯޓެއް ނެތް އަތޮޅުތަކުގެ ތެރެއިން ޅ. އަތޮޅުގައި ތަރައްޤީކުރި ފުރަތަމަ އެއަރޕޯޓެވެ. ފާދިއްޕޮޅު ނުވަތަ ޅ. އަތޮޅުގައި މީހުން ދިރިއުޅޭ 4 ރަށް އޮންނައިރު، 13،000 އަށްވުރެ ބޮޑު އާބާދީއެއް މިއަތޮޅުގައި ދިރިއުޅެމުންދެއެވެ. ޅ. އަތޮޅަކީ ގިނަ ރިސޯޓްތަކެއް ހިމެނޭ އަތޮޅެކެވެ. އަދި އިތުރު ރިސޯޓުތަކެއް ތަރައްޤީކުރުމުގެ މަސައްކަތް މިވަގުތުވެސް ދަނީ ކުރަމުންނެވެ.

އެހެންކަމުން މި އަތޮޅުގައި އެއަރޕޯޓެއް ޤާއިމުވެގެން ދިއުމުން އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އަދި ރިސޯޓުތަކަށް ފަތުރުވެރިން ގެންދިއުމަށްވެސް ފަސޭހަވެ، ފަތުރުވެރިކަމާއި، އިޤްތިޞާދީ ހަރަކާތްތައް މުޅި އަތޮޅަށް ފުޅާކުރުމަށް ހުޅުވިގެންދާނެ އިތުރު ދޮރަކަށެވެ.

މަޑިވަރު އެއަރޕޯޓާއެކު ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ ކުޑަވެ، ވަގުތު ސަލާމަތްވެގެން ދިއުމަކީ މުޅި ފާދިއްޕޮޅު ކުރާ ވަރަށް ބޮޑު އުއްމީދެކެވެ. އަދި މިއީ އިތުރު ވަޒީފާތަކެއް އުފެދުމަށް މަގުފަހިވާނެކަމެއްގެ ގޮތުގައިވެސް މި އަތޮޅުގެ ރައްޔިތުން ޤަބޫލުކުރެއެވެ.