ޚަބަރު

ގދ.ގައްދޫ ބަނދަރު ތަރައްޤީކުރަން އެމްޓީސީއަށް


ގދ.ގައްދޫގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަސައްކަތުގައި ހިމެނެނީ، ބަނދަރު މަރާމާތުކޮށް، ޒަމާނީ ބަނދަރެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތެވެ.

ގައްދޫ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

މި މަސައްކަތުގައި ބަނދަރުގެ އެއްގަމު ތޮށި މުޅިން މަރާމާތުކުރުން ހިމެނެއެވެ. އެއީ 320 މީޓަރުގެ އެއްގަމު ތޮށްޓެވެ. މީގެއިތުރުން 232 މީޓަރުގެ ބޭރު ތޮށި ލުމާއި، 35 މީޓަރުގައި ރިވެޓްމަންޓްޖެހުން ހިމެނެއެވެ. ބަނދަރު ހަދަނީ އެއްގަމު ތޮށްޓާއި ބޭރުތޮށި ގުޅާލުމަށް ކުޑަ ބްރިޖަކާއެކުއެވެ. އެއީ 26މީޓަރު ދިގު، 2 މީޓަރު ފުޅާ ބްރިޖެކެވެ.

މީގެއިތުރުން 1600 އަކަމީޓަރުގެ ސަރަޙައްދުގައި ޕޭމަންޓް ހެދުމާއި ރޭގަނޑުވެސް ބަނދަރު ފަސޭހައިން ބޭނުން ކުރެވޭނެހެން އަލިކުރުމަށް ބަނދަރުގައި ބަނދަރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް، (އީއައިއޭ)ގެ މަސައްކަތްތައް ހިމެނެއެވެ.

މި މަސައްކަތް ޙަވާލުކޮށްފައިވަނީ 1އަހަރުން ނިންމާގޮތަށް، 38.41 މިލިއަން ރުފިޔާއަށެވެ.

އަތޮޅުތަކުގެ ވަރަށްގިނަ ރަށްރަށުގެ ބަނދަރުގެ މަސައްކަތް ސަރުކާރުންވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. އެގޮތުން އެ ކުންފުނިން މިވަގުތު 62 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފަށާފައިވެއެވެ. 34 މަޝްރޫޢުއަކީ ލަފާ ފުރުމުގެ ދަތިކަން ޙައްލުކުރުމަށް ކުރިއަށްގެންދާ އެކިއެކި މަޝްރޫޢުތަކެވެ. އެގޮތުން މުޅިން އަލަށް ބަނދަރުތައް ތަރައްޤީކުރުމާއި ބަނދަރުތަކުގެ ޖާގަ އިތުރުކުރުމާއި ބަނދަރުތައް އިތުރަށް މަރާމާތުކޮށް ޒަމާނީކުރުން ހިމެނެއެވެ.