ޚަބަރު

ފޮނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި


ލ.ފޮނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ، ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ފޮނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ. މަގުހެދުމުގެ ދެވަނަ ފިޔަވަހީގެދަށުން ފޮނަދޫގެ 3.64 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދު ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. އަލަށް ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުތަކަކީ ގިނަ ކަންތައްތަކަކާއެކު ފުރިހަމަ ކުރާ މަޝްރޫޢުތަކެކެވެ.

އެގޮތުން ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގައިވެސް، އެރަށަށް ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލައަށް ޙައްލުގެނައުމަށް ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ. މީގެއިތުރުން މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީ ނިޝާންތައް ހަރުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ފުނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 53.99 މިލިއަން ރުފިޔާއަށެވެ.

މަގުތައް ހަލާކުވެ އަޑިގުޑަންވުމާއި، އަދި ފެންބޮޑުވުމުގެ މައްސަލަ ބޮޑުވެ ފޮނަދޫގެ މަގުތައް ފުރަތަމަ ތަރައްޤީކުރަން ފެށީ 2017ވަނަ އަހަރުއެވެ. ނަމަވެސް ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓިފައިވަނިކޮށް، އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެން އަލުން ފަށާފައިވަނީ 2019ވަނަ އަހަރުގެ ޖޫން މަހުއެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާ، މިހާރުވަނީ އާއްމުންނަށް މަގުތައް ބޭނުންކުރަން ހުޅުވާލާފައެވެ.

ފުރަތަމަ ފިޔަވަހީގެދަށުން ރަށުގެ 13މަގެއް ތާރުއަޅައިގެން ތަރައްޤީކޮށްފައިވެއެވެ. އެއީ 3.5 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދެވެ. މަގުތަކުގައި ފެންހިންދާ ނިޒާމާއި ހިނގާ މީހުންނަށް ޚާއްސަކޮށް ޕޭމަންޓްވެސްވަނީ ހަދާފައެވެ.

ފުނަދޫގައި ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރި މަގުތަކަކަކީ ރަށުގައި މުހިންމު މުޢައްސަސާތައް ހުރި މަގުތަކެވެ. އޭގެތެރޭގައި ހިމެނެނީ އޮފީސްތަކާއި މިސްކިތް އަދި ސްކޫލަށް ދާންވެސް އާއްމުކޮށް ރަށުގެ ރައްޔިތުން ބޭނުންކުރާ މަގުތަކެވެ.

ދެވަނަ ފިޔަވަހީގެ މަގުތައްވެސް ތަރައްޤީކުރަނީ މި މަގުތަކާ ގުޅޭހެން، އާއްމު ޚިދުމަތްތަކަށް އެންމެ ގިނައިން ބޭނުންކުރަމުންދާ މަގުތައް ހިމެނޭގޮތަށެވެ.