ބ.މާޅޮހުގެ ބަނދަރު ހަލާކުވެފައި އޮތުމާއި އެބަނދަރުގެ ޖާގަ ކުޑަވުމަކީ އެރަށުގެ ރައްޔިތުންގެ އަބަދުވެސް ކުރާ އެއް ޝަކުވާއެވެ. ރަށުގައި ބަނދަރެއް އޮތަސް ދިޔަވަރު ހިކިފައި އޮންނަ ވަގުތުތަކުގައި މުދާ ހިފައިގެން ދާ ބޮޑެތި އޮޑިދޯނިފަހަރު އެފަޅަށް ވަދެ ނުކުންނައިރު އޮޑިދޯނިފަހަރު ބީހޭތީ ދަތިތަކާ ކުރިމަތިލާންޖެހެއެވެ. މިފަޅުގައި ރަނގަޅު ބަދަރެއް ތަރައްޤީކުރުމަކީ މާޅޮހު ރައްޔިތުން މިހާރު ކުރަމުންދާ އެންމެބޮޑު އުންމީދެވެ.
ބ.އަތޮޅުގައި އާބާދީ ގޮތުން މަދުން މީހުން ދިރިއުޅޭ އަދިކުދި ރަށްރަށަކީ 2000ވަނަ އަހަރުގެ ކުރީކޮޅު ބަނދަރުގެ އުފާ ހޯދަމުންދިޔަ ރަށްތަކެކެވެ. ގިނަ ރިސޯޓްތަކެއް އެއަތޮޅުގައި ހަދަމުންދިޔަ އެދުވަސްވަރު ކައިރީގައި އޮންނަ ރަށް ބޭނުންކުރަނީ ރިސޯޓް ހަދާ ރަށްތަކުގެ ގުދަނެއްގެ ގޮތުގައެވެ. އެހެންކަމުން މުދާ އަރުވާ ބޭލުމަށް ދަތިވާތީއާއި ރައްޔިތުންގެ އެދުމަށް މިއިން ކޮންމެރަށެއްގައިވެސް ކުޑަ ބަނދަރެއް ތަރައްޤީކުރިއެވެ. އޭރު ހެދޭ އެންމެ ރަނގަޅަކަށް ހެދި ބަނދަރުތައް މިހާރުވަނީ މުޅިންހެން ހަލާކުވެގޮސްފައެވެ. މީގެ ތެރެއިން ތިން ރަށެއްގެ ބަނދަރު މިހާރުގެ ސަރުކާރުން އަންނަނީ ތަަރައްޤީ ކުރަމުންނެވެ. މާޅޮހަކީ އެނަސީބު ލިބުނު ރަށެކެވެ.
މާޅޮހުގައި 1999ވަނަ އަހަރު ބަނދަރެއް ތަރައްޤީކުރީ ވިލާ ގްރޫޕާއި އަތަމާ ގްރޫޕުން ބ.އަތޮޅުގައި ރިސޯޓް ހަދަމުން ދިޔަދުވަސްވަރު އެ ދެފަރާތުގެ ދީލަތި އެހީތެރިކަމާއެކު، އެރަށު ރައްޔިތުންގެ ބުރަ މަސައްކަތުންނެވެ. އެދުވަސްވަރު ހެދި ގިނަ ބަނދަރުތައް ހަލާކުވާން ފެށީ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިޘާއާ ގުޅިގެންނެވެ.
މާޅޮހު ބަނދަރުވެސް އެއަހަރުން ފެށިގެން ހަލާކުވަމުންގޮސް މިހާރުވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ. އެހެން ރަށްރަށާ ޚިލާފަށް މާޅޮހު ކައުންސިލުން ރައްޔިތުންނާ ގުޅިގެން ކުރެވޭވަރަކަށް އައީ ބަނދަރު ތަރައްޤީ ކުރަމުންނެވެ. އެގޮތުން 2015ވަނަ އަހަރު ބަނދަރު ބޭނުން ނުކުރެވޭވަރަށް,އެއްގަމު ތޮށިން ބޮޑުބައެއް އަރި އަޅާލައި ހަލާކުވުމުން ކައުންސިލުން އިސްވެ އެތަން މަރާމާތުކުރިއެވެ.
މާޅޮހުގައި މިސަރުކާރުން ޤާއިމުކުރާ ފެނާ ނަރުދަމާގެ ނިޒާމްގެ ހޮޅިވަޅުލަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ ބަނދަރު ހަލާކުވެ ކުޑަވުމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން މެދުނުކެނޑި ކައުންސިލަށް ލިބޭކަމަށެވެ. އެގޮތުން އެއްގަމު ވާޓަރުން ބޮޑުބައެއް އަރިއަޅާލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބަނދަރުގައި އޮޑި ދޯނިފަހަރު އެޅުމަށް މިހާރު ބޭނުން ކުރަމުން އަންނަނީ ބަނދަރުގެ ހުރަހަށް ހަދާފައިވާ ދެ ސަރަހައްދެވެ. އެއްގަމާ ވީފަޅިން ތޮށިގަނޑާއެކު ބަނދަރުގެ ބޮޑު ބައެއް މިހާރުވަނީ ވެއްޓިފައެއެވެ. މިރަށަކީ ބޮޑެތި އޮޑި ދޯނިފަހަރު ގެންގުޅޭރަށަކަށްވާތީ މިކަމަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"މުދާ ހިފައިގެން އަންނަ ބޮޑެތި އުޅަނދުތަކަށް، ދިޔަވަރު ތިލަ ވެފައި އޮންނަ ވަގުތުތަކުގައި ނުވަދެވޭ. އަދި ނުނުކުމެވޭ. މިހާލުގައި މިހާރު މާޅޮހު ބަނދަރު އޮތީ. މިއީ ރަށުގެ އިޤްތިސާދާ ވަރަށް ބޮޑަށް ގުޅިފައި އޮތްކަމެއް އަދި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން." މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވިއެވެ.
މާޅޮހު ބަނދަރުގެ ބޭރު ތޮށިވެސް މީގެ އެތައްއަހަރެއް ކުރިން ވަނީ ހަލާކުވެ ވެއްޓިފައެވެ. އެހެން ކަމުން އެސަރަހައްދު ފަޅަށް ވެލިވަދެ ފަޅު ތިލަވަމުންދިއުމަކީވެސް ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އެކަމަށް ޙައްލު ހޯދުމަށް ކައުންސިލާއި ރައްޔިތުން ކުރިމަސައްކަތުން ކައިރީގައިއޮތް ސޮނޭވާފުށި ރިސޯޓުން އުކާލުމަށް ނެގި މޫދު ކޮޓަރިތަކެއްގެ ބުޑުތަކެއް އެސަރަަހައްދުގައި ޖައްސައި އެތަން ވަނީ ޙިމާޔަތްކޮށްފައެވެ. ރައްޔިތުންނާއި ކައުންސިލް ގުޅިގެން ކުރި މިމަސައްކަތުންވެސް ފަޅު ތިލަވުމުގެ މައްސަލަ ހައްލުނުވާކަމަށް މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވިއެވެ.
މާޅޮހު ބަނދަރު ތަރައްޤީ ކުރުމަށް މިއަހަރުގެ ދައުލަތުގެ ބަޖެޓްގައިވެސް އޮތީ ހިމަނާފައެވެ. މާޅޮހު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ލަސްތަކެއްނުވެ ފެށިގެން ދިއުމަކީ އެރަށު ރައޔިތުންކުރާ އެންމެ ބޮޑު އުންމީދެވެ.