ސިޔާސީ

"ޤައުމުތަކާމެދު ނަފްރަތު އުފެއްދުމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައިއުޅޭ ދިވެހިންނަށްވެސް އޮތް ނުރައްކަލެއް"


އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގާތް ގުޅުމާމެދު ނަފްރަތު އުފައްދައި، ދޮގު ތުހުމަތުތައް ކުރުމަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަމަށްވެސް އޮތް ނުރައްކަލެއްކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުން މިކަން ހާމަކުރައްވާފައިވަނީ އިންޑިއާއާ ގުޅުންހުރިކަމަށް ބުނެ ބައެއް ފަރާތްތަކުން ދޮގު މަޢުލޫމާތު ފަތުރަމުންދާތީ، އެކަން ކުށްވެރިކުރައްވައި ނެރުއްވި ބަޔާނެއްގައެވެ. ފޮރިން މިނިސްޓްރީން އިނގިރޭސިބަހުން ނެރުއްވި މި ބަޔާނުގައި ވަނީ މަދު ބަޔަކުވެގެން އިންޑިއާގުޅުވައިގެން އެއްވެސް ހަޤީޤަތެއްނެތް މަޢުލޫމާތުތަކެއް ފަތުރާ، އިންޑިއާއާމެދު ނަފްރަތު އުފެއްދުމަށްޓަކައި މަސައްކަތް ކުރަމުންދާތީ، އެކަމާ ކަންބޮޑުވާކަމަށެވެ. އިންޑިއާއަކީ ރާއްޖެއާއި އަބަދުވެސް ގާތްގުޅުމެއް ބާއްވާ ޤައުމެއްކަން މި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމަކީ މި ސަރުކާރުން ވަރަށް ބޮޑަށް ވަކާލާތުކުރާ ކަންކަންކަމަށާއި، އެކަންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، މި އަސާސީ ޙައްޤުތަކުގެ ބޭނުން، ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި ހިފަންޖެހޭނެކަމަށް ސަރުކާރުން ވަރަށް ބޮޑަށް ޤަބޫލުކުރައްވާކަމަށް މި ބަޔާނުގައި ވެއެވެ.

އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގާތް ގުޅުމާމެދު ނަފްރަތު އުފައްދައި، ދޮގު ތުހުމަތުތައް ކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ކުރަނީކީ ދިވެހި ރައްޔިތުންނަށް އަބަދުވެސް އެއްބާރުލުން ދޭ، އިތުބާރުކުރެވޭ އެކުވެރި ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް އެކަނިނޫންކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އަސަރުކުރާކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވިދާޅުވެފައިވެއެވެ. އަދި ބައިނަލްއަޤްވާމީ ހުރިހާ ބައިވެރިންނާއެކު ޒަމާނުއްސުރެ އޮންނަ ގުޅުން ބިނާވެފައިވަނީ، އެއްޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި، ވަކިވަކި ޤައުމީ އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށްވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ބަޔާނުގައި ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވޭ މިފަދަ މުޢާމަލާތްތަކަކީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަޙައްދީ މިނިވަންކަމަށް އެއްވެސް ބުރުލެއްނާރާނެ އަދި އެއްވެސް ކަހަލަ އުނިކަމެއް އަންނާނެ މުޢާމަލާތްތަކެއް ނޫންކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. އަދި ހުރިހާ ފަރާތްތަކަކުންވެސް، ޚާއްޞަކޮށް ސިޔާސީ ޕާޓީތަކުން ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާ، އަވަށްޓެރި ޤައުމުތަކާއި، ބައިނަލްއަޤްވާމީ މުޖްތަމަޢާއެކު އޮންނަ ގާތްގުޅުމަށް ބުރޫއަރާފަދަ ވާހަކަތައް ނުފެތުރުމަށް މި ބަޔާނުގައި ވަނީ އިލްތިމާސްކުރައްވާފައެވެ.