ތަރައްްޤީ

އެމްޓީސީސީން ދެން މިސްރާބު ޖަހަންވީ ބްރިޖްއެޅުމާއި ބައިނަލްއަޤްވާމީ މަޝްރޫޢުތަކަށް: ރައީސް


އެމް.ޓީ.ސީ.ސީގެ މިސްރާބު ދެން ބަަދަލުކުރަންވީ ބްރިޖްއެޅުމާއި ބައިނަލްއަޤްވާމީ މަޝްރޫޢުތަކާއި ދިމާލަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމް.ޓީ.ސީ.ސީގެ 41ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.ޓީ.ސީ.ސީން ފާއިތުވި މުއްދަތުގެ ތެރޭގައި ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީ ފާހަގަކުރައްވައި އެކުންފުންޏަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، އެމް.ޓީ.ސީ.ސީ.އޭ ބުނުމުން މިއަދު ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެބައޮތްކަމަށެވެ. އެއީ، އެ ކުންފުންޏާ ޙަވާލުކުރާ ކޮންމެ މަޝްރޫޢެއްވެސް އޭގެ އެންމެ ރަނގަޅު ފެންވަރުގައި، ވަގުތަށް ނިންމައިދޭނެ ކަމުގެ ޔަޤީންކަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ މިއަދު އެމް.ޓީ.ސީ.ސީ.އާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ޔަޤީންކަންކަމަށާއި، ރައްޔިތުންގެ ހިތްތަކުން އެމް.ޓީ.ސީ.ސީ އިތުބާރާއެކު ޖާގަ މިއަދު ހޯދާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ޢާންމު ރައްޔިތުން ބޭނުންވާ އެންމެ މުހިންމު ޚިދުމަތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ ކުންފުންޏަކީ އެމް.ޓީ.ސީ.ސީކަން ފާހަގަކުރައްވާ، ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި ރައްޔިތުންނަށް އެކި އެކި ފުރުޞަތުތައް ފަހިކޮށްދިނުމަށް އެކުންފުނިން ކުރަމުންދަނީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މަސްވެރިކަމުގެ ޞިނާޢަތަށް އައި އިންޖީނުގެ އިންޤިލާބަށްފަހު، ދިވެހި މަސްވެރިކަމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމުގައި، މި ކުންފުނިން އަދާކުރަމުން އަންނަނީ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ދައުރެއް. މަސްދޯނިފަހަރުގެ އިންޖީނުން ފެށިގެން، ކުދިކުދި ސްޕެއަރޕާޓްސް އާއި އެހެން ވަސީލަތްތައް ފޯރުކޮށްދިނުމުގައި އެއްވެސް މެދުކެނޑުމެއް ނެތް" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯވިޑާއެކު ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ ރާއްޖޭގެ އިޤްތިޞާދު ހުޅުވާލުމަށް ސަރުކާރުން މި ކުރާ މަސައްކަތްތަކާއެކު އެމް.ޓީ.ސީ.ސީގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ކުންފުނީގެ ދުވެލި އިތުރަށް ހަލުވިވެގެން ދިއުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުއްމީދެއްކަމަށެވެ. އަދި އެމް.ޓީ.ސީ.ސީން ދެން މިސްރާބު ޖަހަންވީ، މިހާރު ހިންގާ މަޝްރޫޢުތަކުގެ އިތުރުން ބްރިޖްއެޅުމާއި، ބައިނަލްއަޤްވާމީ މަޝްރޫޢުތައް ހިންގުމަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދުމަކީ، ޒަމާނީ ޓެކްނޮލޮޖީއާއި، ތަމްރީނާއި، އެކްސްޕަރޓީސް ހޯއްދަވައިގެން މިކަންތައްތަކަށް ތައްޔާރުވުމަށް. އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން ޢާޒިމަށާއި، އެމް.ޓީ.ސީ.ސީ.ގެ ޓީމަށް އެބައޮތް. އަދި ހަމައެއާއެކު، އެމް.ޓީ.ސީ.ސީ.ގެ އަމާޒަކަށް ދެންވާންވީ ބައިނަލްއަޤްވާމީ ޕްރޮޖެކްޓްތަކާ ދިމާއަށް މިސްރާބު ޖެހުން. އެކަމުގެވެސް ޚިޔާލު ކުންފުނީގައި ގެންގުޅުއްވާތީ، އެކަމަށްޓަކައި ކުންފުނީގެ ހިންގުންތެރިންނަށް އަޅުގަނޑު ޝުކުރު އަދާކުރަން" ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ތަރައްޤީގެ ކޮންމެ ވާހަކައެއް ދައްކާއިރު، އެއާ އެކީގައި ތިމާވެށި ޙިމާޔަތްކުރުމުގެ ވާހަކަ ނުދައްކައި ދޫކޮށްލެވެން ނެތްކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެމް.ޓީ.ސީ.ސީގެ ފަރާތުން ހިންގާ އަސާސީ ޚިދުމަތްތަކުގެ ތެރޭގައިވެސް ތިމާވެށްޓާ ގުޅޭ ވަރަށް ގިނަ މަޝްރޫޢުތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ތަރައްޤީއަށްޓަކައި އަޅުގަނޑުމެންގެ ވެށި ހަލާކުކުރެވޭކަށް ނެތްކަމަށަށެވެ. އަދި ރަށްރަށަށް ގެނެވޭ ޢުމްރާނީ ތަރައްޤީން އެ ރަށްރަށަށް ދެމެހެއްޓެނިވި ތަރައްޤީއާއި ފައިދާ ލިބޭތޯ ޔަޤީންކުރަންޖެހޭނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.