ސިޔާސީ

ފުލުހުންގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދޭން މަސައްކަތް އެބަކުރަން: މަޚްލޫފް


ފުލުހުންގެ މުއައްސަަސާ ތެރެއިން ޒުވާނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓަރ މަޚްލޫފް މިހެން ވިދާޅުވީ، ޔޫތު މިނިސްޓްރީއާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމުގެ ނިމުން ފާހަގަކުރުމަށް ދޫނިދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވީ، ޒުވާނުން ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް ތަފާތު އެކި ދާއިރާތަކުން ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އެފަދަ ފުރުޞަތުތަކުގެ ބޭނުން ޒުވާނުން އެންމެ ފުރިހަމަގޮތުގައި ހިފަންޖެހޭކަމަށެވެ. އަދި ކާމިޔާބު ދިރިއުޅުމަކަށް ހިތްވަރާއެކު ކަންކަމާއި ކެރިގެން ކުރިމަތިލާ ބަޔަކަށް ޒުވާނުންވާންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމަށް އިޝާރަތްކުރައްވާ މިނިސްޓަރ މަޚްލޫފް ވިދާޅުވީ، ފުލުހުންގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

"މި ޕްރޮގްރާމާ ގުޅިގެންވެސް އިތުރަށް މިނިސްޓްރީއާއި ޕޮލިސް ސަރވިސްއާވެސް ވާހަކަ އެބަދެކެވޭ އިތުރު ފުރުޞަތުތަކެއް ޒުވާނުންނަށް ހޯދައިދިނުމަށް ކިހިނެއްތޯ ހެދޭނީ. އެހެންވީމަ އެ މަޝްވަރާތައް ކުރިއަށްގޮސް ކިރިޔާވެސް ޖާގައެއް ލިބިއްޖެއްޔާ އަޅުގަނޑަށް ހީވަނީ މީގެ ތެރެއިންވެސް ބައެއް ކުދިންނަށް ފަހަރުގައި ފުރުޞަތެއް ލިބުމުގެ ޖާގަ ހަމަ އެބައޮތްހެން" މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.

މިނިސްޓަރ މަޚްލޫފް ވިދާޅުވީ، ޒުވާނުން ބިނާކޮށް ބާރުވެރިކުރުވުމަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވީނަމަވެސް، ކޯވިޑް-19ގެ ސަބަބުން ފާއިތުވި 2 އަހަރު އެފަދަ ޕްރޮގްރާމްތައް އެންމެ ބޭނުންވި މިންވަރަށް ނުހިންގުނުކަމަށެވެ. ނަމަވެސް އަންނަ އަހަރު ތަފާތު އެކި ދާއިރާތަކުން ޒުވާނުންނަށް ޚާއްސަ ގިނަ ހަރަކާތްތަކެއް މިނިސްޓްރީގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންނާއި ގުޅިގެން ކުރިއަށްގެންދިޔަ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމުގައި ފުލުހުންގެ އިސްވެރިންނާއި އެކި ޑިޕާޓްމަންޓްތަކުން ދެއްވި އެއްބާރުލުން ފާހަގަކޮށް، ޒުވާނުންނާއި ގުޅުންހުރި ކަންކަމަށް ފުލުހުންގެ މުއައްސަސާއިން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް މިނިސްޓަރ މަޚްލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

2 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި 22 ޒުވާނަކު ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމުގެ ތެރެއިން ތަފާތު އެކި ވަޒީފާތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސެޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ. މި ސެޝަންތަކުގައި ރަނގަޅު ދިރިއުޅުމަކަށް ވަޒީފާއަދާ ކުރުމުގެ މުހިންމުކަމާއި، ވަޒީފާގައި ކުރިއަށް ދިއުމާއި މަސައްކަތު މާހައުލުގައި އުޅޭއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމާއި، އަދި އެ ޑިޕާޓްމަންޓުތަކަށް ޒިޔާރަތްކޮށް، މަސައްކަތްތައް ބަލައިލުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ބައިވެރިންނަށް ދީފައިވެއެވެ.