ޚަބަރު

ބ.ދޮންފަނު ބަނދަރުގެ މަސައްކަތް ދެމަސްތެރޭ ނިމޭނެ


ބ.އަތޮޅު ދޮންފަނު ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ދެމަސްތެރޭ ނިންމޭނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އާ ހަވާލާދީ އެރަށު ކައުންސިލުން ބުނެފިއެވެ.

ދޮންފަނު ކައުންސިލްގެ ރައީސް އަޙްމަދު އިރުޝާދު ވިދާޅުވީ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށާއި އެސައްކަތް ދެ ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. އެއްގަމު ތޮއްޓާއި ބޭރު ތޮށި މިހާރު ހަދާ ނިމިފައިވާ ދޮންފަނު ބަނދަރުގެ ހެދުމުގެ މަސައްކަތުގެ ތެރޭގައި މިހާރު ނުނިމި ހުރީ ބަނދަރު ހިމެނޭ ސަރަހައްދުގައި ދުވާރު ހެދުމާއި، ބަނދަރު ބައްތިހަރުކުރުމާއި، ބަނދަރުގެ މަގު އެއްވަރު ކުރުމުގެ މަސައްކަތް ކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ.

ދޮންފަނު ބަނދަރުގެ މަސައްކަތް ނޮވެންބަރު މަހު ނިންމުމަށް މަސައްކަތްކުރާ އެމްޓީ ހޯގާޑުން ކަނޑައަޅާފައި ވީނަމަވެސް އެކަން ނުވީ އެއަތޮޅުގައި އެކުންފުނިން ހަދަމުންދާ ކުޑަރިކިލު ބަނދަރުގެ މަސައްކަތް ފެށުމުންނެވެ.

ދޮންފަނާއި ކުޑަރިކިލު އަދި ކިހާދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީ ހޯގާޑާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަދުވަހުއެވެ.

އެމްޓީ ހޯގާޑުން ބުނީ މިމަސައްކަތްތައް ފެށުމަށް ލަސްތަކެ ކުރިމަތިވި ކަމަށެވެ. އެއީ ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ބޭރުން ގެންނަންޖެހޭ ބައެއް ހިލައާއި ވެހިކަލާއި އޮޕަރޭޓަރުން ނުލިބުމުމުގެ ސަބަބުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މިހުރިހާ ކަމަކާ އެކުވެސް ބަނދަރުގެ ބޮޑެތި މަސައްކަތްތައް ނިންމާލެވިފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ.

"ބަނދަރުގެ މުހިންމު ބޮޑެތި މަސައްކަތްތަކަކީ ބަނދަރުގެ އެއްގަމާއި ބޭރު ތޮށިޖެހުން އަދި ރިވެޓްމަންޓް ޖެހުން މީގެ އިތުރުން ފުން ކުރުމުގެ މަސައްކަތްވެސް ލަސްނުކޮށް ނިމޭނެ ތިން ބަނދަރެއްގެ މަސަކަތް ކުރާތީ ކުޑަ ލަސްކަމެއް މި އަންނަނީ" ހޯގާޑުން ބުންޏެވެ.

މި މަސައްކަތުގެ އިތުރުން ދޮންފަނުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތްވެސް އެކުންފުންޏާވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތުގެވެސް ބޮޑު ބައެއް މިހާރު ވަނީ ނިންމާލާފައެވެ.