ސިޔާސީ

"އިންޑިއާ އައުޓް" ޙަރަކާތަކީ ބޮޑު ޖަރީމާއެއް: ނާޒިމް


"އިންޑިއާ އައުޓް"ގެ ނަމުގައި ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދާ ހަރަކާތަކީ، ރައީސް ޔާމީންގެ ސަރުކާރުން ހިންގި ޤާނޫނާ ޚިލާފު ކަންކަން ފޮރުވުމަށް ހިންގާ ވަރަށް ބޮޑު ޖަރީމާއެއްކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ، އެމް.އެން.ޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އެމް.އެން.ޕީގެ ރައީސް ނާޒިމް މިހެން ވިދާޅުވީ، އެޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވާ "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން ފަށާފައިވާ ހަރަކާތްތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ރާއްޖޭގައި ބޭރު ޤައުމެއްގެ އަސްކަރީ ސިފައިން ތިބުމަކީ ދިވެހި ރައްޔިތުން އެދޭކަމަކަށްނުވާތީ، ބޭރުގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުމާ އެޕާޓީންވެސް ދެކޮޅުކަމަށެވެ.

ނަމަވެސް އިދިކޮޅުން މިހާރު ކުރިއަށްގެންދާ ހަރަކާތަކީ އެ ޕާޓީން އެއްވެސްގޮތަކަށް ބަލައިގަންނަ ހަރަކާތެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެއީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޤާނޫނާ ޚިލާފު ކަންކަން ފޮރުވުމުން ހިންގާ ބޮޑު ޖަރީމާއެއްގެގޮތުގައި ސިފަކުރައްވާ، އެ ހަރަކާތުގައި ދިވެހި އެއްވެސް ރައްޔިތަކު ބައިވެރިނުވުމަށް ނާޒިމް ވަނީ ގޮވާލައްވާފައެވެ.

"މިއީ ވަކި ބޭފުޅަކު އެބޭފުޅެއްގެ ސަރުކާރުގައި ހިނގާފައިހުރި އެކި ކަހަލަ ކަންކަން ފޮރުވާ މަތިޖެހުމަށްޓަކާ ހިންގާ ކެމްޕޭނެއް. މިއީ ޤައުމީ ކެމްޕޭނެއްނޫން. އެމް.އެން.ޕީން ޤަބޫލެއް ނުކުރަން މިއީ ޤައުމީ ކެމްޕޭނެއް ކަމަކަށް. އަޅުގަނޑު ހަމަ އިލްތިމާސް ކުރަން ދިވެހި ލޮބުވެތި ރައްޔިތުންނަށް މީގައި ބައިވެރިނުވަން. އެއީ ޤައުމަކާ ދޭތެރޭ އެގޮތަށް ކަންކަން ކުރެވިގެންނުވާނެ. އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ މިއަދަކު ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިހުރި ބޭފުޅަކު ޤައުމެއްގެ ނަންޖަހައިގެން ނުކުމެ ހުންނަވާކަށް އެއީ ޤަބޫލުކުރެވޭނެ ކަމެއްނޫން" ނާޒިމް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމް.އެން.ޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ހަމައެކަނި މިއަދަކު ނޫންކަމަށާއި، ރައީސް ޔާމީންގެ ވެރިކަމުގައިވެސް އިންޑިއާ ސިފައިން ތިބިކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އެމީހުންގެ ވީސާވެސް އައުކޮށްދީފައިވާކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ، މިއަދު "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގާ އެ ހަރަކާތަކީ އެއްވެސް ހެޔޮ ނިއަތެއް އޮވެގެން ހިންގާ ހަރަކާތެއްނޫންކަމަށެވެ.

"އަޅުގަނޑު މިދަންނަވަނީ މިހާރު ވެސް އެ ވާހަކަދައްކަވަމުން އެ ގެންދަވަނީ ކޮންމެހެނަކުން ހެޔޮ ނިޔަތަކު ރަނގަޅު އިންޓެންޝަނަކު ނޫނޭ. ރައީސް ޔާމީންގެ ޕާސަނަލް ކަންތައްތަކަކާ ގުޅިގެން އެ ވާހަކަތައް އޮޅުވާލުމަށްޓަކައި ރައްޔިތުންނަށް ރައީސް ޔާމީންގެ ކޮރަޕްޝަންގެ ވާހަކަ އަޑު ކަނޑުވާލުމަށްޓަކައި އިންޑިއާ މިލިޓަރީ އައުޓޭ، އިންޑިއާ އައުޓޭ ކިޔާ ކެމްޕޭނެއް ފައްޓައިގެން ކުރިއަށް އެ ގެންދަނީ. އަޅުގަނޑުމެން އެއްވެސް ހާލެއްގައި ޤަބޫލެއް ނުކުރަން މިއީ ޤައުމީ ހަރަކާތެއްކަމަކަށް" އުޝާމް ވިދާޅުވިއެވެ.

އެމް.އެން.ޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން އަބަދުވެސް ތާއިދުކުރާ ޚާރިޖީ ސިޔާސަތަކީ ހުރިހާ ޤައުމަކާ ގުޅުން ބަދަހިކޮށް ގުޅިގެން މަސައްކަތްކުރުންކަމަށް އެޕާޓީގެ ރައީސް ނާޒިމް ވަނީ ވިދާޅުވެފައެވެ. އެމް.އެން.ޕީއަކީ ވަރަށް ޤައުމީ ރޫޙެއްގައި މަސައްކަތްކުރާ ޕާޓީއެއްކަމަށާއި، އެޕާޓީން ސަރުކާރު ޒިންމާދާރުކުރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ކުރާނީ އެކަންކުރަން އޮންނަ އެންމެ ރިވެތިގޮތުގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާ ސަރުކަރާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމަށް ބުރުއަރާނެފަދަ އެއްވެސްކަމެއް ނުހިމެނޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ރާއްޖެއާއި އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ހާމަވެއްޖެކަމަށާއި، އޭގައި ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމެއް ނެތްކަމަަށް އެ އެއްބަސްވުންތައް ދިރާސާކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީންވެސް ވަނީ ނިންމަވާފައެވެ.

ޔާންޑެ

ވަރައް ރަގަޅު ވާހަކައެއް